ސަރުކާރާ އެކުގައި މަސައްކަތްކުރަން ޑިމޮކްރެޓުން ރައީސް އަރިހަށް

ދި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒު: ޑިމޮކްރެޓްސްއިން ވަނީ ރައީސާ ބައްދަލުކުރައްވާފައި -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރާ ދެކޮޅަށް އެމްޑީޕީއާ ގުޅިގެން ވެސް މަސައްކަތްތަކެއް ކުރުމަށް ފަހުގައި ސަރުކާރާ އެކުގައި މަސައްކަތްކުރަން ދަ ޑިމޮކްރެޓްސް ޕާޓީގެ އިސް ބޭފުޅުންތަކެއް އިއްޔެ ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައިފިއެވެ.

ޑިމޮކްރެޓްސްގެ އިސް ބޭފުޅުން މީގެ ކުރިން ވަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެ ޕާޓީގެ ރައީސް ހަސަން ލަތީފާއި ނައިބު ރައީސް މުޙައްމަދު ޝިފާޒް ވަނީ އިއްޔެ ރައީސް މުއިއްޒާ ބައްދަލުކުރައްވާފައެވެ. ބައްދަލުކުރައްވަން ރައީސް އޮފީހަށް ވަޑައިގެންކަން ޝިފާޒް ވަނީ 'ސަން'އަށް ޔަގީންކޮށްދީފައެވެ. މިއީ އެ ޕާޓީގެ އިސް ބޭފުޅުންނާއި ރައީސް ބައްދަލުކުރެއްވި ދެވަނަ ފަހަރެވެ.

ބައްދަލުވުމާ ގުޅޭ ތަފުސީލު ދެއްވަމުން ޝިފާޒް ވިދާޅުވީ، ރައީސާ މަޝްވަރާކުރީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް އެ މަނިކުފާނު އިއުލާނުކުރައްވާފައި އޮތުމުން އެ މަސައްކަތުގައި ސަރުކާރާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާތީ ކަމަށެވެ. އެ ގޮތުން، އެ މަސައްކަތުގައި ޑިމޮކްރެޓްސްއިން ވީހާ ވެސް ބޮޑަށް ބައިވެރިވާން ބޭނުންވާ ކަމަށް ރައީސަށް ދެންނެވިން ކަމަށް ޝިފާޒް ވިދާޅުވިއެވެ.

މީގެ އިތުރުން، ޑިމޮކްރެޓްސްގެ ސިޔާސަތުތަކުގެ ތެރެއިން މި ސަރުކާރަށް ތަންފީޒުކުރެވޭނެ ސިޔާސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވި ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/193606

"ސަރުކާރުން ގާނޫނުއަސާސީ އިސްލާހުކުރާއިރު ޑިމޮކްރެޓްސްއިން ބައިވެރިވާ ކަމަށްވަންޏާ ސަރުކާރާ އެކީގައި ކުރާ މަސައްކަތަކަށްތާ ވާނީ އެއީ،" ސަރުކާރާ އެކީގައި މަސައްކަތްކުރައްވަނީތޯ ސުވާލުކުރުމުން ނުސީދާ ގޮތެއްގައި އޭނާ ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ފަހާ ޖެހެންދެން ވެސް ޑިމޮކްރެޓްސްގެ އިސް ބޭފުޅުން، ހަސަން ލަތީފް ވެސް ހިމެނޭ ގޮތަށް ވަނީ ރައީސް މުއިއްޒާއި މި ސަރުކާރަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެ ގޮތުން، މި ސަރުކާރުން ވަޒީފާގެ ބިރު ދައްކާ ކަމަށް ވެސް ޑިމޮކްރެޓްސްއިން މީގެ ކުރިން ވަނީ ތުހުމަތުކޮށްފައެވެ.

އެނގިފައިވާ ގޮތުގައި ޑިމޮކްރެޓްސްގެ ބޭފުޅުން ރައީސާ ބައްދަލުކުރެއްވުމުން ޕާޓީގެ ތެރޭގައި ވެސް ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ޚާއްސަކޮށް އާންމު މެންބަރުން ވަނީ ޑިމޮކްރެޓްސްގެ ބައެއް ވަޓްސްއެޕް ގްރޫޕުތަކުގައި އެ ކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީސް އިންތިޚާބާ ގާތްކޮށްފައި ޑިމޮކްރެޓްސްއިން ވަނީ އިދިކޮޅު އެމްޑީޕީއާ ގުޅިގެން ސަރުކާރާ ދެކޮޅަށް ވެސް މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން، ސަރުކާރާ ދެކޮޅަށް އެކުގައި މަސައްކަތްކުރަން މިދިޔަ 19 ވަނަ މަޖިލީހުގައި ޑިމޮކްރެޓުން ވަނީ އެމްޑީޕީއާ އެކުގައި އެއްބަސްވެފައެވެ.

https://sun.mv/190950

ޑިމޮކްރެޓްސްގެ ބާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެނބުރި އެމްޑީޕީއަށް ވަޑައިގަންނަވާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާ ގުޅިގެން މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ދޭހަވާ މޭރުމަކުން މި ފަހުން ވެސް ވާހަކަދައްކަވާފައެވެ.

މިދިޔަ ރިޔާސީ އިންތިޚާބު ދުވަސްވަރު އޭރު އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑުވެ، ނަޝީދަށް ތާއީދުކުރައްވާ މެންބަރުން އެކީގައި އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދީ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވުމުންނެވެ.

އޭގެ ފަހުން ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބުގައި ވެސް އެ ޕާޓީން ވާދަކުރިއެވެ. މި ފަހަރުގެ މަޖިލީސް އިންތިޚާބުގައި ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއް ވެސް ކާމިޔާބެއް ނުކުރެވެއެވެ.

comment ކޮމެންޓް