އާންމު، ތަނަވަސްކަން ނެތް ރައްޔިތު މީހާއަަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތަނުގައި އިތުރަށް ފެންނާނެ ކަމަށެވެ.
މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދެއްވާނެ ކަމަށެވެ.
ރައީސް މިފަަދައިން ވިދާޅުވެ ޕޯސްޓެއް ކުރެއްވިއިރު މިފަަހުން ސަރުކާރުން ނިންމި ނިންމުންތަކަށް އިދިކޮޅު އެމްޑީޕީގެ އިސްވެރިންގެ ފާޑުކިޔުން އަންނަނީ އަމާޒުކުރަމުންނެވެ.
އެ ކަންކަމާ ގުޅުވައި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ވަނީ މި ވެރިކަމަށްވީ އެއް އަހަރުގެ ތެރޭ މަސައްކަތްކުރެއްވީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށް ވިދާޅުވެފައެވެ. އަދި މަސައްކަތް ކުރެއްވީ ރައްޔިތުން އެދޭ އަމާޒު ހާސިލްކުރައްވަން ކަމަށް ވިދާޅުވިއެވެ.
"އެހެންވެގެން ގިނަ ދުވަސްތަކެއް ވަންދެން އަތްނުލާ ހުރި ބޮޑެތި މައްސަލަތައް ހައްލުކުރެވޭތޯ އަޅުގަނޑު ބަލަމުން މި އަންނަނީ. ވަރަށް ގިނަ ކަންތައްތަކެއް ފަސޭހައަކަށް ޓަކައި، ކޮމްފޯޓް ޒޯންގައި ތިބުމަށް ޓަކައި މިދިޔަ ޒަމާންތަކުގައި އަޅައިނުލެވި ހުރި ގިނަ ކަންތައްތަކެއް އެބަހުރި،" ރައީސް ވިދާޅުވިއެވެ.
ސަރުކާރުން އަޅަން ނިންމި ބައެއް މުހިންމު ފިޔަވަޅުތަކުގެ ތެރޭ އާސަންދަ އިސްލާހުކުރުމުގެ ފިޔަވަޅުތަކާއި، ދައުލަތުން ޚަރަދުކުރާ އެކި ސްކީމްތައްކަމަށްވާ 65 އަހަރުވުމުން ދޭ ފައިސާގެ ސްކީމް އިސްލާހުކުރުމަށް އަޅާ ފިޔަވަޅުތައް ހިމެނެއެވެ.
މީގެ އިތުރުން ވޭޕް ބޭނުންކުރުން ހުއްޓުވުން ފަދަ ފިޔަވަޅުތައް ވެސް ހިމެނެއެވެ. އަދި ޑޮލަރުގެ މައްސަލަ ހައްލުކުރަން ނިންމި ނިންމުންތައް ހިމެނެއެވެ.
ނަަމަވެސް މި ކަންކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެއެވެ.