ޚިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް އެކުގައި ކުރިއަށްދާން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ދެއްވި ދައުވަތާ އެއްގޮތަށް ކުރިއަށް ދެވޭނެކަމުގެ އުންމީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް މިއަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް މިއަދު ވަނީ 19 އަހަރު ފުރިފައެވެ. ދުވަހުގެ މުނާސަބަތުގައި 'ރާއްޖެޓީވީ'ގައި ވާހަކަދައްކަވަމުން ޞާލިޙް ވަނީ އެކުގައި ކުރިއަށްދާން ދަ ޑިމޮކްރެޓްސްއަށް ދައުވަތު ދެއްވައިފައެވެ.
އެމްޑީޕީގެ އެޑްވައިޒަރުކަން ކުރައްވާ ޞާލިޙް މިއަދު ދެއްކެވި ވާހަކަފުޅު ހިއްސާކުރައްވާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ޞާލިޙް ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެއް ކަމަށެވެ. އަދި، ޞާލިޙް ވިދާޅުވި މިސްރާބު އެންމެންނަށް އެކުގައި ހާސިލުކުރެވޭނެކަމުގެ އުންމީދު އެ މަނިކުފާނު ވެސް ކުރައްވާ ކަމުގައި ނަޝީދު ވިދާޅުވިއެވެ.
ޞާލިޙް ވިދާޅުވީ، އެމްޑީޕީއަށް މިދިޔަ ރިޔާސީ އިންތިޚާބު ގެއްލުނީ ނަޝީދާއި އެ މަނިކުފާނާ އެކުގައި މަސައްކަތްކުރައްވާ ބޭފުޅުން އެމްޑީޕީ ދޫކޮށްލެއްވުމުންނެވެ.
"މިއީ އަޅުގަނޑުމެން އެންމެންގެ ޕާޓީ. އެކީގައި އުފައްދާފައިވާ ޕާޓީއެއް. އެކީގައި ވަޑައިގަންނަވަންވީ ހަމަ. ޒާތީ މައްސަލަތަކާއި އަދި އަޅުގަނޑާ ދޭތެރޭ ހުރި މައްސަލައެއް ވިޔަސް އެކަން އެއް ފަޅީގައި ބާއްވާފައި ގައުމަށާއި އަދި އަޅުގަނޑުމެން މި ކުރި މަސައްކަތް ނިމުމަކަށް ނުދޭ،" ޞާލިޙް ވިދާޅުވިއެވެ.
"އެކީގައި މަސައްކަތް ކުރެވޭނެ. ނޫނީ އެއީ ރައްޔިތުންނަށް ދެވޭނެ ވަރަށް ބޮޑު ދެރައެއް. އެމްޑީޕީއާ ދޭތެރޭގައި ރައްޔިތުންގެ އުއްމީދުތަކެއް އޮވޭ،"
ޞާލިޙް ވިދާޅުވީ އެ މަނިކުފާނު މިހާރު ކުރަމުން އަންނަ މަސައްކަތަކީ އެމްޑީޕީ ބައިބައިވިޔަނުދީ ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުން ކަމަށެވެ. ކަންކަމާ ގުޅޭގޮތުން ޕާޓީގެ ލީޑާޝިޕުން އެ މަނިކުފާނުގެ ލަފާފުޅު ހޯދަމުން އަންނަ ކަމަށް ޞާލިޙް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެމްޑީޕީއަށް އެނބުރި އާދެވޭނީ އެއްކޮށް އެކަތިގަނޑެއްގެ ގޮތުގައި އަޅުގަނޑުމެން ތިބެގެން. 2026 ވަނަ އަހަރު އެބައޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު. އެއަށްފަހު 2028 ވަނަ އަހަރު ރިޔާސީ އިންތިޚާބަށް ދާއިރުގައި އަޅުގަނޑުމެންނަށް އެއްކޮށް ތިބެވިއްޖެއްޔާ އިރާދަކުރެއްވިއްޔާ ދެން އަންނަ ދައުރެއްގައި އަޅުގަނޑުމެންނަށް ވެރިކަމަށް އާދެވޭނެ،" ޞާލިޙް ވިދާޅުވިއެވެ.
އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީ ދެބައިވެގެން ދިޔައީ ނަޝީދާއި ޞާލިޙާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުންނެވެ. އެމްޑީޕީ ފެށުނީއްސުރެ އޭރު ލީޑް ކުރައްވަމުން ގެންދެވި ނަޝީދު ބޭނުންފުޅުވީ ޞާލިޙްގެ ވެރިކަމުގެ ވަކި ހިސާބަކުން ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، އެ މަނިކުފާނު ބޮޑު ވަޒީރަކަށް ވަޑައިގަންނަވާށެވެ.
ނަމަވެސް، ޞާލިޙް އެ ފުރުސަތެއް ނުދެއްވިއެވެ. އެއާއެކު ތަފާތު އެކިއެކި މައްސަލަތައް ޖެހެމުންގޮސް ޕްރައިމަރީން ނާކާމިޔާބުވުމާ އެކު ނަޝީދާއި އެ މަނިކުފާނަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުންނާއި އާއްމުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވިއެވެ.
މިދިޔަ ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އުފެއްދި ޑިމޮކްރެޓްސްއިން ރިޔާސީ އިންތިޚާބުގައި ވާދަވެސް ކުރިއެވެ. އެކަންވީ ދެވަނަ ދައުރެއް ހޯއްދެވުމަށް އެމްޑީޕީން ވާދަ ކުރެއްވި ޞާލިޙްގެ ވޯޓުތައް ބައިވައިވެގެން ދިޔަ ކަމަށެވެ.
އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވުމާ އެކު ނަޝީދު ވަނީ އެ ޕާޓީގެ ލީޑާޝިޕުން ބޭނުންވާނަމަ އެނބުރި އެމްޑީޕީއަށް ގުޅެން ތައްޔާރަށް ހުންނެވިކަން ހާމަކުރައްވައިފައެވެ. ނަމަވެސް، ދެވަނަ ދައުރެއް ނުލިބުނު މައިގަނޑު އެއް ސަބަބަކީ ނަޝީދު ކަމަށް ގަބޫލުކޮށްގެން ތިބި އެމްޑީޕީގެ ގައުމީ މަޖިލީހުން އެގޮތް ބޭނުމެއް ނުވިއެވެ. އޭގެ މާ ގިނަ ދުވަސްތަކެއް ނުވެ، ވަގުތީ ގޮތުން ސިޔާސީ މަސައްކަތާ ދުރަށް ވަޑައިގެންނެވީކަން އިއުލާންކުރައްވައި ތިމާވެށީގެ ޖަމިއްޔާއެއް ހިންގެވުމަށް ނަޝީދު ވަނީ ދިރިއުޅުން ގާނާއަށް ބަދަލު ކުރައްވައިފައެވެ.