ވަގުތީ މެޑެއްޔެއް ޖަހަން، ސިނާއަތެއް ފުނޑާލުމަކީ ރައްޔިތުންގެ ފަޅިއަށް އެރުމެެއްނޫން: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ވިދާޅުވީ ސިޔާސީ ގޮތުން ވަގުތީ މެޑެއްޔެއް ޖަހާލަން، ސިނާއަތެއް ފުނޑާލުމަކީ ރައްޔިތުންގެ ފަޅިއަށް އެރުމެެއް ނޫން ކަމަށް -- ސަން ފޮޓޯ

ސިޔާސީ ގޮތުން ވަގުތީ މެޑެއްޔެއް ޖަހައިލުމަށް ސިނާއަތެއް 'ފުނޑާލުމަކީ' ރައްޔިތުންގެ ފަޅިއަށް އެރުންނޫން ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަރަށް ބޮޑަށް ސަރުކާރަށް މިއަދު ފާޑުވިދާޅުވެއްޖެއެވެ.

ޓޫރިސްޓު ރިސޯޓުތަކުން ކޮންމެ މަހެއްގެ ތެރޭ އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު މާރުކުރަން މަޖުބޫރުކުރުމަށް މިދިޔަ މަހުގެ އެކެއްގައި އެމްއެމްއޭއިން ވަނީ ގަވައިދެއް ގެޒެޓުކޮށްފައެވެ. އެ ގަވައިދަށް ހަމަ އެ ދުވަހު ވަނީ އަމަލުކުރަން ފަށައިފައެވެ.

ބޮޑެތި ބްރޭންޑްތައް ހިމެނޭގޮތަށް އެތައް ރިސޯޓަކުންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ޖަމިއްޔާތަކުން އަންނަނީ ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ޑޮލަރު މާރު ކުރަން ހުރި ދަތިކަން ހާމަކުރަމުންނެވެ.

އެ ގަވައިދާ ގުޅުވައި ނުރުހުން ފާޅުކުރައްވައި، ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދާއިރާއާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާނުކޮށް، ސަރުކާރުން ކަންކަން ކުރަން އުޅުމުން ފެންނަނީ އެންމެ ބޮޑު ސިނާއަތަށް ބޮޑެތި ގެއްލުންވާ މަގަށް ކަންކަން ދާތަން ކަމަށެވެ.

އެގޮތުން، އިގްތިޞާދީ މައިބަދައަކީ ރައްޔިތުންގެ ތެރެއިން އުފެދިގެން އަންނަ ވިޔަފާރިތައް ކަމަށްވާއިރު، ސަރުކާރުތަކުން ވިޔަފާރިއާ ގުޅުންހުރި ސިޔާސަތުތަކަށް ބޮޑެތި ބަދަލު ގެންނަންވާނީ އެ ފަރާތްތަކަށް ގެއްލުން ނުވާގޮތަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، އެ ފަދަ ސިޔާސަތުތަކަށް ބަދަލުތައް ގެނައުމުގެ ކުރިން އެ ފަރާތްތަކާ މަޝްވަރާކޮށް، ގޮތް ނިންމުމަކީ އެންމެ ރަނގަޅު ގޮތެވެ. އަދި، ސިޔާސީ ގޮތުން ވަގުތީ މެޑެއްޔެއް ޖަހާލަން ސިނާޢަތެއް ފުނޑާލުމަކީ ރައްޔިތުންގެ ފަޅިއަށް އެރުން ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްއެމްއޭއިން ނެރުނު ގަވާއިދުގައި ވާގޮތުން، ކެޓަގަރީ "އޭ"ގައި ހިމެނޭ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ވާނެއެވެ.

"އޭ" ކެޓަގަރީގައި ހިމެނެނީ ގްރީން ޓެކްސް ދައްކަންޖެހޭ ޓޫރިސްޓުން އަންނަ ތަންތަނުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިޒޯޓުތަކާއި ރިޒޯޓު ހޮޓާތަކެވެ.

comment ކޮމެންޓް