ހޯމް މިނިސްޓަރު އަލީ އިހުސާން، ދަ ޑިމޮކްރެޓްސްއާ ގުޅޭ ގޮތުން އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކަވައިފައިވާ ކަމަށް ތުހުމަތުކުރައްވައި، އެ ޕާޓީގެ ރައީސް ހަސަން ލަތީފު މިއަދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފިއެވެ.
ޑިމޮކްރެޓުންގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް ވާދަކުރެއްވި ލީލާ އިބްރާހިމް މަނިކު، އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ހަނާން މުހައްމަދު ރަޝީދަށް ތާއީދުކުރުމާ ގުޅިގެން މިނިސްޓަރު އިހުސާން ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވެސް ޑިމޮކްރެޓްސްއިން ޕީއެންސީއަށް ތާއީދުކުރި ކަމަށް ވިދާޅުވެފައެވެ.
އެ ކަމާ ގުޅިގެން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި މިއަދު 'ސަން'އާ ވާހަކަދައްކަވަމުން ހަސަން ވިދާޅުވީ، ޑިމޮކްރެޓްސްއިން ގަރާރަކުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރާން ނިންމާފައިވާ ކަމަށެވެ.
އެކަމަކު، މިނިސްޓަރު އިހުސާން އެ ކަމާ ގުޅޭ ގޮތުން ކަނޑައެޅިގެން ހަގީގަތް އޮޅުވައިލި ކަމަށް ހަސަން ވިދާޅުވިއެވެ.
"އިހުސާން އަޅުގަނޑުމެންގެ ގުރައިދޫ ދާއިރާގެ ކެންޑިޑޭޓު ގޮވައިގެން އިންނަވާ ވިދާޅުވަނީ ޑިމޮކްރެޓްސްއިން މީގެ ކުރިން ވެސް އެބަހުއްޓޭ ނިންމާފައި މި ކަހަލަ ހާލަތްތަކުގައި މިވެނިކަމެއް ކުރަން އެވެނި ކަމެއް ކުރަން. އެގޮތުން [ރައީސް ޑރ. މުހައްމަދު] މުއިއްޒަށް ތާއީދުކުރަން ވެސް ނިންމިއޭ،" އޭނާ ވިދާޅުވިއެވެ.
"ކަނޑައެޅިގެން ދޮގެއް އެއީ. އަޅުގަނޑުމެން އޮންނާނީ ގަރާރަކުން ނިންމާފައޭ އެއްވެސް ޕާޓީއަކަށް ތާއީދުނުކުރާން ދެވަނަ ބުރުގައި،"
ހަސަން ތުހުމަތުކުރެއްވި ގޮތުގައި މިނިސްޓަރު އިހުސާން މީގެ ކުރިން ވެސް އެކިއެކި ކަންކަމުގައި އޮޅުވައިލާފައެވެ. އޭނާ ވަނީ އެފަދަ ކަންކަން ކުރައްވާ ބޭފުޅަކު ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެފައެވެ.
"އެގޮތަށް އުޅުއްވާ ބޭފުޅަކު ހޯމް މިނިސްޓަރަކަށް ހުންނެވުމަކީ ޑިމޮކްރެޓްސްގެ ރައީސްގެ ހައިސިއްޔަތުން ވަރަށް ކަންބޮޑުވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ލީލާ، ޕީއެންސީއަށް ތާއީދުކުރުމާ ގުޅިގެން އާދިއްތަ ދުވަހު ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވަނީ ބިނާކުރަނިވި ސިޔާސީ ހަރަކާތަކީ އެއީ ކަމަށް ވިދާޅުވެ، ޑިމޮކްރެޓްސްއަށް ތައުރީފުކުރައްވައިފައެވެ. އަދި، މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ޑިމޮކްރެޓްސްއިން ރައީސް މުއިއްޒަށް ތާއީދުކުރި ކަމަށް އިހުސާން ވިދާޅުވިއެވެ.
ލީލާގެ އިތުރުން، ތިމަރަފުށީ ދާއިރާއަށް ވާދަކުރާ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ފާތިމަތު ޒިލްމާ ވެސް ވަނީ، އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ އަހްމަދު ރިޔާޒަށް ތާއީދުކޮށްފައެވެ. ތިމަރަފުށީ ދާއިރާއަށް ޕީއެންސީގެ ކެންޑިޑޭޓެއް ހުއްޓަސް ސަރުކާރުގެ ކެންޑިޑޭޓަކީ ރިޔާޒު ކަމަށް ބައެއް މިނިސްޓަރުން ވަނީ ވިދާޅުވެފައެވެ.
ޑިމޮކްރެޓްސްއިން މިހާރު ވަނީ އެހެން ކެންޑިޑޭޓުންނަށް ތާއީދުކުރި ދެ ކެންޑިޑޭޓުންނަށް ޕާޓީން ކުރި ތާއީދު އަނބުރާ ގެންގޮސްފައެވެ.