އިޒްރޭލު ޕާސްޕޯޓު މައްސަލަ އެޖެންޑާނުކޮށް ''ދިރާސާ'' ކުރާތާ 40 ދުވަސް

ޕީއެެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު: އޭނާ ވިދާޅުވީ އިޒްރޭލު ޕާސްޕޯޓު މައްސަލަ ދިރާސާ ކުރަމުންދާ ކަމަށް -- ފޮޓޯ/ މަޖިލިސް

އިޒްރޭލު ފަތުރުވެރިންނަށް ރާއްޖެ ނާދެވޭ ގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު، ކޮމިޓީ މަރުހަލާގައި އޮންނަތާ 40 ދުވަސް ވީއިރު، އަދިވެސް އެޖެންޑާނުކޮށް ދިރާސާ ކުރަމުންދާ ކަމަށް ޕީއެެންސީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް އެ މައްސަލަ ދިރާސާކުރަން ފޮނުވީ މިދިޔަ މަހުގެ 10 ވަނަ ދުވަހުއެވެ. މިހާތަނަށް 40 ދުވަސްވީއިރު އަދިވެސް އެ މައްސަލަ ކޮމިޓީގައި އެޖެންޑާއެއް ނުކުރެއެވެ.

އެކަމާ ގުޅިގެން މިއަދު "ސަން" އިން ސުވާލުކުރުމުން 241 ކޮމިޓީގެ ނައިބު މުގައްރިރުކަން ވެސް ކުރައްވާ ފަލާހު ވިދާޅުވީ، އެ މައްސަލަ ކޮމިޓީގައި އެޖެންޑާ ކުރާނެ ދުވަހެއް އަދި ދަންނަވަން ނޭނގޭ ކަމަށެވެ.

ފަލާހު ވިދާޅުވީ، އެއީ ވަރަށް މުހިންމު މަސައްކަތެއް ކަމުން އަދި ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އެގޮތުން މިހާރު އެ މައްސަލައާ ގުޅިގެން ދިރާސާތަކެއް ކޮމިޓީން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/194126

މީގެ ދެ ހަފުތާއެއް ކުރިން އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ވެސް ވަނީ އެ މައްސަލަ ލަސްވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމްޑީޕީން ބުނާ ގޮތުގައި އެ ބިލު، ކޮމިޓީ މަރުހަލާގައި އޮތީ "ތާށިވެފަ"އެވެ.

އޭރު ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވީ އެ ބިލަށް ސަރުކާރުގެ މެންބަރުން މަޖިލީހުގައި ރަނގަޅަށް ބަހުސް ވެސް ކޮށްފައިނުވާ ކަމަށެވެ. އެ ކަމުގެ ސަބަބެއްގެ ގޮތުގައި އެ މެންބަރުން ދެއްކެވީ "އެ ބިލުގެ ބަހުސްގައި ބައިވެރިނުވީ އެ ބިލު އަވަސްކުރަންވެގެން" ކަމަށް ޒިޔާދު ވިދާޅުވިއެވެ.

އިޒްރޭލު މީހުންނާއި އެ ގައުމުގެ ޕާސްޕޯޓު އޮންނަ އެންމެންނަށް ރާއްޖެ ނާދެވޭ ގޮތަށް ޕާސްޕޯޓު މަނާކުރަން ބިލެއް ހުށަހެޅުއްވީ އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. ސަރުކާރުން ނިންމީ، އެ ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާގައި ބިލަށް ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތައް ގެންނާށެވެ.

އެއާއެކު ޖުމުލަ 88 މެންބަރުންގެ ވޯޓާ އެކު އިޒްރޭލު ޕާސްޕޯޓު މަނާކުރާ މައްސަލަ 241 ކޮމިޓީއަށް ފޮނުވީއެވެ.

ސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމީ އެކަން ކުރަން ގޮވާލައި މުޒާހަރާ ވެސް ކުރަމުން އަންނަނިކޮށެވެ.

comment ކޮމެންޓް