އުސޫލުން ބޭރުން 50 ގޯތި ދިންކަމަށް ބުނެ މައްސަލަ ބަލަން މަޖިލީހަށް ހުށަހަޅައިފި

އުސޫލުން ބޭރުން 50 ގޯތި ދީފައިވާކަމަށާއި، މިއީ ސަރުކާރަށް ވެސް އެނގިގެން ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކުރައްވައި، އެ ކަން ރައްޔިތުންގެ މަޖިލީހުން ބެލުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) މިރޭ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި އެ ސިޓީގައިވަނީ މިހާތަނަށް ހާމަވެފައިވާ ގޮތުގައި އުސޫލުން ބޭރުން 50 ގޯތި ދޫކޮށްފައިވާކަން އެނގޭ ކަމަށެވެ. އެ ގޯތިތަކުގެ ޖުމްލަ އަގު 400 މިލިއަނަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި އެޗްޑީސީން މިކަން ކުރާކަން ހައުސިން މިނިސްޓްރީއަށް އެނގޭތާ ވެސް ފަސް މަސް ދުވަސް ފާއިތުވެފައިވާ ކަމަށް މެންބަރު ކުޑޫ ތުހުމަތުކުރެއްވިއެވެ. ނަމަވެސް އެ ކަމުގައި މިނިސްޓްރީން ނުވަތަ ސަރުކާރުން ވެސް ފިޔަވަޅެއް އަޅައިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ދައުލަތަށް އެއްވެސް މަންފާއެއް ނުވާ ގޮތަށް، ދައުލަތުގެ އަގުހުރި ބިންތަކެއް ވިއްކައިލައިފައިވާ މައްސަލައަކަށް ވާތީ، އެ ކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭކަމަށް ދެކިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އެ ކަން ހިނގި ގޮތް ބެލުމަށާއި، އެ ކަމުގައި ޝާމިލުވާ މީހުން ދެނެގަނެ، އެ ކަން އިތުރަށް ހިނގައިދިޔަ ނުދިނުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ކަމާބެހޭ މުއައްސަސާތަކަށް އެންގުމަށް މަޖިލިސް މެދުވެރިކޮށް މައްސަލަ ބަލައިދިނުމަށް އޭނާ ވަނީ ހުށަހަޅުއްވައިފައެވެ.

ބިންތަކުގެ މައްސަލަ ފެންމަތިވެފައި މިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން، ގޯތި ލިބޭ މީހުންގެ ލިސްޓުގައި ހިމެނިފައި ނެތް ބަޔަކަށް ގޯތި ދިންކަަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.

https://sun.mv/200393

"ސަން"އަށް ލިބިފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވި ނަމަވެސް ގޯތި ލިބިފައިވާ މީހުންގެ ތެރޭގައި، ހުޅުމާލެ ބަލަހައްޓާ ކުންފުނި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދު ހިމެނެއެވެ.

comment ކޮމެންޓް