އަބްދުއްރަޙީމް ކޯފާވެ، މުހައްމަދު އިސްމާއިލަށް: ބޭނުންހާ ވާހަކައެއް ނުދެއްކޭނެ

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް (ކ) އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުޙައްމަދު އިސްމާއިލް (ވ): އަބްދުއްރަޙީމް ވިދާޅުވީ ބޭނުންހާ ވާހަކައެއް ދައްކަން ފުރުސަތު ނުދެއްވާނެ ކަމަށް -- ފޮޓޯ/ މަޖިލީސް

ވިލިމާލެއަށް ސަރުކާރުތަކުން އަޅައިނުލާ ކަމަށް ވިދާޅުވެ އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބާ ސުވާލުކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު މުޙައްމަދު އިސްމާއިލަށް ފުރުސަތު ނުދެއްވާނެ ކަމަށް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޒީރު މުއްތަލިބު ހާޒިރުކުރުމުން ވިލިމާލޭ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ މުޙައްމަދު އިސްމާއިލް ވަނީ ސަރުކާރުތަކުން އެ އަވަށަށް އަޅައިނުލާ ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"ވިލިމާލެ ކިޔައިގެން ވާހަކަތަކެއް ދައްކާއިރު ވޯޓަށް ނޫނިއްޔާ އަޅުގަނޑަކަށް ނުފެނޭ ވިލިމާލޭ ރައްޔިތުން އެއްވެސް ސަރުކާރަކަށް ފެންނަ ކަމަކަށް," މުޙައްމަދު އިސްމާއިލް ސުވާލުކުރައްވަން ފެއްޓެވިއެވެ.

ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލް: އޭނާ ވަނީ ވިލިމާލެއަށް އަޅައިނުލާތީ ކަންބޮޑުވުން ފާޅުކުރައްވާފައި -- ފޮޓޯ/ މަޖިލީސް

އޭނާ ވަނީ ތިލަމާލެ ބުރިޖުގެ މަސައްކަތްކުރާއިރު ވަކިން ހިއްކައިގެން މަގެއް ހަދައިގެން އެ ތަނުގެ މަސައްކަތްކުރާނެ ކަމަށް އެއްބަސްވުމުގައި އެބައޮތް ކަމަށް ވިދާޅުވެފައެވެ. އެކަމަކު، ވިލިމާލޭގެ މަގު ބޭނުންކޮށްގެން މަސައްކަތްކުރާތީ އެ މަގަށް އިންތިހާއަށް ގެއްލުންވާ ކަމަށް ވިދާޅުވެ، އޭނާ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ.

"ކިރިޔާ ވިއްސާރަކޮޅެއް ވެހޭއިރަށް އެ ތަން ފެންބޮޑުވެފައި އެ އޮންނަނީ. އަޅުގަނޑު ސަރުކާރު އެކުލެވިގެން އައިއިރު ވަޒީރާ އެކު ބޭއްވި ކުޑަ ބައްދަލުވުމެއްގައި..." ވަކި ހިސާބަކަށް ސުވާލުކުރެއްވުމާ އެކު ރިޔާސަތުން މައިކުގެ އަޑު ކަނޑައިލިއެވެ.

އަޑު ކަނޑާލުމަށް ފަހު ރިޔާސަތުގައި އިންނެވި ޕީއެންސީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އަބްދުއްރަޙީމް ވިދާޅުވީ، މަޖިލީހުގެ ފްލޯގައި އަޑުގަދަ ކުރެއްވުމުގެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި، މުޙައްމަދު އިސްމާއިލް އަމަލުކުރައްވަމުން ގެންދެވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ވަޒީރާ އެ ދުވަހު ކުރެވޭ ސުވާލާ އެއްގޮތަކަށް ވެސް ދިމާނުވާ ހިސާބަކުން މަޖިލީހުގެ ފުރުސަތު ނަންގަވައިގެން ބޭނުންހާ ވާހަކައެއް ދައްކަން މި ރިޔާސަތުން ފުރުސަތު ނުދޭނެ ވާހަކަ މެންބަރުންގެ މައުލޫމާތަށްޓަކައި ދަންނަވަން،" އަބްދުއްރަޙީމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަޙީމް: އެ މަނިކުފާނު ވިދާޅުވީ، ބޭނުންހާ ވާހަކައެއް ދައްކަން ފުރުސަތު ނުދެއްވާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

އެއަށް ފަހުގައި ސުވާލުކުރެއްވުމުގެ ފުރުސަތު މުހައްމަދު އިސްމާއިލަށް އަރުވާފައެއް ނުވެއެވެ.

އެހެންވެ، އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައި، މެންބަރު މުޙައްމަދު އިސްމާއިލަށް ސުވާލުކުރެއްވުމުގެ ފުރުސަތު ނުދެއްވީ ކީއްވެތޯ ސުވާލުކުރައްވައިފައެވެ. އަދި، މެންބަރުންގެ މެދުގައި ތަފާތުކުރައްވަނީތޯ ވެސް އޭނާ ސުވާލުކުރެއްވިއެވެ.

"ވިލިމާލޭ މެންބަރަށް އެ ފުރުސަތު ނޭރުވީ އެ މެންބަރު މަޖިލީހުގައި ބަހުސްކުރައްވަމުން ގެންދަވާ އުސޫލުން މިއަދު ކުރެވުނު ސުވާލާ އެއްވެސް ގުޅުމެއް ނެތް ވާހަކައެއް ދައްކަވަމުން ގެންދެވީ. އެހެންވީމާ އެ ސުވާލަކީ ކޮބައިކަމެއް ރިޔާސަތަށް ފަހުމްވާ ހިސާބަކަށް ވިލިމާލޭ ދާއިރާގެ މެންބަރަކަށް އެ ވާހަކައެއް ނުދެއްކެވުނު،" ފުރުސަތު ނުދެއްވި ސަބަބު އަބްދުއްރަޙީމް ސާފުކޮށްދެއްވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ވަޒީރަކު ސުވާލެއް ކުރަން މަޖިލީހަށް ހާޒިރުކުރުމަށް ފަހުގައި ސުވާލާ ގުޅޭ އިތުރު ސުވާލުކުރުމަށް ވަގުތު އަރުވައެވެ. އެކަމަކު، ކުރިން ހުށަހެޅިގެން ވަޒީރު ހާޒިރުކުރެވުނު ސުވާލާ ނުގުޅޭ އިތުރު ސުވާލުތަކަށް ވަޒީރު ކޮންމެހެން ޖަވާބުދެއްވާކަށް ނުޖެހޭނެއެވެ.

comment ކޮމެންޓް