ޗައިނާގެ ޕްރޮވިންސްތަކާއި އައްޑޫ ސިޓީއާ ދެމެދު މިއަހަރު ތެރޭ ސީދާ ދަތުރުތައް ފެށޭނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް މިރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ފައިސަލް ވިދާޅުވީ މިދިޔަ މެއި މަހު ޗައިނާގައި އޮތް އައިޓީބީ ފެއާގައި އެގައުމުގެ އިސްޓަން އެއާލައިންގެ ނައިބު ރައީސާ ބައްދަލުކުރައްވައި، އައްޑުއަށް ސީދާ ދަތުރުތައް ފެށުމަށް އެދިވަޑައިގަތް ކަމަށެވެ.
"އަޅުގަނޑު ޔަގީންކުރަނީ ދާދި އަވަހަށް މިއަހަރު ތެރޭގައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޗައިނާގެ އެކި ޕްރޮވިންސްތަކުން އައްޑުއަށް ޑައިރެކްޓް ފްލައިޓް ޖެއްސޭނެ ކަމަށް،" ފައިސަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ކުރަން ވޭތުވެދިޔަ ހުރިހާ ސަރުކާރަކުން ވެސް ނުކުޅެދިފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބަށް އެ ސިޓީއަށް ވަޑައިގެން، ވެރިކަމުގެ ފުރަތަމަ އަހަރު ޝަންގްރިއްލާ ހުޅުވާނެ ކަމަށް ވައުދުވެވަޑައިގަތްކަން ފައިސަލް ފާހަގަކުރެއްވިއެވެ.
އެހެންވެ، ޝަންގްރިއްލާ ހުޅުވުމަށް އެންމެ މުހިންމު މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެގޮތުން ދާދި ފަހުން މިދިޔަ ހަފުތާގައި އަޅުގަނޑު ވަނީ ޝަންގްރިއްލާގެ ރާއްޖޭގައި ތިބި ޝަންގްރިއްލާ މެނޭޖްމެންޓުގެ އިސްވެރިންނާ މަޝްވަރާކުރެވި، ޓޫރިޒަމް މިނިސްޓްރީގައި އެކަމަށް ޚައްސަ ޓާސްކްފޯސްއެއް އެކުލަވާލައިފައި،" މިނިސްޓަރު ވިދާޅުވިއެވެ.
އެ މަޝްވަރާތަކަށް ފަހު، ޝަންގްރިއްލާގެ ވެރިންނާ ދަތުރުކޮށްގެން ބައްދަލުކުރަން ޖެހުުނު ނަމަވެސް އެކަން ވެސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ރައީސް އަންނަ ޑިސެމްބަރު މަހު އައްޑުއަށް ވަޑައިގަންނަވާނެ ކަމަށާއި އެހާތަނަށް، ޝަންގްރިއްލާގެ މަސައްކަތްތަކެއް ނިމިފައި ހުރުމަކީ އެ މަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށެވެ.
އައްޑޫގައި މިހާރު ހުރި ކަމަށް ތަފާސްހިސާބުން ދައްކަނީ 850އެއްހާ އެނދު ކަމަށާއި މިނިސްޓްރީން ބޭނުންވަނީ އެ ސިޓީއަށް ސީދާ ކުރާ ދަތުރުތައް ފުވައްމުލަކާއި ގދ. އަދި ގއ.އާ ގުޅުވާލުންކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އައްޑޫގައި ހުރި ޓޫރިޒަމް ޒޯންތައް ތަރައްގީ ކުރަން ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.
"އައްޑޫއަށް ދިޔައިމަ، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުން ވިދާޅުވީ އެ ބޭފުޅުން ބޭނުންވަނީ އެތާގައި ހުރި ޓޫރިޒަމް ޒޯންތައް، އައްޑު ސިޓީ ކައުންސިލަށް ދޫކޮށްފައި ހުރި ބިންތައް ތަރައްގީ ކުރަން ކަމަށް،" އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ މި މަސައްލަތް ކުރަނީ ބީއެމްއެލްއާއި އެމްއައިބީ މެދުވެރިކޮށް މިއަހަރު ތެރޭގައި މަދުވެގެން 100 މިލިއަން ރުފިޔާ ކޮންމެ ބޭންކަކުން އެތަންތަން ތަރައްގީ ކުރުމަށް ފެސިލިޓޭޓް ކުރުމަށް ޓަކައި."
އެ ފައިސާ ހަމަޖެހުމުން ޕްރައިވެތް ސެކްޓާ މެދުވެރިކޮށް އެނދު އިތުރުކުރެވި، އައްޑުއަށް ޗައިނާއިން ސީދާ ދަތުރުތައް ވެސް ފެށުމުން ޝަންގްރިއްލާ ހުޅުވަން ރިޒޯޓުގެ ވެރިން އަމިއްލައަށް ބޭނުން ވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
އައްޑޫގައި 2009 ވަނަ އަހަރު ލަގްޒަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ހުޅުވި ޝަންގްރިއްލާ ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. އެ ރިސޯޓު ހުޅުވީ ސަރުކާރުގެ 30 ޕަސެންޓު ހިއްސާއާއި ސަރުކާރާ ގުޅިގެން ހަދައިފައިވާ އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓުގެ 70 ޕަސެންޓް ހިއްސާ އޮންނަ ގޮތަށެވެ.
އައްޑޫގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަމުން އައި އެ ރިސޯޓު ކޮވިޑާ ގުޅިގެން ބަންދުކުރުމަށްފަހު ހުޅުވާފައިނުވެއެވެ.
އެ މައްސަލައިގައި މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ސަރުކާރުން ވަނީ ޝަންގްރިއްލާގެ ހިއްސާ ދޫކޮށްލައިފައެވެ.