ވެރިކަމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސް، ކަންކަން އިސްލާހުކުރަންޖެހޭ: ނާޒިމް

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް: އޭނާ ވިދާޅުވީ ސަރުކާރުގެ ވައްޓަފާޅިއަށް ބަދަލު ގެންނަންޖެހޭ ކަމަށް -- ފޮޓޯ/ މަޖިލިސް

ވެރިކަން ކުރުމުގެ ވައްޓަފާޅިއާ މެދު އަލުން ވިސްނައި ކަންކަން އިސްލާހުކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީސް މެންބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެއް މިއަދު ވަނީ ފަށައިފައެވެ. އެ ބައްދަލުވުން އިފުތިތާހުކޮށްދެއްވީ ނާޒިމެވެ.

ބައްދަލުވުން އިފުތިތާހުކޮށްދެއްވައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ވެރިކަން ކުރުމުގެ ވައްޓަފާޅިއާ މެދު އަލުން ވިސްނައި، ކަންކަން އިސްލާހުކުރަންޖެހޭ ކަމަށެވެ. އެ ގޮތުން، މަޖިލީސް މެދުވެރިކޮށް އަޅާ އިސްލާހީ ފިޔަވަޅުތަކާ ގުޅޭ ގޮތުން އޭނާ ވާހަކަދެއްކެވިއެވެ.

"ވެރިކަން ކުރުމުގެ ވައްޓަފާޅިއާ މެދު އަލުން ވިސްނައި، ބަދަލުތައް ގެނަސް، ކަންކަން އިޞްލާޙުކޮށް، ބައެއް ކަންކަން އަލުން މުރާޖަޢާ ކުރަންޖެހޭ،" ނާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް ނާޒިމް: އޭނާ ވިދާޅުވީ، ވެރިކަން ކުރުމުގެ ވައްޓަފާޅިއާ މެދު ވިސްނައި ބަދަލުތައް ގެންނަންޖެހޭ ކަމަށް -- ފޮޓޯ/ މަޖިލީސް

އޭނާ ވަނީ މަޖިލީހުގެ ހުރިހާ މެންބަރުން ވެސް ޒިންމާތައް އަދާކުރައްވައި، ވައުދުތައް ފުއްދަން އިސްކަންދޭން އެދިވަޑައިގެންފައެވެ.

މީގެ އިތުރުން، މިހާރުގެ މާލީ ހާލަތަށް ބަލައި، މާލީ ޒިންމާދާރުކަން ކަށަވަރުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އަޅަންޖެހޭ ބައެއް އިސްލާހީ ފިޔަވަޅުތަކަށް ވެސް އޭނާ ވަނީ އަލިއަޅުއްވައިލައްވައިފައެވެ. އަދި، ގާނޫނުތައް ހެދުމުގެ މަސައްކަތުގައި ރައްޔިތުންގެ ވިންދާއި އިހުސާސްތަކަށް ރިއާޔަތްކުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމްގެ ވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

މަޖިލީސް މެންބަރުންނަށް އަމާޒުކޮށްގެން ވެސްޓްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީން ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުން ފެށުން -- ފޮޓޯ/ މަޖިލީސް

އެ ގޮތުން، ކޮމިޓީތަކުގެ މަސައްކަތްތައް ހަރުދަނާކޮށް، ފާރަވެރިވުން ދަމަހައްޓައި، ކަންކަން ނިންމުމުގައި އާންމު ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުވަން އޭނާ ގޮވައިލެއްވިއެވެ. އަދި، އިލްމީ ދިރާސާގެ އަލީގައި ނިންމުންތައް ނިންމުމަށް އޭނާ ގޮވާލެއްވިއެވެ.

"އަޅުގަނޑުމެން ކުރިއަށް ދާންޖެހޭނީ ޙަޤީޤީ މާނައިގައި ރައްޔިތުންގެ އިޙުސާސްތަކާއި އުންމީދުތައް ތަމުސީލުކުރާ މަޖިލީހެއް ދެމެހެއްޓުމަށް މަސައްކަތް ކުރަމުން،" ނާޒިމް ވިދާޅުވިއެވެ.

ވެސްމިންސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރަސީން ކުރިއަށް ގެންދާ މި މަސައްކަތު ބައްދަލުވުމުގައި މެންބަރުން މަސައްކަތް ކުރެއްވުމުގައި ފާހަގަކޮށްލެވޭ ގިނަ ދާއިރާތަކުން މަޢުލޫމަތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް