ދަށު ކޯޓުގައި އޮތް ޔާމީންގެ މައްސަލަ މަޑުޖައްސާލައިފި

ކުރީގެ ރައީސް ޔާމީން: ދަށު ކޯޓުގައި އޮތް އެ މަނިކުފާނުގެ މައްސަލަ ވަނީ މަޑުޖައްސައިލާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ދަށު ކޯޓުގައި އިތުރަށް ކުރިއަށް ގެންދާނީ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި ހެކީގެ މައްސަލައިގައި އެ ކޯޓުން ގޮތެއް ނިންމުމުން ކަމަށް ދަށު ކޯޓުން މިއަދު ނިންމައިފިއެވެ.

މި މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީލޯންޑާކުރިކަން ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އެ މަނިކުފާނު 11 އަހަރަށް ޖަލަށްލާން މިދިޔަ ޑިސެމްބަރު 25، 2022 ގައި ދަށު ކޯޓުން ހުކުމްކުރިއެވެ. އެކަމަކު، އޭޕްރީލް 18، 2024 ގައި ހައިކޯޓުން ވަނީ މައްސަލަ ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ދަށު ކޯޓަށް ތަހުވީލުކޮށްފައެވެ.

ތުހުމަތުވާ މުއާމަލާތަކީ އޭރު ވ. ފެލިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި ޔޫސުފް ނައީމް އަތުން ޑޮލަރު ގަންނަން ހިންގި މުއާމަލާތެއް ކަމަށް ޔާމީންގެ ފަރާތުން ހެކި ހުށަހެޅިއެވެ. ދަށު ކޯޓުން ޔާމީންގެ މައްޗަށް ހުކުމް ސާބިތުވާ ކަމަށް ކަނޑައެޅީ ޑޮލަރު މާރުކުރިކަމަށް ބުނާ ވާހަކައަކީ ދޮގެއްކަމަށް ބުނެ ދައުލަތުން ހުށަހެޅި އާ ހެކިތަކެއް ބަލައިގަތުމަށް ފަހުގައެވެ.

އެހެންވެ، އެ ހެކިތައް އެއްފަރާތްކުރަން ހައިކޯޓުގެ ހުކުމުގައި އޮތީ އަންގައިފައެވެ. ދައުލަތުން ވަނީ އެ ކަމާ ހިތްހަމަނުޖެހިގެން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އެއީ، ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ހައިކޯޓުގެ އެ ނިންމުން އަރައިރުންވާ ކަމަށް ބުނެއެވެ.

ދައުލަތުން ސުޕްރީމް ކޯޓުގައި އެދުނީ އެ ހެކިތަކާ ގުޅޭ ގޮތުން ދެ ފަރާތުން ބަހުސްކޮށް، ހެކިތައް ބަލައިގަތުމާ މެދު ދަށު ކޯޓުން އަލުން ގޮތެއް ކަނޑައަޅަން އަންގައިދިނުމަށެވެ.

ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައި އޮއްވައި ދަށު ކޯޓުން މިއަދު ހެނދުނު ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވާފައެވެ. އެކަމަކު، ޔާމީންގެ ފަރާތްޕުޅުން ވަނީ މި މައްސަލައިގައި ހިމެނޭ ހެކީގެ މައްސަލަ ސުޕްރީމް ކޯޓުގައި އޮއްވައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމަކީ ފުށުއަރާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.

ޝަރީއަތުގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ތަހުގީގު މަރުހަލާގެ އޯޑިއޯއާއި ވީޑިއޯތަކާއި ލިޔެކިޔުންތައް ދިރާސާކުރަން ބޭނުންފުޅުވާ ކަމަށެވެ. އެހެންވެ، ޝަރީއަތުގެ ކުރިން ނިންމަންޖެހޭ ނިންމުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމުމުގެ ކުރިން އެ ފުރުސަތު ދޭންވާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންވެ، ދަށު ކޯޓުގައި މި މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ މިއަދުގެ އަޑުއެހުން ނިންމާލައިފައެވެ. މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ މި މައްސަލައިގައި ހިމެނޭ ހެކީގެ މައްސަލަ ސުޕްރީމް ކޯޓުން ނިންމުމުން ކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންވެ، ސުޕްރީމް ކޯޓުން މި މައްސަލައިގައި ގޮތެއް ނިންމަން ދެން ދަށު ކޯޓުގެ ޝަރީއަތް ވަނީ މަޑުޖައްސާލައިފައެވެ.

comment ކޮމެންޓް