ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ކުންފުނީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ކުންފުނިތަކުގެ ބޯޑަށް ޑިރެކްޓަރުންގެ އަދަދު އިތުރުކުރެވޭގޮތް ހަދަނީ ސިޔާސީ މަގާމުތައް އިތުރުކުރުމަށްޓަކައި ކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު މިއަދު ތުހުމަތުކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށެހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ.
ދައުރުން ބޭރުން މިއަދު ޖަލްސާއެއް ބާއްވާ އެ ބިލު ވަނީ 77 މެންބަރުންގެ އިއްތިފާގުން ބަލައިގެންފައެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓުދެއްވާފައެއް ނުވެއެވެ. އެއާ އެކު ބިލު އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
އެމްޑީޕީ މެންބަރުން އެ ބިލާ އެއްކޮޅަށް ވޯޓު ދެއްވި ނަމަވެސް ހިތްހަމަނުޖެހުން ފާޅުކުރައްވާ ތުހުމަތުތަކެއް ވަނީ ކުރައްވާފައެވެ.
އިސްލާހުގައި ވާގޮތުން ނަމަ، ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ގަރާރެއްގައި، ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރުކުރުމަކަށް ހުރަހެއް ނާޅައެވެ. އޭރުން އެ ކުންފުންޏަކުން ބޭނުންވާ އަދަދަކަށް ޑިރެކްޓަރުން އައްޔަނުކުރެވޭނެއެވެ.
އެ ކަމާ ނުރުހުން ފާޅުކުރައްވާ މެންބަރު ޒިޔާދު ވިދާޅުވީ، އެ އިސްލާހުގައި އޮތް ގޮތުން ނަމަ ކުންފުނިތަކުގެ ބޯޑަށް ޑިރެކްޓަރުން ލެވޭނެ ގޮތް އޮތީ ކުރިން އޮތް ގޮތަށް ވުރެ ފަސޭހަކޮށްލާފައެވެ. އެގޮތުން، ބޭނުން އަދަދަކަށް ބޯޑަށް މެންބަރުން ނެގޭނެ ބާރު ކުންފުނިތަކަށް ދެވޭގޮތަށް ހަދާފައި އޮތީ ސިޔާސީ މަގާމުތައް އިތުރުކުރުމަށް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ކުރުކޮށް ބުނަނީނަމަ އަދިވެސް ސިޔާސީ މަގާމުތައް އިތުރުކޮށްދޭނެ ފުރުސަތު ބޮޑުކޮށްދިނުން. ކުއްލި މިފަދަ ޖަލްސާއެއްގައި މިއީ މުހިންމުކަމެއްތޯ ނޫންތޯ ނިންމަވާނީ [ސަރުކާރު މެންބަރުން] މި ބޭފުޅުން، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު
ހަމައެއާ އެކު ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، މި އިސްލާހުތަކާ އެކު ކުންފުނިތަކަށް މި ވަގުތު ދިމާވެފައިވާ ގޮންޖެހުންތަކަށް އެއްވެސް ހައްލެއް ނުލިބޭނެ ކަމަށެވެ.
މައުރޫފް ވިދާޅުވި ގޮތުގައި ކުންފުނިތަކުގެ ޕްރޮޖެކްޓުތައް ވެސް މިހާރު އޮތީ ހުއްޓިފައެވެ. އަދި، ކުންފުނިތަކަށް ދޭންޖެހޭ ރުފިޔާ ނުލިބޭ ކަމަށާއި ކުންފުނިތައް އަންނަނީ ބަނގުރޫޓުވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. ކުންފުނިތަކުން އާދޭސްކޮށް، ފިނޭންސް މިނިސްޓްރީ ދޮށުގައި ކިޔޫ ހަދާ ވަރަށް ކުންފުނިތަކުގެ ހާލު ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއިން އެއްވެސް ކަމަކަށް ހައްލެއް ގެނެވޭނެ އިސްލާހެއް ނެތްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެއާއެކު އިސްލާހުގައި ބުނާގޮތުންނަމަ، ޚާއްސަ އާންމު ޖަލްސާ (އީޖީއެމް)އެއް ބާއްވަން އެދިއްޖެ ހާލަތެއްގައި، ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭން ޖެހެއެވެ. އަދި، 10 ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން އިސްލާހުގައި ވަނީ ހުށަހަޅާފައެވެ.
އެކަން ފާހަގަކުރައްވާ އެމްޑީޕީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވިދާޅުވީ، އެ އިސްލާހުތައް ނުގެނެސް ވެސް އަވަހަށް ބާއްވަން ބޭނުންވާނަމަ ކުންފުނިތަކުގެ ޚާއްސަ އާއްމު ޖަލްސާއެއް ބޭއްވޭނެ ކަމަށެވެ.
މިހާރު މި އޮތް ގޮތުން ވެސް ތިބޭފުޅުން ބޭނުމިއްޔާ މި ޖަލްސާ ތިން ދުވަހުން ވެސް ބޭއްވޭނެ. 21 ދުވަސް ތެރޭ ނޫންތޯ ތިން ދުވަސް ވެސް އަންނާނީ. އެއްގޮތަކަށް ވެސް ނީނދޭ 21 ދުވަހަށް ފަހުއޭ ޖަލްސާއެއް ބޭއްވޭނީ، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް
ނާޒިލް ވިދާޅުވީ، ހަމައެކަނި އެ އިސްލާހެއް ގެނައުމަށްޓަކާ ކުއްލި ޖަލްސާއެއް ބޭއްވުމުގެ ބޭނުމެއް ނުވިސްނުނު ކަމަށެވެ. އެއީ މި ސަރުކާރުން ކަންތައްތައް ނުބަލާ އަވަސް އަރުވައިގެން ކަންކަން ކުރާތީ ވާގޮތް ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި މިހާރު ވެސް ގާނޫނުން ކުރެވެން އޮތް ކަމެއް އަނެއްކާ ވެސް އިތުރަށް ކުރަނީ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
އިސްލާހުގައި ވާގޮތުގައި ހިއްސާދާރުންގެ ޚާއްސަ އާންމު ޖަލްސާއަކަށް ނޯޓިސް ފޮނުވަން ޖެހޭ މުއްދަތު 21 ދުވަހުން ތިން ދުވަހަށް ކުރުކުރަން ވަނީ ހިމަނާފައެވެ. އަދި، ޚާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭއްވުމުގެ ނޯޓިސް ފޮނުވަން ޖެހޭ މުއްދަތު 14 ދުވަހުން ހަތް ދުވަހަށް ކުރުކުރުމަށް ވަނީ ހިމަނާފައެވެ.
އިސްލާހުގައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިތުރުކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.
ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުން މަދުކަމަށް ފާހަގަވެ، އެ އަދަދަށް ޑިރެކްޓަރުން އައްޔަން ކުރުމަށްޓަކައި 10 ދުވަހުގެ ތެރޭގައި އެ އަދަދަށް ބޯޑަށް މެންބަރުން އައްޔަންކުރަން ޖެހޭ ގޮތަށް ހިމަނާފައިވެއެވެ. މިހާރު އޮންނަ ގޮތުން ނަމަ ބޯޑު 30 ދުވަހުގެ މުއްދަތެއް ލިބެއެވެ.