ކުންފުނިތަކުގެ އީޖީއެމް ބާއްވަން ދޭ މުއްދަތު 7 ދުވަހަށް ކުރުކުރަނީ

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާއެއްގެ ތެރެއިން: ކުންފުނިތަކުގެ ޚާއްސަ އާންމު ޖަލްސާ (އީޖީއެމް) ބޭއްވުމަށް ދޭ މުއްދަތު 10 ދުވަހަށް ކުރުކުރަން, ކުންފުނީގެ ގާނޫނަށް އިސްލާހެއް ވަނީ ހުށަހަޅާފައި -- ފޮޓޯ/ ބީއެމްއެލް

ކުންފުނިތަކުގެ ޚާއްސަ އާންމު ޖަލްސާ (އީޖީއެމް) ބޭއްވުމަށް ދޭ މުއްދަތު ހަތް ދުވަހަށް ކުރުކުރަން, ކުންފުނީގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މި އިސްލާހު ހުށެހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރެވެ.

މިދިޔަ ހަފުތާގައި ބޭއްވި ދައުރުން ބޭރުގެ ފުރަތަމަ ޖަލްސާގައި އެ އިސްލާހުގެ ބިލު ތައާރަފުކޮށްފައިވާއިރު، މިއަދު ދައުރުން ބޭރު އިތުރު ޖަލްސާއެއް ބާއްވާފައިވަނީ އެ އިސްލާހުގެ މަސައްކަތް އަވަސްކުރުމަށްޓަކައެވެ.

މި އިސްލާހު ހުށަހަޅާފައިވަނީ ފިނޭންސް މިނިސްޓްރީން އެދިގެން މި މަހުގެ 21 ގައި ބީއެމްއެލްގެ އީޖީއެމްއެއް ބާއްވަން އިއުލާނުކޮށްފައިވަނިކޮށެވެ.

އިސްލާހުގައި ބުނާގޮތުންނަމަ، އީޖީއެމްއެއް ބާއްވަން އެދިއްޖެ ހާލަތެއްގައި، ޖަލްސާ ބޭއްވުމަށް އެދި ލިއުން ލިބޭތާ ތިން ދުވަހުގެ ތެރޭގައި ޖަލްސާއަށް ދައުވަތު ދޭން ޖެހެއެވެ. އަދި، ހަތް ދުވަހުގެ ތެރޭގައި ޖަލްސާ ބާއްވަން އިސްލާހުގައި ވަނީ ހުށަހަޅާފައެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ނަމަ ޖަލްސާ ބޭއްވުމަށް ދައުވަތު ދޭން ޖެހެނީ ލިޔުން ލިބޭތާ 21 ދުވަހުގެ ތެރޭގައެވެ. އަދި، ޖަލްސާ ބޭއްވުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފައި އޮވެއެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް -- ފޮޓޯ/ މަޖިލިސް

މި އިސްލާހަށް ބަހުސްކުރައްވާ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ބީއެމްއެލްއަށް މިހާރު ދިމާވެފައި އޮތް މައްސަލަ ހައްލުކުރުމަށް އީޖީއެމްއަކަށް ގޮވާލާފައިވަނިކޮށް، އެ ކުންފުނީގެ ސީއީއޯ ކާލް ސްޓުމްކަ އިސްތިއުފާދެއްވާފައިވާ ކަމަށެވެ.

އެހެންވީމާ ވަރަށް އަވަހަށް އީޖީއެމް ބާއްވަން އެބަޖެހޭ ސީއީއޯއެއް އައްޔަނުކުރަން. އެހެންވީމާ އެބަޖެހޭ އީޖީއެމް ބާއްވާ އިޖުރާއަތްތައް އޮންނަ ގޮތް ކުރުކުރަން. މިގޮތަށް އިސްލާހު ގެނައީމާ މިހާރު 21 ސެޕްޓެމްބަރުގައި ބާއްވާ އީޖީއެމް ބޭއްވިކަމުގައި ވިޔަސް، އެއާ ވިދިގެން އިތުރު އީޖީއެމްއެއް ދުރު ނޫން މުސްތަގުބަލެއްގައި ބޭއްވިގެންދާނެ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

ނާޒިމް ވިދާޅުވީ، ބީއެމްއެލްގެ އިތުރުން އެހެނިހެން ކުންފުނިތަކަށް ވެސް އެ އިސްލާހުގެ ސަބަބުން ފައިދާކުރާނެ ކަމަށެވެ.

އެގޮތުން، އެސްޓީއޯއިން، ފެނަކަ "ޓޭކްއޯވާ" ކުރަން ތައްޔާރަށް އޮތްއިރު އެ ކުންފުންޏަކީ ވެސް އާއްމު ހިއްސާދާރުން ހިމެނޭ ކުންފުންޏަކަށް ވާތީވެ، އެފަދަ މުހިންމު ނިންމުންތަކެއް ނިންމުމަށްޓަކައި އީޖީއެމް ބާއްވަންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ކުންފުނިތަކުގެ ގާނޫނަށް މި އިސްލާހު ހުށަހެޅި މަގުސަދަކީ، ކުންފުންޏެއްގެ ޚާއްސަ އާންމު ޖަލްސާ ބޭއްވުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތަކަށް ބަދަލު ގެނައުން ކަމަށް އިސްލާހުގައިވެއެވެ.

އިސްލާހުގައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރުން އިތުރު ކުރުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދީފައެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މެންބަރުން މަދުކަމަށް ފާހަގަވެ، އެ އަދަދަށް ޑިރެކްޓަރުން އައްޔަން ކުރުމަށްޓަކައި 10 ދުވަހުގެ ތެރޭގައި އެ އަދަދަށް ބޯޑަށް މެންބަރުން އައްޔަންކުރަން ޖެހޭ ގޮތަށް ހިމަނާފައިވެއެވެ. މިހާރު އޮންނަ ގޮތުން ނަމަ ބޯޑު 30 ދުވަހުގެ މުއްދަތެއް ލިބެއެވެ.

comment ކޮމެންޓް