މި ގައުމަށް ފަހާފައި މި އޮތް ކޯޓު މާ ބޮޑު!

- ސަން ގްރެފިކްސް: އިބްރާހީމް ފަހީމް

ޚަރަދު ކުރުމުގައި ހައްދުފަހަނައެޅީމައި ގައުމަކަށް ވާނެ ހުރިހާ ގޮތެއް މި ކުޑަކުޑަ ދިވެހިރާއްޖެއަށް މިދަނީ ވަމުންނެވެ. ވޭތުވެދިޔަ އެތައް ސަރުކާރުތަކެއްގެ އިހުމާލުތަކުގެ ސަބަބުން ގައުމުގެ އިގުތިސާދު މި އޮތީ އައިސީޔޫގައެވެ. އަވަހަށް ވަރަށް ރަނގަޅު ފަރުވާއެއް ނުދެވިއްޖެނަމަ ވެންޓިލޭޓަރަށްލާ ހިސާބުގައެވެ. މި ނިކަމެތި ހާލަތަށް ކަންކަން ދިޔަ މައިގަނޑު އެއް ސަބަބަކީ ގައުމު ހިންގަމުން މި އަންނަ އުސޫލެވެ. މި އޮނިގަނޑާއި ގައުމާ ނުބައްދަލީއެވެ.

އިނގިރޭސި ވިލާތުގައި ނުވަތަ އެހެން ވެސް ބޮޑެތި ގައުމުތަކުގައި އޮންނަ ކޮންމެ މުއައްސަސާއަކަށް މުއައްސަސާއެއް މި ގައުމުގައި އޮންނަން ޖެހޭތޯ މިއީ ކޮންމެހެން ކުރަން ޖެހޭ ސުވާލެކެވެ؟ މިއަދު ރާއްޖެ ހިންގަމުން މި އަންނަނީ އެ އުސޫލުންނެވެ. ލިބޭ އާމްދަނީއާ ޚަރަދުތައް ނުބައްދަލުއިރު ދައުލަތުން ބޮޑު ހޭދައެއް ކުރަންޖެހިފައިވަނީ އެކިއެކި މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކުގެ އިތުރުން އެހެން ވެސް އިދާރާތަކަށެވެ. ކޮންމެ ތަނެއް ހިންގަން އެތައް ވެރިންނެއް އައްޔަންކޮށް އެ ބޭފުޅުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގަޔާއި އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި މިލިއަނުން ޚަރަދުކުރަން ޖެހިފައިވާ ޖެހުމަކީ ގައުމު މި އިގުތިސާދީ އަނދަވަޅަށް ދިޔަ އެއް ސަބަބެވެ.

ރާއްޖެއާ ނުބައްދަލު މަޖިލީހެއް

ރައްޔިތުންގެ މަޖިލީސް ފަދަ ބޮޑު ހޭދައެއް ދައުލަތުން ކުރާ ބައެއް މުއައްސަސާތަކަށް ބަލާއިރު އެއީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން ވެސް އެފަދަ ތަންތަނަށް ކުރާ ހޭދަތަކަށް ވުރެ އެތައް ގުނައެއް ބޮޑު އަދަދެކެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ، 1.4 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގައި ތިބެނީ ޖުމްލަ 788 މެންބަރުންނެވެ. އެއީ ތިރިގެ ކަމަށްވާ، ލޮކް ސަބާގައި ހިމެނޭ 543 މެންބަރުންނާއި މަތިގެ ކަމަށްވާ ރާޖްޔާ ސަބާގައި ހިމެނޭ 245 މެންބަރުންނާ އެކުއެވެ. ކޮންމެ މެންބަރަކު އެތައް މިލިއަން ރައްޔިތުންނެއް ތަމުސީލުކުރާއިރު މެންބަރަކަށް މަހަކު މުސާރައިގެ ގޮތުގައި ލިބެނީ އެވެރެޖްކޮށް 42،471 ރުފިޔާއެވެ. އެއީ، ރާއްޖޭގެ މެންބަރެއްގެ މުސާރައިގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައެވެ.

ވިހިވަނަ މަޖިލިސް: މަޖިލީހަށް ދައުލަތުން ކުރަން ޖެހޭ ހޭދަ ވަރަށް ބޮޑު -- ފޮޓޯ/ މަޖިލިސް

ބާވީސް މިލިއަން މީހުންގެ އާބާދީއެއް އޮތް، އަވައްޓެރި ސްރީލަންކާއަށް ބަލާއިރު އެ ގައުމުގެ މަޖިލީހުގައި ތިބެނީ 225 މެންބަރުންނެވެ. ކޮންމެ މެންބަރަކު އެތައް މިލިއަން ރައްޔިތުން ތަމުސީލުކުރާއިރު އެ މެންބަރުންނަށް މުސާރައާއި އެލަވަންސާ އެކު މަހަކު ލިބެނީ އެވެރެޖްކޮށް 11،835 ރުފިޔާއެވެ.

މި ސައުތު އޭޝިއާއަށް ބަލާއިރު ވެސް ގާނޫނު ހަދާ މަޖިލީހަކަށް އެންމެ ބޮޑު ހޭދައެއް ކުރަނީ އެންމެ އާބާދީ މަދު މި ދިވެހިރާއްޖެއިންނެވެ. ކޮންމެ 5000 ރައްޔިތަކަށް މެންބަރަކު ހޮވާއިރު މިހާރު ހިނގަމުން ދާ މަޖިލީހުގައި 93 މެންބަރުން އެބަތިއްބެވެ. އޭގެން ކޮންމެ މެންބަރަކަށް މުސާރައާއި އިނާޔަތުގެ ގޮތުގައި މަހަކު ގާތްގަނޑަކަށް 82،500 ރުފިޔާ ލިބެއެވެ. ދައުރަކަށް ފަހު ދައުރެއް މެންބަރުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި އަހަރު މަޖިލީހަށް ކުރާ ހޭދައަކީ 207,237,420 ރުފިޔާއެވެ.

މިއީ ކުޑަ ކުރެވޭނެ ޚަރަދުތަކެވެ. އެހެން ގައުމުތަކުގައި އެއް މެންބަރަކަށް އެތައް މިލިއަން ރައްޔިތުންނެއް ތަމްސީލު ކުރެވޭއިރު ރާއްޖޭގައި އެންމެ 5000 ރައްޔިތަކަށް މެންބަރަކު ހުންނަން ޖެހޭ ސަބަބެއް ނުވިސްނެއެވެ. ފަސޭހައިން އިންތިޚާބު ކާމިޔާބު ކުރެވޭތީ މިކަން މިގޮތަށް އޮންނާކަށް ނުޖެހެއެވެ. އަތޮޅަކަށް ދެ މެންބަރުންގެ ގޮތުގައި ބަލައި 40 އަކަށް މެންބަރުންނާ އެކު މިކަން ކުރެވޭނެއެވެ.

ހަމައެއާއެކު މެންބަރުންނަށް އެ ލިބޭ ބޮޑު މުސާރައަކީ ވެސް ދެވަނަ ވިސްނުމަކަށް ދާން ލަސްވެފައި އޮތްކަމެކެވެ. ރާއްޖޭގެ މިއަދުގެ ޚަރަދުބަރަދު ހުރިގޮތަށް ބަލާއިރު 40،000 ރުފިޔާއަކީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ އަދަދެކެވެ. އެހެންކަމުން މިހާރު ދެމުން އަންނަ މުސާރަ ދެބައިކުޅަ އެއްބަޔަށް ކުޑަ ކުރެވިއްޖެނަމަ ވެސް އެތައް ގުނައެއް ޚަރަދު ކުޑަކުރެވޭނެއެވެ. ދެން އޮތީ މެންބަރުންނަށް ދެމުން އަންނަ އިނާޔަތްތަކެވެ. އާސިޔާން ގައުމުތަކުން ބޭސް ފަރުވާ ކުރުމާއި މެންބަރުންނާއި އިދާރީ މުއައްޒަފުންގެ ކެއިން ބުއިމަށް ވެސް މަޖިލީހުން އެތައް ހޭދައެއް ކުރެއެވެ. އަދި، މެންބަރުކަން ކުރީތީ ދޭ އެލަވަންސްއަކީ ވެސް އިސްލާހުކުރަން ޖެހިފައިވާ ކަމެކެވެ.

މިހެން ގޮސް މަޖިލީހުން އަންނަނީ ގައުމާ ނުބައްދަލު އެތައް ހޭދައެއް ކުރަމުންނެވެ. ޚަރަދު ކުޑަކުރަން ވިސްނާއިރު މިއީ އިސްލާހު ކުރުން ލަސްވެފައި އޮތް ކަމެކެވެ.

ބޭކާރު މުއައްސަސާތަކާއި ސިޔާސީ މަގާމުތައް

އެކިއެކި ހައްގުތަކާ ގުޅޭ ގިނަ މިނިވަން މުއައްސަސާތަކަށާއި އެކިއެކި ޚިދުމަތްތަކާ ގުޅޭ އެކިއެކި އިދާރާތައް ދައުލަތުން ބޮޑު ހޭދައެއްކޮށްގެން ހިންގާއިރު އޭގެ ތެރެއިން ގިނަ ތަންތަނަކީ އެކަށީގެންވާ ނަތީޖާއެއް ނެރެވޭ ތަންތަނެއް ނޫނެވެ.

މިސާލެއްގެ ގޮތުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ބަލަމާތޯއެވެ. މި އަހަރު އެމްއެމްސީއަށް 5،259،460 ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު ބްރޯޑްކާސްޓިން ކޮމިޝަނަށް 10،661،070 ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅައިފައެވެ. މި ކުރަން ޖެހޭ ޚަރަދާއި އެ ތަންތަނުން ނެރޭ ނަތީޖާއަށް ބަލާއިރު ދެކޮޅު ނުޖެހެއެވެ. ނޫސްބަޔާން ނެރެން ނުވަތަ އިލްތިމާސްތައް ކުރަން މިވަރުގެ ހޭދައެއް ކުރަނީ ކީކުރަންތޯއެވެ؟ މިއީ ވަކިވަކިން ދެތަނެއްގެ ގޮތުގައި ހިންގުމުގެ ބަދަލުގައި އެއްކޮށްލައިގެން، ޚަރަދު ކުޑަކޮށް ހިންގެން އޮތް ތަނެކެވެ.

މި ފަދަ އެތައް މުއައްސަސާއެއް ރާއްޖޭގައި އެބަހުއްޓެވެ. ތިމަންނަމެންނަކީ "ދަތްނެތް ސިންގާ"އޭ ނުވަތަ ބަޖެޓެއް ނެތީއޭ ކިޔައި މުސާރަ ނަގައިގެން ތިބެނީއެވެ. އެ ތަންތަނަށް ބޮޑު ހޭދައެއް ކުރަންޖެހޭއިރު އެކަށީގެންވާ ނަތީޖާއެއް ނުނެރެވެއެވެ. މިއީ އަވަހަށް އޮޑިޓެއްކޮށް ބަލަން ޖެހޭ ކަމެކެވެ. މިފަދަ މުއައްސަސާތައް އުވާލެވިއްޖެ ނަމަވެސް ދައުލަތުން ބޮޑު ޚަރަދެއް ކުޑަކުރެވޭނެއެވެ.

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ދައުލަތުގެ ޚަރަދު ބޮޑުވާ އަނެއް ސަބަބަކީ ކޮންމެ ސަރުކާރެއް ވެރިކަމަށް އައުމަށް ފަހު ސިޔާސީ އެކުވެރީންނަށް ވަޒީފާތައް ދިނުމެވެ. ސިޔާސީ މަގާމުތަކުގެ ގޮތުގައި ސަރުކާރުތަކުން އެތަކެއް ވަޒީފާތައް އުފައްދައި މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ދިޔައީ އަދި ދަނީ ޚަރަދު ކުރަމުންނެވެ. މިގޮތަށް ވަޒީފާ ދިން މީހުންގެ ތެރޭގައި އެ މަސައްކަތަށް ބޭނުންވާ ތައުލީމާއި ތަޖުރިބާގެ އިތުރުން އަހުލާގު ވެސް ނެތް އެތައް ބަޔަކު ހިމެނެއެވެ. ދައުލަތުން މުސާރަ ނަގައިގެން އޮއްޓަރު ހުރި މަސައްކަތެއްނުކޮށް، ސޯޝަލް މީޑިއާގައި ޒުވާބުތައް ކުރަން ދައުލަތުން ހޭދަ ކުރާކަށް ނުޖެހެއެވެ. މި ޚަރަދުތައް ކުޑަ ކުރެވިއްޖެ ނަމަވެސް އެތައް މިލިއަން ރުފިޔާއެއް ސަލާމަތް ކުރެވޭނެއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ވެސް ޒަމާނުންސުރެ ސިޔާސީ ބޭނުމަށް ބޭނުން ކުރަމުން އައި ތަންތަނެވެ. ޕާޓީގެ އެކްޓްވިސްޓުންނަށް ވަޒީފާތައް ދިނުމަށް ކުންފުނިތައް ބޭނުންކޮށްކޮށް، ކުންފުނިތަކުގެ ދަރަނި ވަނީ އަތްނުފޯރާ ހިސާބަށް ގޮސްފައެވެ. ބޭނުންނުވާ އެތައް މަގާމަކަށް މީހުން ނަގާފައި އެބަހުއްޓެވެ.

ގައުމާ ނުބައްދަލު ލާމަރުކަޒީ ނިޒާމެއް

އިދާރީ ދާއިރާތައް ލާމަރުކަޒީ ނިޒާމުން ހިންގުމަށް ކުރަމުން އަންނަ ހޭދައަކީ ވެސް ފުންކޮށް ވިސްނާލަން ޖެހޭ ކަމެކެވެ. އެންމެ ކަންބޮޑުވާން ޖެހެނީ އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީއެވެ. ކަތީބުން ގެއަށް ފޮނުވާލައި ރައްޔިތުން އިންތިޚާބު ކުރާ ކައުންސިލަރުންތަކެއް ގެނައީ ފޮނި އުންމީދުތަކެއްގައެވެ. ކޮންމެ ރަށަކަށް ފަސް ކައުންސިލަރުން އިންތިޚާބުކޮށް މުސާރައަށް ބޮޑު ހޭދައެއް ކުރާއިރު މިއީ މިކަން ހަމަ އޮންނަން ޖެހޭ ގޮތްތޯ ސުވާލު އުފެދެއެވެ.

އެ ކަމުގައި ދެކޮޅު ނުޖެހޭ އެތައް ކަމެއް ވެސް ދަނީ ހިނގަމުންނެވެ. އާބާދީ ކިތަންމެ ބޮޑު ނަމަވެސް އަދި ކުޑަ ނަމަވެސް ރަށެއް ވެއްޖެ ނަމަ ފަސް ކައުންސިލަރުން އެބަތިބެއެވެ. ވ. ރަކީދޫއާއި ހއ. ދިއްދުއާ އެއްހަމައެވެ. ޒިންމާތައް ބޮޑު، އާބާދީ ބޮޑު ރަށާއި މީހުން މަދު އަދި ކުރާނެ މަސައްކަތް ވެސް މަދު ކުޑަ ރަށުގެ ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް ހަމަ އެއްވަރެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއަށް މީހަކު ވަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތަކަށް ބޮޑު ހޭދައެއް ކުރާއިރު ހަމަ މިއީ ކުރަން ޖެހޭ ޚަރަދެއްތޯ ސުވާލު އުފެދެއެވެ. ކައުންސިލަރުން ތިބި އަދަދު މުޅިއަކުން ގޯހެއް ނޫނެވެ. ނަމަވެސް، ފުލްޓައިމްކޮށް ފަސް ކައުންސިލަރުން ތިބެން ޖެހޭތޯ މިއީ އުފައްދަން ޖެހޭ ސުވާލެކެވެ. އޭގެ ބަދަލުގައި ފުލްޓައިމްކޮށް އެކެއް ނުވަތަ ދެ ކައުންސިލަރުން ތިބެފައި ދެން ތިބި ކައުންސިލަރުންނަކީ ސިޓިން އެލަވެންސްއެއް ދޭ ބަޔަކަށް ހަދައިފި ނަމަވެސް އެތައް ގުނައެއް ޚަރަދު ކުޑަކުރެވިގެން ދާނެއެވެ.

މިހެންގޮސް މިފަދަ އެތައް މައްސަލައެއް ފާހަގަ ކުރެވެން އެބަހުއްޓެވެ. ކުރަން ނުޖެހޭ އެތައް ހޭދައެއް ދައުލަތުން އެބަކުރެއެވެ. އޭގެ ނަތީޖާ ވަރަށް ވެސް ހިތްޗެވެ. މި އަހަރުން ފެށިގެން 2026ގެ ނިޔަލަށް ރާއްޖެއަށް ލިބޭ އާމްދަނީގެ ކޮންމެ 100 ރުފިޔާއަކުން 38.50 ރުފިޔާ ދަރަންޏަށް ދައްކަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީގެ އިންޓާނަލް ހިސާބުތަކުން ދައްކައެވެ.

މިހެން މި ގައުމު ހިންގާތާ މިވަނީ އެތައް ޒަމާނެއް ވެގެން ގޮސްފައެވެ. މިކަން އިސްލާހު ކުރުމުގެ ފުރިހަމަ ބާރު އެތައް ސަރުކާރުތަކަކަށް ލިބިގެންގޮސް އެކަމަކު އެކަން އޮތީ ނުކޮށެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވެރިކަމުގައި އެ ހުންނެވީ އަނެއްކާ ވެސް މި ހުރިހާ ކަމެއް ރަނގަޅުކުރުމުގެ ބާރާ އެކުއެވެ. ވެރިކަމާއި މަޖިލީހުގެ ސުޕަމެޖޯރިޓީއާ އެކު އެ މަނިކުފާނު ބޭނުންފުޅުވާ ބަދަލެއް ގެނެވެން އެބައޮތެވެ. އެހެންކަމުން ލަސްނުކޮށް މިކަން ކުރައްވަން އެބަޖެހެއެވެ. މި ގައުމާ އެކަށީގެންވާ ނިޒާމަކަށް ގައުމު ހިންގަން ޖެހެއެވެ. މިހާރު މި ގައުމަށް ފަހާފައި މި އޮތް ކޯޓު މާ ބޮޑެވެ.

comment ކޮމެންޓް