ތެޔޮ ނުލިބިގެން އާއްމު ދަތުރުފަތުރުތައް ހުއްޓުމާއި ކަރަންޓު ކަނޑަން ޖެހުމަކީ އެކަކު ވެސް އެދޭނެ ގޮތެއް ނޫނެވެ. ބޭރު ފައިސާ ނެތިގެން އިމްޕޯޓް ހުއްޓި ތަކެތީގެ އަގުތައް އިންތިހާއަށް މައްޗަށް ދިއުމަކީ ވެސް ރައްޔިތުން ބޭނުންވާނެ ގޮތެއް ނޫނެވެ. ޚާއްސަކޮށް ރާއްޖެފަދަ މުޅީން އިމްޕޯޓަށް ބަރޯސާވެފައި އޮތް ގައުމަކަށް އެހެންވެއްޖެނަމަ ކުރިމަތިވާނެ ކާރިސާ ސިފަކޮށްލާށެވެ. ހައިހޫނު ކަމެއް ފެތުރޭ ހިސާބަށް ކަންތައް ދާނެއެވެ. މި މިސާލު އަވައްޓެރި ސްރީލަންކާއިން ފެނުނުތާ އަދި މާ ގިނަ ދުވަސްތަކެއް ނުވެއެވެ. އެ ބިރުވެރިކަން މިހާރު މި ރާއްޖެއަށް އެބައޮތެވެ.
ބަގުރޫޓު ވެދާނެކަމުގެ ބިރު ދިވެހި ރާއްޖެއަށް މި އޮތީ މި ސަރުކާރެއް އަދި ނިމިދިޔަ ސަރުކާރެއްގެ ސަބަބަކުން ނޫނެވެ. އެކަން އެގޮތަށް ދިމާވީ ވޭތުވެދިޔަ އެތައް ސަރުކާރުތަކެއްގެ ސަބަބުންނެވެ. ބޭނުންފުޅު ގޮތަކަށް ވެރިކަން ކުރައްވަން ލިބިވަޑައިގެންނެވި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިގު 30 އަހަރު ގިނައިން ދެއްކެވީ ރާއްޖެއަކީ ގުދުރަތީ ވަސީލަތް މަދު ގައުމެއްކަމެވެ. ހިތަކަށް ވެރިކަން ލިބިވަޑައިގަތުމުން ވެސް އިގުތިސާދު ފުޅާކުރުމަށާއި އާމްދަނީ ލިބޭނެ އިތުރު އިންޑަސްޓްރީތައް ގެނައުމަށް އެކަށީގެންވާވަރާ ގާތަށް ވެސް ކަމެއް ނުކުރައްވައެވެ.
ޒަމާނީ ޑިމޮކްރަސީއާއެކު ހެޔޮ ބަދަލުތައް ފަހުން އައި ނަމަވެސް ރައްޔިތުންގެ ސައްހަ ވޯޓަކުން ހޮވިގެން ފަހުން ވެރިކަން ކުރެއްވި ބޭފުޅުން ވެސް އާމްދަނީ އިތުރު ކުރުމަށް ވުރެން އިސްކަން ދެއްވީ ފެންނަން ހުންނަ ތަރައްގީތައް ގެނައުމަށެވެ. ލޯނު ނަގައިގެން ބިލިއަނުން ޚަރަދުކުރީ ފައިސާ ނުލިބޭނެ ކަންކަމަށެވެ. ފަހުގެ ހުރިހާ ވެރިކަންތަކެއްގައި ވެސް ވޯޓުގެ ބޭނުމުގައި ކުރަން ނުޖެހޭ އެތައް ޚަރަދެއް ކުރިއެވެ. އަދި، ކޮރަޕްޝަންގެ ނުބައި އަމަލުގެ ސަބަބުން މަދު ބައެއްގެ ފައިދާއަށް ގައުމުގެ މަސްލަހަތު ދޫކޮށްލިއެވެ. މިފަދަ އެތައް ކަމެއްގެ ސަބަބުން ގޯހުގެ މައްޗަށް ގޯސް ހަދައި މިހާރު ގައުމުގެ މިސްރާބު މިހިރީ ފަރެއްގެ މެދާ ދިމާލަށެވެ. އިގުތިސާދު އޮތީ އެހާ ވެސް ނާޒުކު ހާލަތެއްގައެވެ.
ނަންބަރުތަކުން ފެންނަނީ ބިރުވެރިކަން، ހިތި ބޭސް ބޯން ޖެހޭ
ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ޚަރަދުކުރާނަމަ މީހެއް ވިޔަސް ގައުމެއް ވިޔަސް ދަރާ ވިކުން ނޫން ގޮތެއް ނޯންނާނެއެވެ. ދުނިޔޭގެ އެވެރެޖު ގައުމެއްގެ ކުޑަ އަވަށެއްގެ އާބާދީ އޮތް މި ރާއްޖެއިން އާމްދަނީއަށް ވުރެ އިތުރަށް ޚަރަދުކުރާތާ އެތައް އަހަރުތަކެއް ވެއްޖެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދަރަނި މަތިވަމުން ދިޔައީ ރޮކެޓް ދުވެލީގައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު ދައުލަތުގެ ދަރަނި 129 ބިލިއަން ރުފިޔާއަށް އަރާނެއެވެ. އަނެއް ބޮޑު ބިރަކީ 2026 ވަނަ އަހަރު 1.07 ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން ޖެހޭ ކަމެވެ. މިއީ އެންމެ އިންޑަސްޓްރީއަކަށް އިގްތިސާދު ބަރޯސާވެފައިވާ މި ގައުމަށް އޮތް ބޮޑު ގޮންޖެހުމެކެވެ.
ވޯލްޑު ބޭންކުން ބުނާ ގޮތުގައި ދައުލަތުގެ ދަރަނީގެ ތެރެއިން، 2026ވަނަ އަހަރު ގިނަ އަދަދެއް އަނބުރާ ދައްކަން ޖެހުމުގެ ސަބަބުން، މެދު ރާސްތާގައި ރާއްޖޭގެ އިގްތިސާދަށް އަންނަ އިތުރު ޝޮކެއް ބަރުދާސްތު ކުރުމުގެ ގާބިލުކަން ވަނީ މި ގައުމަށް ކުޑަވެފައެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ނުރައްކަލުގެ ރަނގަބީލު އަޅާތާ އެތައް އަހަރެއްވެއްޖެއެވެ. ރާއްޖޭގެ ސަރުކާރުތަކަކުންނެއް ވެސް އަދި ދިވެހީންނެއް ވެސް އެކަން ސީރިއަސްކޮށެއް ނުގައެވެ. އައިއެމްއެފްއާއި ވޯލްޑް ބޭންކުން ދޭ ލަފާތަކުގެ ތެރޭގައި ސަބްސިޑީތަކާއި އާސަންދައަށް އިސްލާހުތައް ގެނެސް، ދައުލަތުގެ ކުންފުނިތައް ހިންގާ ގޮތްތައް ވެސް ހަރުދަނާކުރުން ހިމެނެއެވެ. ޕަބްލިކް އިންވެސްޓްމެންޓް ފްރޭމްވޯކެއް އޮތުން މުހިންމު ކަމަށް ވެސް ލަފާދެއެވެ.
އެ ލަފާތަކަކީ ހަމަ ވަރަށް ރަނގަޅު ކަންތައްތަކެއް ކަމަށް ހަމަ ވިސްނުމަކުން ވިސްނާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނެއެވެ. ސިޔާސީ ބޭނުމަށްޓަކައި ރާއްޖޭގެ ބައްޓަން ކޮށްފައި މި އޮތީ ފުރާފުރިހަމަވެފައިވާ މީހެއް މަސައްކަތަށް ނުފޮނުވައި މައިންބަފައިން އޭނާގެ ޚަރަދުބަރަދު ބަލަހައްޓައިދޭ އުސޫލަށެވެ. ދެވެން ނެތް އެތައް ސަބްސިޑީއަކަށް ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއެއް ދިވެހި ދައުލަތުން ހޭދަކުރެއެވެ. އޭގެ ތެރޭގައި ދިވެއްސެއް، ބޭރު މީހެއް ނުބަލައި ދޭ ކާޑުގެ ސަބްސިޑީ ވެސް ހިމެނެއެވެ. އާސަންދައަށް ވިސްނި ނަމަވެސް ފެންނަން އޮތީ ދެރަވާ މަންޒަރެކެވެ. އެ ނިޒާމުގެ ބޭނުން ސިއްހީ ޚިދުމަތްދޭ ތަންތަނުން ނާޖާއިޒު ގޮތުގައި ހިފައި ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ބިލު ކުރަނީއެވެ. އޭގެ ބަދަލުގައި މިއީ ވަކި ލިމިޓްތަކެއް ހިމެނޭ، އިންޝްއަރެންސް ނިޒާމެއްގެ ތެރެއިން ހިންގާ ކަމަކަށް ހަދަން ޖެހެއެވެ. މި ކަންކަމުގެ އިތުރުން ވެސް ދިވެހީން ހަނދާން ކުރަންޖެހޭ އެހެން ކަމެއް އެބައޮތެވެ. ހުރިހާ ކަމެއް ހިލެއެއް ނުކޮށް ދެވޭނެއެވެ. ޚާއްސަކޮށް މި ހާލަތުގައެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމުގައި އެ ހުންނެވީ ހުރިހާ ބާރަކާ އެކުއެވެ. ވެރިކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެބައޮތެވެ. އެ މަނިކުފާނު ބޭނުންފުޅުވާ ކަމެއް ކުރެއްވުމުގެ ބާރު އެބައޮތެވެ. އެހެންކަމުން މިއީ އެ ފިޔަވަޅުތައް އަޅަންވީ ވަގުތެވެ. ރައްޔިތުން ކިތަންމެ ނުރުހުނު ނަމަވެސް ގައުމު ސަލާމަތްކުރުމުގެ ބޭނުމުގައި އެ ފިޔަވަޅުތައް އަޅަން އެބަޖެހެއެވެ. ސޯޝަލް މީޑިއާގައި އުޅެފާނެ ގޮތަކާ މެދު ނުވިސްނައި ގައުމުގެ މުސްތަގުބަލަށްޓަކައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.
މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވެސް އެ ވިދާޅުވަނީ އެ ވާހަކައެވެ. އޭނާ ވިދާޅުވާ ގޮތުގައި އިސްކުރަންޖެހޭނީ ޕާޓީގެ މަސްލަހަތެއް ނޫނެވެ. އިސްކުރަންޖެހޭނީ ގައުމުގެ މަސްލަހަތުކަން ފާހަގަކުރައްވައި، ނާޒިމް ވިދާޅުވީ މިއަދު ގައުމުގެ ހާލަތު އޮތް ގޮތުން ހިތި ބޭހެއް ބޯން ޖެހޭތޯ ނުވަތަ ނޫންތޯ ސަރުކާރުން ސާފުކޮށްދޭންޖެހޭ ކަމަށެވެ.
"އިންތިޚާބީ މޫސުން މިހާރު މި އޮތީ ނިމިފައި. އެހެންވީމަ އަޅުގަނޑު މި ދެންނެވީ އަޅުގަނޑުމެން ހިނގާށޭ ރައްޔިތުންގެ ކައިރީގައި ވެސް ބުނަމާ ހަގީގަތާ ކުރިމަތިލާށޭ. އެހެން ނޫނިއްޔާ އަޅުގަނޑުމެންނަށް އޮތީ ބަނަ ދުވަސްތަކެކޭ. އެ މަންޒަރު އަޅުގަނޑުމެންނަށް ތަސައްވުރު ކުރެވޭނީ ފިނޭންސް މިނިސްޓްރީން ރަނގަޅު މަންޒަރު ދެއްވީމަ،" މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވިއެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަގުސަދުގައި ކުރަމުން އަންނަ ބޭކާރު ޚަރަދުތައް ހުއްޓާލުން ވަރަށް މުހިންމެވެ. މިއަދުގެ ސަރުކާރަށް ބެލި ނަމަވެސް މާސިންގާ މުސާރަތައް ލިބޭ ސިޔާސީ މަގާމުތައް އުފައްދާފައިވަނީ މާ ބޮޑަށް ވެސް ގިނައިންނެވެ. ޚާއްސަކޮށް ތައުލީމާއި ތަޖުރިބާ ނެތް، އަދި އެފަދަ މަގާމަކަށް އެކަށީގެންނުވާ އެތައް ބަޔަކު ތިބިކަން އެއީ ފެންނަން އޮތް ހަގީގަތެވެ.
ވޯލްޑް ބޭންކުން ރާއްޖެ، ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަ ކަންޓްރީ ޑިރެކްޓަރު ފާރިސް ހަދާދު ވިދާޅުވާ ގޮތުގައި ރާއްޖެއަށް މާލީ ގޮތުން ނުރައްކާތައް އެބައޮތެވެ. އެހެންވެ، އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސްކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، އެންމެންނަށް ސަބްސިޑީ ލިބޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނައުމާއި ދައުލަތުގެ ކުންފުނިތަކުގައި ހުރި މައްސަލަތައް ހައްލުކުރުމާއި ސިއްހީ ފަރުވާއަށް ހޭދަކުރާ ގޮތް ހަރުދަނާ ކުރުމާއި ޕަބްލިކް އިންވެސްޓްމެންޓް ޕްރޮގްރާމްގެ ހިންގުން ރަނގަޅު ކުރުމަށް ވެސް އޭނާ ގޮވައިލެއްވިއެވެ.
މުޅި އިގްތިސާދު ޓޫރިޒަމަށް ބަރޯސާވެފައިވާ މި ގައުމަށް އިތުރު އިންޑަސްޓްރީތައް ވެސް ވަރަށް މުހިންމެވެ. އިހުމާލުތަކުގެ ސަބަބުން މަސްވެރިކަން ވެސް މި އޮތީ ނަމެއްގައެވެ. ހޯދެން އޮތް ފައިދާއެއް ނުހޯދެއެވެ. ރާއްޖޭގެ އުފެއްދުންތެރިކަން މާ ދަށީއެވެ. ކަނޑާއި ފަޅާއި ފަޅުރަށްތައް ބޭނުންނުކޮށް ތިބެ ގުދުރަތީ ވަސީލަތްނެތޭ ކިޔަން ތިބޭތާ ގަރުނެއް ވަނީއެވެ. އޭގެ ބަދަލުގައި މި ވަސީލަތްތަކުގެ ބޭނުން ހިފަން އެބަޖެހެއެވެ. ޚާއްސަކޮށް ދުނިޔޭގެ ޗާޓުގައި ރާއްޖެ މި އޮތް ސަރަހައްދުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހެއެވެ.
ބަންކަރިން ޚިދުމަތާއި ދަނޑުވެރިކަން ފަދަ ރާއްޖޭގައި އެހާ ފުޅާ ދާއިރާއެއްގައި ނެތް އާ އިންޑަސްޓްރީތައް ގެނައުމަށް މި ސަރުކާރުން އެބަ މަސައްކަތްތަކެއް ކުރެއެވެ. މިއީ އަވަސް ކުރަންޖެހޭ ކަމެކެވެ.
އެ ދާއިރާގެ އިލްމަކާއި ހިލްމެއް ނެތް ބަޔަކު ސޯޝަލް މީޑިއާގައި ކޮށްފާނެ ޕޯސްޓަކަށް ވިސްނަންވެއްޖެ ނަމަ ކަންކަން އިސްލާހުކުރެވޭކަށް ނެތެވެ. ކެރިގެން ކުރިމަތިލާން ޖެހެއެވެ. ރާއްޖެ މިއަދު މި އޮތީ އެކަން ނުކޮށްނުވާ ހިސާބުގައެވެ. އިގުތިސާދަށް ފަރުވާ ބޭނުމެވެ. ބަޔަކު ރުޅި އަޔަސް ބައެއް އެހީތައް ކަނޑާލައި ޚަރަދު ކުޑަކުރަން ޖެހެއެވެ. އާމްދަނީ އިތުރު ކުރަން މަސައްކަތްތައް ފަށަން ޖެހެއެވެ. ބަނގުރޫޓުވުމަކީ އެދޭގޮތް ކަމަށް ނުވާނަމަ އަމަލުތައް ވެސް ހުންނަން ވާނީ އެގޮތަށެވެ.