މިނިސްޓްރީއަކަށް ބޭނުންވާނީ ގިނަވެގެން ތިން ސިޔާސީ މަގާމު: ޝަމްހީދު

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިޝް ނާހިދު

މިނިސްޓްރީއަކަށް ބޭނުންވާނީ ގިނަ ވެގެން ތިން ސިޔާސީ މަގާމު ކަމަށާއި އެ އަދަދު ތިނަކަށްވުރެ ގިނަވެގެން ނުވާނެ ކަމަށް ކުރީގެ ޓްރާންސްޕޯޓު މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަޙްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝަމްހީދު ވިދާޅުވީ، އޭނާ ވެސް މީގެ ކުރިން މިނިސްޓަރުކަން ކުރެއްވި ކަމަށެވެ.

"އޭރު ވެސް ދެ ޑެޕިއުޓީންނާ ސްޓޭޓް މިނިސްޓަރަކަށް އަޅުގަނޑުމެން ހަވާލު ކުރާނެ މަސައްކަތެއް ނޯވޭ ހަގީގަތުގައި ވެސް. މިއަދު އަޅުގަނޑަށް ހިއެއް ނުވޭ އެއަށްވުރެ ގިނަ ވާނެހެންނެއް. ތިނަކަށްވުރެ ގިނަވެއްޖެއްޔާ އަޅުގަނޑު ގަބޫލުކުރަނީ ގިނަ ވެފައޭ އެއޮތީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ޑެޕިއުޓީ މިނިސްޓަރުންގެ މުސާރައިގެ ގޮތުގައި މަހަކު ޖުމުލަ 80 މިލިއަނާއި 100 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭކަމަށެވެ.

"މީގަ ގަބޫލުކުރަންވީ ހަމައެކަނި މުސާރައަށް ކުރާ ހޭދަނޫންކަން މުވައްޒަފަކު އައްޔަންކުރީމަ ހިނގަނީ. ހަމަ ކަރަންޓު ބިލު ވެސް ބޮޑުވާނެ އެއާއެކީގައި ފޮތާއި ފަންސޫރު ވެސް އެޑްމިނިސްޓްރޭޓިވް ޚަރަދުތައް ވެސް،" ޝަމްހީދު ވިދާޅުވިއެވެ.

އެހެންކަމުން މުވައްޒަފުންގެ ޚަރަދުގެ ގޮތުގައި ހޭދަވާނީ ހަމައެކަނި މުސާރަކަމަށް ބަލައިގެން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މުވައްޒަފުންގެ މުސާރައިގެ އިތުރުން 20 ޕަސަންޓު ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ބެލެވޭކަމަށެވެ. އެހެންކަމުން ހަމައެކަނި ޑެޕިއުޓީ މިނިސްޓަރުންނަށް 100 މިލިއަން ޚަރަދުވާނެ ކަމަށް ޝަމްހީދު ވަނީ ލަފާކުރައްވާފައެވެ.

ސަރުކާރުން ޚަރަދު ކުޑަކުރުމަށް ކުރާ މަސައްކަތް ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ޚަރަދު ކުޑަކުރުމަށް ކުރަންޖެހޭ އެންމެ ފުރަތަމަ ކަމަކީ ރިކަރަންޓު ޚަރަދު ކުޑަކުރުން ކަމަށެވެ. އެހެންކަމުން ސިޔާސީ މަގާމުތައް މަދުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރުމަށް މި ސަރުކާރުން މަސައްކަތް ފަށާފައި ވާއިރު، މި ސަރުކާރުން ގިނަ އަދަދެއްގެ ޑެޕިއުޓީންނާއި ސްޓޭޓް މިނިސްޓަރުން އައްޔަން ކުރުމުގެ ކަންބޮޑުވުން އާންމުން އަންނަނީ ފާޅުކުރަމުންނެވެ.

ރައީސް އޮފީހުގެ ވެބްސައިޓުން ދައްކާ ގޮތުގައި ޑެޕިއުޓީން އެންމެ ގިނައީ ލޯކަލް ގަވަނަންސް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީގައެވެ. މި ދެ މިނިސްޓްރީގައި 13 ޑެޕިއުޓީން ތިއްބަވައެވެ. ސްޕޯޓްސް މިނިސްޓްރީގައި 12 ޑެޕިއުޓީން ތިއްބަވާއިރު، ޓޫރިޒަމް އަދި ޓްރާންސްޕޯޓް މިނިސްޓްރީގައި 10 ޑެޕިއުޓީން ތިއްބަވައެވެ.

މި ސަރުކަރުގައި ސިޔާސީ މަގާމުތައް 700އަށްވުރެ އިތުރު ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

އެމްޑީޕީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު 2،000އަށް އަރާ ކަމަށް ވިދާޅުވެފައެވެ.

ޝަމްހީދު މިނިސްޓަރުކަން ކުރެއްވީ ފެބްރުއަރީ 2012އިން އެ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށެވެ.

comment ކޮމެންޓް