ޑިމޮކްރެޓްސްއިން ރައީސަށް ތާއީދުކުރިން، އެއީ އިންޑިއާ ގުޅުމުގެ ތަސައްވުރު ފެނުމުން: ނަޝީދު

ރައީސް ނަޝީދާއި ރައީސް މުއިއްޒު: ނަޝީދު ވަނީ ރައީސްގެ ޚާރިޖީ ސިޔާސަތަށް ތައުރީފު ކުރައްވާފައި -- ފޮޓޯ/ މަޖިލިސް

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްކޮށް ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ތާއީދު އޮތީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ކަމަށާއި، އެއީ މި ސަރުކާރުގެ އިންޑިއާއާއެކު ބާއްވާނެ ގުޅުމުގެ ތަސައްވުރު ފެނިފައި އޮތުމުން ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބް ނާކާމިޔާބުވުމުން ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަށް ތާއިދުނުކޮށް އޮތް ޑިމޮކްރެޓްސްގެ ވިސްނުން ހިއްސާކުރައްވަމުން، ނަޝީދުގެ ނުރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ކޮންމެ އިންތިޚާބަކަށް ފަހު އަނެއްފުށަށް ޖެހޭ ކަމެއްގެ ގޮތުގައި އޮތުމުން ދިވެހިންނަށް ލިބޭ ގެއްލުން ބޮޑު ކަމަށެވެ.

މި ސަރުކާރު ފެށިގެން އައިއިރު އިންޑިއާއާ ދެމެދު ނުތަނަވަސްކަމެއް އުފެދިފައި އޮތުމަށް ފަހު، ސަރުކާރުން އަންނަނީ އިންޑިއާއާ ގުޅުން ބަދަހިކުރުމަށް މަސައްކަތްތައް ކުރަމުންނެވެ. އަދި ނަޝީދު ވަނީ އެ މަސައްކަތްތަކަށް މަރުހަބާ ވިދާޅުވެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެކަން ފާހަގަކުރައްވައި ނަޝީދު ވަނީ، ރާއްޖެއިން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތު ރަނގަޅު މިސްރާބަކަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެ ތައުރީފު ކުރައްވައިފައެވެ. އަދި އެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް ބައިވެރިވެވަޑައިގަތުމުން ހުރިހާ ދިވެހިން ވެސް އުފަލުން ތިބި ކަމަށް އެ މަނިކުފާނު އެކްސްގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު -- ފޮޓޯ/ މަޖިލިސް

މިހާރު ވެރިކަންކުރާ ޕީއެންސީ، ޕީޕީއެމް އިދިކޮޅުގައި އޮތްއިރު ކުރިއަށްގެންދިޔަ އިންޑިއާ އައުޓް ހަރަކާތާ މީގެ ކުރިން ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. އެގޮތުން އެއީ އިންޑިއާ އާ ދެކޮޅަށް ދިވެހިންގެ ހިތުގައި ނަފުރަތު އުފެއްދުން ކަމަށާއި އެ ހަރަކާތަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

ދެހާސް އަށްވަނަ އަހަރުން 2012އަށް ރައީސްކަން ކުރެއްވި ނަޝީދުގެ ސަރުކާރުގައި އިންޑިއާއާ ގާތް ގުޅުމެއް އުފައްދައި، އެގައުމަށް ވަރަށް ބޮޑަށް ބަރޯސާވިއެވެ. އޭގެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަކީ އިންޑިއާއާ ވާދަވެރި ޗައިނާ ކޮޅަށް ޖެހިފައި އޮތް ސަރުކާރެއް ކަމަށް ސިފަކުރާއިރު ޖެހިގެން އައި އެމްޑީޕީ ސަރުކާރު ވެސް ލޭބަލް ކޮށްފައިވަނީ 'ޕްރޯ އިންޑިއާ' ސަރުކާރެއްގެ ގޮތުގައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ 'އިންޑިއާ އައުޓް'ގެ ވައުދު ހަގީގަތަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ކަމަށްވުމާއި، ނައިބު ވަޒީރުންތަކެއް މޯދީއަށް ކުޑައިމީސް ކުރި މައްސަލައިގައި ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ނޭދެވޭ އަސަރުކުރިއެވެ.

ނަމަވެސް، އެ މައްސަލައިން އަރައިގަނެވިފައިވާ ކަމަށް ރާއްޖޭގެ އަދި އިންޑިއާގެ ފޮރިން މިނިސްޓްރީން ވެސް ވަނީ މިފަހުން ބުނެފައެވެ. އަދި ރައީސް އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ދެގައުމުގެ ގުޅުން ރަނގަޅު ވުމުގެ ރަމްޒެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް