މި މަހު 30 ގައި އޮންނަ ރިޔަސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރަން، އިންތިޚާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް ދިޔަ ދަ ޑިމޮކްރެޓްސްއިން މިއަދު ނިންމައިފިއެވެ.
ކޯލިޝަން ހެދުމަށް ޑިމޮކްރެޓްސްއިން ބޮޑު ދެ ޕާޓީއާ ވެސް މަޝްވަރާ ކުރިއެވެ. އެގޮތުން، އިދިކޮޅު ޕީޕީއެމަށް ވަނީ ސަރުކާރުގެ ހިއްސާ ދޭގޮތަށް ކޯލިޝަން އެއްބަސްވުމެއްގައި ސޮއި ކުރުމަށް ޝަރުތުކޮށްފައެވެ. އަދި، ވެރިކަން ކުރާ އެމްޑީޕީއަށް ވަނީ މި މަހު 28ގެ ކުރިން ނިޒާމީ ވޯޓަކަށް ދިއުމަށް ޝަރުތުކޮށްފައެވެ.
އެކަމަކު، ރޭ 12:00 އަށް ދެ ޕާޓީއަށް ދިން މުއްދަތު ހަމަވިއިރު، އެއްވެސް ޕާޓީއަކުން ޑިމޮކްރެޓްސްގެ ޝަރުތުތަކަށް އެއްބަސްވެފައެއް ނުވެއެވެ. އެހެންވެ، ޑިމޮކްރެޓްސްއިން ނިންމާފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެ ޕާޓީން އެއްވެސް ޕާޓީއަކާ އެކު ކޯލިޝަން ނުހަދާށެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ޑިމޮކްރެޓްސްގެ އިންޓެރިމް ކައުންސިލުން ނިންމާފައިވަނީ، ދެ ޕާޓީއަށް ވެސް ޝަރުތުތައް ރަސްމީކޮށް އެންގުމަށް ފަހު، ދެ ދުވަހުގެ މުއްދަތެއް ދިނުމަށެވެ. އެ މުއްދަތު ވަނީ ރޭގެ ނިޔަލަށް ހަމަވެފައެވެ.
ފުރަތަމަ ބުރުގައި ޑިމޮކްރެސްއަށް 15،807 ވޯޓު ލިބުނެވެ. އެއީ، 7.18 އިންސައްތައެވެ.
އެހެންވެ، ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާއި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ވެސް ކޯލިޝަން ހަދަން އެންމެ މުހިއްމު ޕާޓީއަކަށް އޮތީ ޑިމޮކްރެޓްސްއެވެ.
މި ފަހަރުގެ ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ އިތުރުން، ޖުމްހޫރީ ޕާޓީއާއި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫން ވެސް ނިންމަވާފައިވަނީ ކޯލިޝަން ނުހަދާށެވެ. މިހާތަނަށް ދެވަނަ ބުރަށް ކޯލިޝަނެއް ހަދާފައިވަނީ އެމްއެންޕީން އެކަންޏެވެ. ފުރަތަމަ ބުރުގައި 1،906 ވޯޓު ލިބުނު އެމްއެންޕީން ވަނީ ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރަން ނިންމައި، ކޯލިޝަން އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކަށް ފަހު އުފެއްދި ޑިމޮކްރެޓްސްއިން މިހާރު އަންނަނީ ނިޒާމީ ވޯޓެއް ނެގުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ކުރަމުންނެވެ.