އެމްޑީޕީން ރުހުންނުދިން ތިން ވަޒީރުންނަށް ރުހުންދީފި

19 ވަނަ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުންނަށް 20 ވަނަ މަޖިލީހުން ރުހުންދީފި: ރުހުން ދިނީ ވޯޓުން --

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުނު ތިން ވަޒީރުންނަށް, 20 ވަނަ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމީ

  • އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު
  • ބަންޑާރަނައިބު އަހުމަދު އުޝާމް
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

މަޖިލީހުން ރުހުން ނުދިން ނަމަވެސް، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ހަމަ އެ ދުވަހު އެ ތިން ބޭފުޅުން ވަނީ އަލުން މަގާމުގެ ހުވާ ކުރައްވައިފައެވެ. އެ ތިން ވަޒީރުންނަށް ހުވާލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

މިދިޔަ 19 ވަނަ މަޖިލީސް އުވުނުއިރު ވެސް އެ ތިން ވަޒީރުންނަށް ރުހުންދިނުމާ މެދު ދެވަނަ ފަހަރަށް ގޮތެއް ނިންމާފައެއް ނުވެއެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލިސް މިދިޔަ މަހުގެ 28ގައި ހުވާކުރުމަށް ފަހު ބޭއްވި މި ދައުރުގެ ދެވަނަ ޖަލްސާގައި ވަނީ އެންމެ ފުރަތަމަ ވެސް އެ މައްސަލަ އެޖެންޑާކޮށްފައެވެ. ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ވަނީ އަލުން އެ މައްސަލަ ބެލުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައެވެ.

މިދިޔަ ބުދަ ދުވަހު ޖުމުލަ 11 މެންބަރުން ހިމެނޭ އެ ކޮމިޓީ ބައްދަލުވުމުގައި ނުވަ މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު އޭގެ ތެރެއިން އެއް މެންބަރަކު ފިޔަވައި، މެންބަރުންގެ އަޣުލަބިއްޔަތުން ތިން ވަޒީރުންްނަށް ރުހުން ދޭން ވަނީ ފާސްކޮށްފައެވެ. ރުހުން ދިނުމަށް ވޯޓު ދީފައިނުވަނީ އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއީލު އަޙްމަދު ނަސީމެވެ.

އެއަށް ފަހު މިއަދު އޮތް 20 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގެ ހަތަރުވަނަ ޖަލްސާގައި އެ ތިން ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުގައި އުޝާމް ބަންޑާރަނައިބު ކަމަށް އައްޔަންކުރަން ރުހުންދީފައި ވަނީ ވޯޓުގައި ބައިވެރިވި 87 މެންބަރުންގެ އިއްތިފާގުންނެވެ. ޝަހީމަށް ރުހުން ދީފައި ވަނީ ވޯޓުގައި ބައިވެރިވި 83 މެންބަރުންގެ އިއްތިފާގުންނެވެ. އަދި، ހައިދަރަށް ރުހުން ދިނުމަށް ވޯޓު ދިނީ 81 މެންބަރުންނެވެ. އަދި، ރުހުން ނުދިނުމަށް 4 މެންބަރުން ވޯޓު ދީފައިވެއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް: އޭނާ ވިދާޅުވީ އެ ތިން ވަޒީރުން، ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރުމަށް މައްސަލައެއް ފެންނަން ނެތް ކަމަށް -- ފޮޓޯ/ މަޖިލިސް

ކޮމިޓީގެ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހަޅައިދެއްވާ މަޖިލީހުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރު ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުން ކޮށްގެން ނުވާނެ ކަންކަން ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ކަމަށެވެ.

އެގޮތުން، ސަރުކާރުގެ ވަރަށް ގިނަ މުއައްސަސާތަކަށް އެ މައްސަލަ ދިރާސާ ކުރަން ފޮނުވި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި، ކޮމިޓީއަށް ލިބުނު ރިޕޯޓުގައި ވަރަށް ސާފުކޮށް އެ ތިން ވަޒީރުން، ވަޒީރުންގެ މަޖިލީހަށް އައްޔަނުކުރުމަށް މައްސަލައެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ގާނޫނުއަސާސީގައި ވަޒީރުންގެ މަޖިލީހުގައި ހިމެނޭ ބޭފުޅުންގެ ގައިގައި ފުރިހަމަވާންޖެހޭ ޝަރުތުތައް، އެ ތިން ބޭފުޅުންގެ ކިބާގައި ފުރިހަމަވެފައިވާތީ އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ އެއްވެސް ކަމެއް އެއްވެސް ބޭފުޅަކު ކޮށްފައި ނުވާތީވެ ކޮމިޓީއަށް ހާޒިރުވެ ވޯޓު ދެއްވި މެންބަރުންގެ އަޣުލަބިއްޔަތުން އެ ތިން ވަޒީރުންނަށް ރުހުން ދޭން ނިންމާފައި ވާނެ، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި މިދިޔަ ދައުރުގައި ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދޭން 31 މެންބަރުން ވޯޓު ދިންއިރު އޭނާއަށް ރުހުންދޭން ވޯޓު ދެއްވީ 30 މެންބަރުންނެވެ. އުޝާމް ބަންޑާރަނައިބު ކަމަށް އައްޔަންކުރަން ރުހުންދޭން ވޯޓު ދީފައިވަނީ 24 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެން ބާކީ 44 މެންބަރުން ވޯޓު ދިނީ އުޝާމަށް ރުހުން ނުދިނުމަށެވެ. ހައިދަރަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި 46 މެންބަރުން ވަނީ އޭނާއަށް ރުހުން ނުދޭން ވޯޓު ދީފައެވެ. ރުހުންދޭން ވޯޓު ދެއްވީ 26 މެންބަރުންނެވެ.

އެ ތިން ވަޒީރުން ފިޔަވައި ސަރުކާރުގައި ތިއްބެވި 19 ވަޒީރުންނަށް މަޖިލީހުގެ މިދިޔަ ދައުރުގައިވަނީ ރުހުންދީފައެވެ.

comment ކޮމެންޓް