ރުހުން ނުލިބުނު ތިން ވަޒީރުންނަށް ކޮމިޓީން ރުހުން ދީފި

ރުހުން ނުދިނުމުން އަލުން އައްޔަން ކުރެއްވި ތިން މިނިސްޓަރުން--

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުލިބުނު ތިން ވަޒީރުންނަށް, 20ވަނަ މަޖިލީހުގެ ކޮމިޓީން މިރޭ ރުހުން ދީފިއެވެ.

އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް މިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި ބަންޑާރަނައިބު އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށެވެ.

ނަމަވެސް، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތިން ބޭފުޅުން ވަނީ އަލުން މަގާމުގެ ހުވާ ކުރައްވައިފައެވެ. އެ ތިން ވަޒީރުންނަށް ހުވާލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލިސް މިދިޔަ އަންގާރަ ދުވަހު ހުވާކުރުމަށް ފަހު ހޯމަ ދުވަހު އޮތް މި ދައުރުގެ ދެވަނަ ޖަލްސާގައި ވަނީ އެންމެ ފުރަތަމަ ވެސް އެ މައްސަލަ އެޖެންޑާކޮށްފައެވެ.

ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ހޯމަ ދުވަހު ވަނީ އަލުން އެ މައްސަލަ ބެލުމަށް ކޮމިޓީއަށް ފޮނުވާފައެވެ.

އެއާއެކު ޖުމްލަ 11 މެމްބަރުން ހިމެނޭ އެ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި ނުވަ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރެއިން އެއް މެމްބަރަކު ފިޔަވައި، މެމްބަރުންގެ އަޣުލަބިއްޔަތުން ތިން ވަޒީރުންްނަށް ރުހުން ދޭން ވަނީ ފާސްކޮށްފައެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގައި މިދިޔަ ދައުރުގައި ނެގި ވޯޓުގައި ޝަހީމަށް ރުހުން ނުދޭން 31 މެންބަރުން ވޯޓު ދިންއިރު އޭނާއަށް ރުހުންދޭން ވޯޓު ދެއްވީ 30 މެންބަރުންނެވެ.

އުޝާމް ބަންޑާރަނައިބު ކަމަށް އައްޔަންކުރަން ރުހުންދޭން ވޯޓު ދީފައިވަނީ 24 މެންބަރުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގެން ބާކީ 44 މެންބަރުން ވޯޓު ދިނީ އުޝާމަށް ރުހުން ނުދިނުމަށެވެ.

ހައިދަރަށް ރުހުން އޮތްތޯ ބެލުމަށް ނެގި ވޯޓުގައި 46 މެންބަރުން ވަނީ އޭނާއަށް ރުހުން ނުދޭން ވޯޓު ދީފައެވެ. ރުހުންދޭން ވޯޓު ދެއްވީ 26 މެންބަރުންނެވެ.

އެ ތިން ވަޒީރުން ފިޔަވައި ސަރުކާރުގައި ތިއްބެވި 19 ވަޒީރުންނަށް މަޖިލީހުގެ މިދިޔަ ދައުރުގައި ވަނީ ރުހުންދީފައެވެ.

comment ކޮމެންޓް