ރިޔާސީ ގަރާރަކުން ނިންމެން އޮއްވައި އިޒްރޭލު ޕާސްޕޯޓު މަނާކުރުން ދިގުލައިގެންދާތީ ކަންބޮޑުވޭ: އެމްޑީޕީ

މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އެ ޕާޓީން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުން ދިގުލައިގެންދާތީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ/ މަޖިލިސް

އިޒްރޭލުގެ މީހުންނަށް ރާއްޖެ ނާދެވޭގޮތަށް ރައީސުލްޖުމްޙޫރިއްޔާގެ ރިޔާސީ ގަރާރަކުން އެ ގައުމުގެ ޕާސްޕޯޓު މަނާކުރެވެން އޮއްވާ އަލުން ގާނޫނަށް އިސްލާހުތަކެއް ގެނެސްގެން އެކަން ކުރަން ސަރުކާރުން ނިންމުމާ ގުޅިގެން އެކަން ދިގުލައިގެންދާތީ އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ މީހުންނަށް ރާއްޖެ ނާދެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ގާނޫނުތަކަށް ބަދަލުގެންނަން ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށެވެ.

ނަމަވެސް، ސީދާ ރައީސުލްޖުމްޙޫރިއްޔާގެ ގަރާރަކުން އެކަން ކުރެވެން އޮއްވާ އިތުރަށް ދިގުލައިގެންދާ ގޮތަށް ގާނޫނަށް އިސްލާހުތައް ގެނެސްގެން ކުރަން ނިންމީތީ އެ ކަމާ އެ ޕާޓީން ކަންބޮޑުވާ ކަމަށް މީކާއިލް ވިދާޅުވިއެވެ.

"ސީދާ ރިޔާސީ ގަރާރަކުން އިޒްރޭލު ޕާސްޕޯޓު މަނާކުރަން އެންގެވި ނަމަ އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް މަރުހަބާ ކިޔޭނެ. އެހެންނަމަވެސް، މިހާރު އެ އަމަލުކުރެއްވި ގޮތުން މިދަނީ ދިގުލައިގެން،" މީކާއިލް ވިދާޅުވިއެވެ.

"މިކަން ކުރެވޭނެ ވަކި މުއްދަތެއް އަޅުގަނޑުމެންނަކަށް ނޭނގޭ، އަދި މިކަން ކުރެވޭނެތޯ ވެސް އަޅުގަނޑުމެންނަކަށް ނޭނގޭ،"

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް: މީކާއިލް އެދިވަޑައިގަތީ އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އެ ޕާޓީން ހުށަހެޅި ބިލަށް މަސައްކަތް ކުރުމަށް -- ފޮޓޯ/ މަޖިލިސް

ފާހަގަކޮށްލެވޭ ގޮތުގައި މެންބަރު މީކާއިލް ވަނީ އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ވެސް ހުށަހަޅާފައެވެ.

އެކަން ފާހަގަކުރައްވާ މީކާއިލް ވަނީ، އަނެއްކާ ވެސް ރައްޔިތުންގެ މަޖިލީހުގައި އެކަމުގެ ބިލެއް އޮއްވާ ސަރުކާރުގެ ފަރާތުން އިތުރު ބިލެއް މަޖިލީހަށް އަންނާތީ އެކަން ދެވަނަ ފަހަރަށް ކުރުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ.

އޭގެ ބަދަލުގައި އެމްޑީޕީން ހުށަހެޅި ބިލަށް ވެސް ތާއީދުކުރެވޭނެ ކަމަށާއި އެ ބިލަށް ކޮމިޓީ މަރުހަލާގައި ގެންނަން ބޭނުންވާ އިސްލާހެއް ގެނެސްގެން ވެސް ފާސްކުރެވޭނެ ކަަމަށް މީކާއިލް ވިދާޅުވިއެވެ.

"ޑަބަލްކޮށް މިކަން ކުރުމުގެ ބޭނުމެއް ހަގީގަތުގައި އަޅުގަނޑުމެންނަކަށް ނޭނގޭ ހަގީގަތުގައި ވެސް މި ކަންކުރުމުގެ ނިޔަތަކަށް ވާނަމަ. ރިޔާސީ ގަރާރަކުން ވެސް ކުރެވޭނެ ކަމެއް. މަޖިލީހުގައި އެ ބޭފުޅުންގެ ސުޕަމެޖޯރިޓީ. އެބޭފުޅުންގެ މެންބަރުން މަދެއް ނޫން،" މީކާއިލް ވިދާޅުވިއެވެ.

https://sun.mv/192738

ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެ ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ވީހާ ވެސް އަވަހަކަށް އިޒްރޭލު ޕާސްޕޯޓު މަނާކުރަން ކަމަށެވެ. އެހެންވެ، މާ ލަސްތަކެއް ނުވެ، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް އިޒްރޭލު ޕާސްޕޯޓު މަނާކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް އަހަރެއްގެ މައްޗަށް އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން މިހާރު ޒިޔާރަތްކުރާއިރު އިޒްރޭލުން އަންނަނީ އަހަރަކު ގާތްގަނޑަކަށް 15،000 އެއްހައި ފަތުރުވެރިންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށްގެން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 36،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އެ މައްސަލައިގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގޮވާލައި ދިވެހީން އިހުތިޖާޖުކުރާތާ ވެސް ދުވަސްތަކެއް ވެއްޖެއެވެ.

comment ކޮމެންޓް