އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ މީހުންނަށް ރާއްޖެ ނާދެވޭގޮތަށް އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ގާނޫނުތަކަށް ބަދަލުގެންނަން މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމައިފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށް ފަހު، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރަން އެ ގައުމުގެ ޕާސްޕޯޓު މަނާކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވީހާ ވެސް އަވަހަށް ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
"އިޒްރޭލުގެ ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެންނަން ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ ނިންމާފައި،" އިހުސާން ވިދާޅުވިއެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން: ވަޒީރުންގެ މަޖިލީހުން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ނިންމާފައި -- ފޮޓޯ/ ރައީސް އޮފީސް
އެކަން އަވަސްކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ޚާއްސަ ކޮމިޓީއެއް ވެސް އެކުލަވައިލައިފައެވެ. އެ ކޮމިޓީގައި ހިމެނެނީ:
- ހޯމް މިނިސްޓަރު އިހުސާން
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ބަންޑާރަނައިބު އަހުމަދު އުޝާމް
- އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު
- ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް
- ފޮރިން މިނިސްޓަރު މޫސާ ޒަމީރު
މީގެ އިތުރުން، މިއަދު ވަޒީރުންގެ މަޖިލީހުގައި ވަނީ ފަލަސްތީނުގެ މައްސަލައާ ގުޅުންހުރި މުހިންމު އިތުރު ހަތަރު ކަމެއް ވެސް ނިންމައިފައެވެ. އެއީ،
- ފަލަސްތީނުން ރާއްޖޭގެ ފަރާތުން އެދޭ ކަންކަން ދެނެގަންނަން ރައީސްގެ ޚާއްސަ އެންވޯއީއެއް ކަނޑައެޅުން
- ޔޫއެން ރިލީފް އެންޑް ވޯރކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ އަޚުންނާއި އުޚްތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި ފަންޑްރައިޒް ކުރުމަށް ހަރަކާތްތަކެއް ހިންގުން
- "ފަލަސްތީނާ އެކު ދިވެހީން" ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުން
- ރާއްޖެއިން އިސްނަގައިގެން ފަލަޞްޠީނުގެ މައްސަލައަށް އަވަސް ޙައްލެއް ގެނައުމަށްޓަކައި އިސްލާމީ ޤައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމުން
ފާހަގަކޮށްލެވޭ ގޮތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމި ނަމަވެސް އެ އެގޮތަށް އަމަލުކުރަން ފެށޭނީ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ ވީހާ ވެސް އަވަހަކަށް އިޒްރޭލު ޕާސްޕޯޓު މަނާކުރަން ކަމަށެވެ. އެހެންވެ، މާ ލަސްތަކެއް ނުވެ، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސް އިޒްރޭލު ޕާސްޕޯޓު މަނާކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖެއަށް އަހަރެއްގެ މައްޗަށް އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން މިހާރު ޒިޔާރަތްކުރާއިރު އިޒްރޭލުން އަންނަނީ އަހަރަކު ގާތްގަނޑަކަށް 15،000 އެއްހައި ފަތުރުވެރިންނެވެ.

ފަލަސްތީނާ އެކު ދިވެހީން ނަމުގައި މީގެ ކުރިން ބޭއްވި އެއްވުމެއް -- ސަން ފޮޓޯ/ މުހައްމަދު މާހިލް އާތިފް
ގާނޫނަށް އިސްލާހު ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމިއިރު، އިޒްރޭލު މީހުންނަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ އިސްލާހެއް ހުށަހަޅުއްވައިފައެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް ތާވަލުކޮށްފައިވާއިރު، އެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 75 މެންބަރުން ތިއްބަވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ އާންމުންނަށް އަމާޒުކޮށްގެން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 36،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.
އެ މައްސަލައިގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގޮވާލައި ދިވެހީން އިހުތިޖާޖުކުރާތާ ވެސް ދުވަސްތަކެއް ވެއްޖެއެވެ.
comment އަލީރާޖާ
10 month 4 week ago
އިޒްރާއީލް އާބާދީގެ %21 އަކީ އަރަބިން. އޭގެ ތެރެއިން 1.7 މިލިއަން މީހުންނަކީ އިޒްރޭލް ޕާސްޕޯޓު ގެންގުޅޭ މުސްލިމުން. 160,000 މީހުންނަކީ ކްރިސްޓިއަކުން. ޔަހޫދީންގެ އަދަދަކީ 6.8 މިލިއަން. ޔަހޫދީންގެ ތެރެއިންވެސް 3 މިލިއަން މީހުން އިޒްރާއީލް ސަރުކާރުން ފަލަސްތީނާ ދޭތެރޭ ގެންގުޅޭ ސިޔާސަތައް އެއްގޮތަކަށްވެސް ތާއީދެއް ނުކުރޭ. މި އެންމެންނަށް ޖުމްލަކޮށް ދޭ އަދަބަކަށް ރާއްޖެއައުން މަނާ ކުރުން މިއީ ބުއްދީގެ ހަމައިންވެސް ތާކުންތާކު ޖެހޭ ކަމެއް ނޫން.
comment ޙައްގުބަސް
10 month 4 week ago
އެމްޑީޕީ ސުޕަ މެޖޯރަޓީ ދިނީމަވެސް ރައްޔިތުންނަ ދިނީ ދޯކާ
comment 27
10 month 4 week ago
މަސްޖިދުލް އަޤުސާ އާއި އެތާގެ ވަށައިގެންވާ ފަލަސްތީންގެ ސަރަހައްދު ހިމާޔަތްކޮށް އެބިން މިނިވަންކަން މަތީގައި ބޭއްވުމަކީ ދިވެހި ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީ ދިވެހިންގެ މައްޗަށް ލާޒިމްކުރާ ޝަރުޢީ ޤާނޫނީ ވާޖިބެއް ! ސަލާހުއް ދީން ދެވަނަ ފަހަރަށް ރާއްޖެ ވުމަކީވެސް ދުރުކަމެއްނޫން !
comment ށަަަ1111
10 month 4 week ago
އީފާސްވެސް މަނާކުރޭ. އިޒުރޭލު ކުންފުންޏަކާ ގުޅިފަ
comment މުހްތާރު
10 month 4 week ago
ސަރުކާރުގެ ވެރިންނޭ ބިރުނުގަންނާތި ތިކަންކުރޭ އިޒްރޭލް މީހުން ނަޔަކަސް ރިސޯޓްތަކާއި ގެސްޓް ހައުސް ހިންގޭނެ ޑޯންޓް ވޮރީ......
comment ދިވެއްސެއަ
10 month 4 week ago
ބޭން އިޒްރައީލީ ވިތު ޑުއަލް ސިޓިޒަންޝިޕް ޓޫ!
comment ދިވެހި ލެގަސީ
10 month 4 week ago
މިއީ ހަމަ ޖެހި ޗައްކަރެއް. ތިޔަ ކޮމެޓީއެއްވެސް ނުބާއްވާނެ. ހަމަ އަޅުވާނީ އަނދުނެއް. ކޮމެޓީގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދެއޭ، ގޮތެއް ނިންމުމާ ވަރަށް ގާތްވެއްޖެއޭ ކިޔާ ކޮންމެ ފަހަރަކު ތަރުޖަމާނު ބަސް އިއްވާނެ ކުރިއަށް މިދައުރުގެ ބާކީ އޮތްހާ ދުވަހަކު. ދައުރު ނިމެން ގާތްވީމަ މަޖިލީހަށް ފޮނުވާފަ ބަޗާނެ.
comment އަލިބެ...
10 month 4 week ago
ގާނޫނު އެގޮތައް ބަދަލުކުރަން ހުށައެޅުމުން އެކަން ނުކުރަން ވަގުތީ ގޮތުން ކޮށްލި ކަމެއް.