ނައިބުގެ ގޮނޑިން ޖަލަށް، ހިމޭންކަމާއެކު މިއަދު އަލުން މަގާމަށް

ނާޒިމް އޭނާއަށް ތާއީދުކުރާ ބައެއް މީހުންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން -- ސަން ފޮޓޯ/މޫސާ ނަދީމް

މީގެ ނުވަ އަހަރުކުރީގެ މާޒީއަށް ބަލައިލަމާ ހެއްޔެވެ. އެއިރުގެ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް އުމުރަށް ޖަލަށްލުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީއެވެ.

މެދުނުކެނޑި މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވަމުން ގެންދަވަނިކޮށް ގޮނޑި ވެސް ގެއްލުނީއެވެ.

މައްސަލައަކާއެކު ގޮނޑި ގެއްލި ޖަލަށް

ނާޒިމަކީ ރައީސް އަބްދުﷲ ޔާމީން ޕީއޭގެ ނަމުގައި ޕާޓީއެއް ހައްދަވައިގެން އުޅުއްވި ދުވަސްވަރުން ފެށިގެން ޔާމީނާ ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެކަމަކު، ފަހުން ޔާމީންގެ ވެރިކަމުގައި ދެ ބޭފުޅުންގެ މެދުގައި މައްސަލަ ޖެހި، ފަހުން ނާޒިމް ޖަލަށްލީއެވެ.

https://sun.mv/167148

ނާޒިމްގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ކުރީގެ އެޓޯލްސް މިނިސްޓްރީއަށް 15،000 ގައުމީ ދިދަ ގަތުމަށް އެ މިނިސްޓްރީން 31 ޑިސެމްބަރު 2003 ވަނަ ދުވަހު ކުރި އިއުލާނާ ގުޅިގެން ނާޒިމްގެ ހިއްސާ އޮންނަ ނަމީރާ އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑުގެ މުވައްޒަފުން ބޭނުންކޮށްގެން ވުޖޫދުގައި ނެތް ހަތަރު ކުންފުންޏެއްގެ ނަމުގައި އެސްޓިމޭޓު ހުށަހަޅައި މަކަރާއި ހީލަތުން އެ ބިޑު ކާމިޔާބު ކުރި މައްސަލައާ ގުޅިގެންނެވެ.

ދިއްގަރު ދާއިރާގެ މެމްބަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސްކަން ނާޒިމް ކުރިން ކުރައްވަނީ ---- ފޮޓޯ: މަޖިލިސް

މިއީ އެއިރު މެމްބަރުކަމުގައި ހުންނެވި، ނާޒިމަށް އޭނާގެ ސިޔާސީ ހަޔާތުގައި ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު އެއް އަޑިގަނޑެވެ. ޖަލުގައި ދުވަސްތަކެއް ހޭދަ ކުރެއްވުމަށްފަހު ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ވަޑައިގެންނެވި ގޮތަށް ނާޒިމު އެ ފަހަރު ފިއްލެވީއެވެ.

މި ހުކުމާއެކު ގިނަ ދުވަސްތަކެއް ވަންދެން އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ނާޒިމް އެނބުރި ރާއްޖެ ވަޑައިގަތީ ޔާމީންގެ ވެރިކަން ނިމި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައެވެ. އެއާއެކު އެ އަހަރުގެ ޑިސެމްބަރު މަހުގެ 13ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ އެ ބޮޑު ޖަލު ހުކުމް ބާތިލް ކޮށްފައެވެ.

އެހެންނަމަވެސް ގޮނޑި ގެއްލުމުގެ ބަދަލު ހޯދަން އެދުމުން ލިބޭގޮތެއް ނުވިއެވެ.

https://sun.mv/112907

އެއަށްފަހު ނާޒިމް 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހަމަ ދިއްގަރު ދާއިރާއަށް ވާދަކުރެއްވިއެވެ. ނަމަވެސް އެ އިންތިޚާބުން ލިބިވަޑައިގެންނެވި ނާކާމިޔާބާއެކު އަނެއްކާ ވެސް ސިޔާސީ މައިދާނުގައި ނާޒިމްގެ އަލި ފޭދިގެން ދިޔައެވެ.

ހިމޭނުން ހުންނެވުމަށްފަހު، އަލުން މަޖިލިސް ނައިބުކަމަށް

އެގޮތުގައި ނިމިދިޔަ ފަސް އަހަރުގެ ދައުރު ދިޔައީ އޭނާގެ އަޑު މާ ބޮޑަށް ނީވިއެވެ.

ނިމުނު ރިޔާސީ އިންތިޚާބު ތެރޭގައި ނާޒިމް ވަނީ ޖުމްހޫރީ ޕާޓީއާ ވެސް ގުޅިވަޑައިގެންފައެވެ. އެކަމަކު އެ ޕާޓީގެ އެއްވެސް ހަރަކާތަކުން ވެސް ނާޒިމް ފެނިފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް، ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރަން ފޯމު ހުށަހަޅަނީ -- ފޮޓޯ/ ނާޒިމް

ރައީސް ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވެ، ދެން ފެނުނީ އަނެއްކާ ވެސް ދިއްގަރު ދާއިރާއަށް ވާދަކުރައްވަން ސަރުކާރު ހިންގާ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ނާޒިމް ފޯމު ހުށަހެޅުއްވި މަންޒަރެވެ.

ސަރުކާރު ޕާޓީގެ ފްރައިމަރީ ކާމިޔާބު ކުރެއްވުމަށް ފަހު އެ ޓިކެޓުގައި ދިއްގަރު ދާއިރާއަށް ވާދަކުރައްވައި، ނާޒިމް އިންތިޚާބު ކާމިޔާބު ކުރެއްވީ 949 ވޯޓު ހޯއްދަވައިގެންނެވެ.

އެއާއެކު މެމްބަރުން ހުވާކުުރުމާ ހަމައަށް ދިޔައިރު އެންމެ ހޫނުކޮށް ދެކެވުނު އެއް ވާހަކައަކީ މަޖިލިސް ރައީސްކަމަށް އިންތިޚާބުކުރާނީ ކޮން ބޭފުޅެއްތޯއެވެ. ވާދަވެރިންގެ ލިސްޓުގައި ނާޒިމްގެ ނަން ވެސް އެންމެ ކުރީގައި އޮތެވެ.

ވިހިވަނަ މަޖިލީހުގެ މެންބަރުން: އާ މަޖިލީސް މިއަދު ވަނީ ހުވާކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ފަހުން ރައީސް މުއިއްޒު ނިންމެވީ މަޖިލީހުގެ ރައީސްއަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އައްޔަން ކުރެއްވުމަށްފަހު ނައިބު ރައީސަކަށް ނާޒިމް އައްޔަން ކުރެއްވުމަށެވެ. އާ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މި ވަނީ އެގޮތަށް އިންތިޚާބު ކުރައްވައިފައެވެ.

ކޮންމެއަކަސް، ސިޔާސީ މަސައްކަތުގެ ތެރޭ ކުރިމަތިވެވަޑައިގެންނެވި ގިނަ ގޮންޖެހުންތަކެއްގެ ތެރެއިން އަރައިގެނެވޭ ގޮތް މިއަދު ވެއްޖެއެވެ.

ނާޒިމް ހިމޭންކަމާއެކު ހުންނެވުމަށްފަހު އަލުން މި ވަޑައިގަތީ މަޖިލިސް ނައިބު ރައީސްކަމުގެ މަގާމަށެވެ.

comment ކޮމެންޓް