ގާތް ދެ އެކުވެރިންގެ ގުޅުން ކެނޑުނީ އެ ދެމެދަށް އަދީބު ވަނުމުން!

ރައީސް ޔާމީން އަދި އަދީބް ފަހަތުގައި ކުރީގެ މެންބަރު ނާޒިމް: ރައީސް ޔާމީންއާ ނާޒިމް އެއީ ކުރީގެ ދެ އެކުވެރިން ----

މީގެ 30 އަހަރު ކުރިން ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމާކު އެއް އޮފީހެއްގައި މަސައްކަތްކޮށް އޭގެ ހަތް އަހަރު ފަހުން ގާތް ގުޅުމެއް އުފުދުނު ނަމަވެސް 19 އަހަރުވީ އެ ރަހްމަތްތެރިކަމުގެ ގުޅުން ކެނޑެން މެދުވެރިވި އެއް ސަބަބަކީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުކަމަށް ދޭހަވާ މޭރުމަކުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ވާހަކަ ދައްކަވައިފިއެވެ.

ރައީސް ޔާމީން ސިޔާސީ މައިދާނުގައި ހަރަކާތްރިވެ އާންމުންނަށް ފެންނަން ފެށި ހިސާބުން ފެށިގެން އެމަނިކުފާނުގެ 'ފަޅީގައި' އޭރުގެ ދިއްގަރު ދާއިރަގެ މެންބަރު އަހްމަދު ނާޒިމް ހުންނެވިއެވެ.

ޕީޕީއެމްގެ ޓިކެޓުގައި ވެރިކަމަށް ހޮވުމުގެ ކުރިން އަމިއްލަ ޕާޓީއެއް އުފެއްދެވި އިރު ވެސް އެންމެ އަރިހުގައި ހުންނެވީ ނާޒިމްއެވެ. މަޖިލީހުގެ ދިއްގަރު ދާއިރާ ނާޒިމް ތަމްސީލް ކުރެއްވި އިރު ޖެހިގެން އިން މުލަކު ދާއިރާ ތަމްސީލް ކުރެއްވީ ރައީސް ޔާމީނެވެ.

ޔާމީން އަދި ނާޒިމް ----

އެ ހިސާބަށް ދެ ބޭފުޅުންގެ ގުޅުން ބަދަހިވެ ގާތް ވުމުގެ ކުރިން އެންމެ ފުރަތަމަ ނާޒިމްއާ ރައީސް ޔާމީން ދިމާވެފައިވަނީ 1992 ވަނަ އަހަރުއެވެ. އޭރުގެ މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑަށް ވަޒީފައާ ގުޅުނު އިރު އެތަނުގެ ކަންކަން ބަލަހައްޓަވަމުން ގެންދެވީ ރައީސް ޔާމީނެވެ. އެ ބޯޑުގެ ނަން ސްޓެލްކޯއަށް ބަދަލުކޮށް 1996 ވަނަ އަހަރު އެތަނުގެ ޗެއާމަނަކަށް ރައީސް ޔާމީން އައްޔަނު ކުރި ހިސާބުން ފެށިގެން ދެ ބޭފުޅުން ދިމާވެ ދިޔައީ މުއާމަލާތް ކުރަައްވަމުންނެވެ.

"ސިޔާސީ ކަންތައްތަކުގެ ތެރެއަށް އަޅުގަނޑު 1999 ވަނަ އަހަރު ވަނީއްސުރެ ޔާމީންއާ އެއްކޮށް މަސައްކަތްތަކުގައި އެކި މިންވަރަށް މަސައްކަތް ކުރެވިފައި ހުރީ 2015 ވަނަ އަހަރާ ހަމައަށް," ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑާ ޔާމީންއާ ދެމެދު އޮތް ގުޅުމަކީ ވަރަށް ގާތް ގުޅުމެއް. ހަމަ ވަރަށް ބަދަހި ގުޅުމެއް އަޅުގަނޑުމެންގެ އޮތީ," 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފަހު ވެސް އެ ގުޅުން އޮތް ކަމަށް ނާޒިމް ވިދާޅުވިއެވެ.

އިންތިހާބަށް ފަހު ޔާމީންއާ އަދީބުގެ ގުޅުން ބަދިހިވި

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށާއި އެހެނިހެން ކަންކަމަށް ބޭނުންވާ ފައިސާ ހޯދުމުގައި އެންމެ އިސްކޮށް އުޅުއްވީ އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހްމަދު އަދީބެވެ. ރައީސް ޔާމީން ބޭނުންވާ ވަރަކަށް އަދީބު ފައިސާ ހޯއްދަވަނީ އެކަމަށް ޔާމީން މަގު ކޮށައިދީފައި އޮތުމުން ކަން ނާޒިމްގެ ވާހަކަތަކުން ސާފުވެއެވެ.

"އެންމެ ގިނައިން ފައިސާ ހޯދުމުގަ އާއި ފާއިސާ ފޯރުކޮށްދިނުމުގައި އަދި ކެމްޕެއިނަށް ބޭނުންވާ ގިނަ އަދަދެއްގެ ފައިސާ ހޯއްދަވައިދެއްވި ބޭފުޅެއް އެއީ އަދީބު," ނާޒިމް ވިދާޅުވިއެވެ.

23 ޖުލައި، 2015: ރައީސް ޔާމީން އަދި އަދީބް -- ފޮޓޯ/ ރައީސް އޮފީސް

އެގޮތުން ނަގުދު ފައިސާގެ ގޮތުގައި 15 މިލިއަން ރުފިޔާ އެއް ދުވަހަކު އަދީބު ހިފައިގެން އައިސް ޔާމީންއާ ހަވާލު ކުރެއްވި ކަން ނާޒިމް ފާހަގަކުރެއްވިއެވެ.

އޭރު ކެމްޕެއިނަށް ފައިސާ ހޯދީ ވިޔަފާރިވެރިންގެ އަތުން ދަރަންޏަށް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ގުޅުން ގޯސްވީ ކޮރަޕްޝަނުގެ ވާހަކަ ދެއްކުމުން ކަމަށް

"އަޅުގަނޑަށް ލިބުނު މައުލޫމާތަކީ އެމްޕީއެލް އިން އަހްމަދު އަދީބު ފަހުން ދެއްވާ ގޮތަށް ފަސް މިލިއަން ޑޮލަރުގެ ރުފިޔާ ނަންގަވައިފި ކަމަށް. ދެން އެއާ ބެހޭ ސަޕޯޓިން ޑޮކިއުމަންޓާ އެއްޗެހި ވެސް އަޅުގަނޑަށް ލިބުނު މައުލޫމާތު ތަކުގެ ތެރޭގައި އޮތް," 2014 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ރައީސް އޮފީހަށް ވަޑައިގެން އޭރުގެ ވެރިކަމުގައި ހުންނެވި ރައީސް ޔާމީން އަރިހުގައި އެ ވާހަކަތައް ދެއްކެވި ކަން ނާޒިމް ފާހަގަކުރެއްވިއެވެ.

އެ ފައިސާ އަދީބު ނަންގަވާފައިވަނީ 'ސްކޭމް' އެއްގެ ތެރެއިން ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ތުހުމަތު ކުރެއްވީ އެ ފައިސާ ނެންގެވީ ރިޔާސީ އިންތިހާބަށް ރައީސް ޔާމީން ދަރަންޏަށް ނެންގެވި ފައިސާ ދެއްކެވުމަށް ކަމަށެވެ.

އެގޮތުން އެކި މީހުންނާއި ކުންފުނިތަކުން އަދީބު ފައިސާ ނަންގަވާކަމުގެ މައުލޫމާތު ލިބިފައިވާތީ އެ ފައިސާ ރައީސް ޔާމީނަށް ލިބިލައްވާތޯ ނާޒިމް ސުވާލު ކުރެއްވިއެވެ. އަދި އޭރު ނާޒިމް ކައިރީގައި ރައީސް ޔާމީން ވިދާޅުވީ އެ ހުރިހާ ފައިސާ ލިބިލައްވާ ކަމަށެވެ.

ނަމަވެސް އެމްޕީއެލްއިން ނެންގެވި ފައިސާ ލިބިފައި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އެ ފައިސާ ޖަމާކޮށްފައިވަނީ އެހެން ދެ އެކައުންޓަކަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އެ ދުވަހު އަޅުގަނޑުގެ ބަސް ގަބޫލުކުރައްވާ އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެޅުއްވި ނަމަ އެމްއެމްޕީއާރުސީގެ މުޅި މައްސަލަ 70 މިލިއަން ޑޮލަރުގެ ހިޔާނަތަކަށް ވެގެން ނުދިޔައީސް," ނާޒިމް ވިދާޅުވިއެވެ.

އަދީބު ހިންގަވަމުން ގެންދެވި ކޮރަޕްޝަނުގެ އަމުލަތައް ހުއްޓުވައި ދެއްވުމަށް އެދުވަހު ރައީސް ޔާމީންގެ އަރިހުގައި ދެންނެވިކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެކަމަކީ ރިޔާސީ އިންތިހާބުގެ ދަރަނި ދެއްކުމަށް ކުރައްވާ ކަމެއް ކަމުގައިވާނަމަ އެކަމަށް ނިމުމެއް ނާންނާނެ ކަމަށެވެ.

"އަހްމަދު އަދީބް ކޮންމެސް ދުވަހަކުން ޔާމީން ބޮލަށް އަރާނެ ކަމަށާއި މިއަދުން މިއަދަށް އަދީބު ކައިރިން ކިހާވަރެއްގެ ފައިސާއެއްތޯ ތިމަންނައަށް ދީގެން ތި އުޅެނީ. މި ފައިސާ އަގުދު ކުރެވޭނީ އަދަދާ އެއްޗެހި ބައްލަވައި ދޭންވާ ފައިސާ ވެސް ރަށެއް ވެސް ދީގެން އަދީބު ކައިރިން އެ ދުވަހުން އެދުވަހަށް ސަލާމަތްވާން އަޅުގަނޑު ޔާމީނަށް ދެންނެވިން," ނާޒިމް ވިދާޅުވިއެވެ.

އެކަމަށް ޔާމީންގެ ފަރާތުން އެއްބާރުލުމެއް ނުލިބުމުނު މައްސަލަ އޮޑިޓާ ޖެނަރަލްގެ އޮފީހަށް ހުށަހެޅުއްވި ކަމަށް ނާޒިމް ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި އެކުވެރި ނާޒިމް ލީ 25 އަހަރަށް ޖަލަށް

ޔާމީންގެ ސަމާލު ކަމަށް ކޮރަޕްޝަނުގެ މައްސަލަ ގެނައިތާ އަހަރެއްވާން 22 ދުވަހަށް ވެފައި ވަނިކޮށް އޭރުގެ ދިއްގަރު ދާއިރާގެ މެންބަރު ނާޒިމަށް ވަނީ 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ނާޒިމްގެ މައްޗަށް އުފުލި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓާއި ހައިކޯޓުން އެ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލައި ނާޒިމްއަށް ހުކުމް ކޮށްފައެވެ.

"އަބްދުالله ޔާމީންގެ ވެރިކަމެއްގައި އަޅުގަނޑު މަގުމަތިން ދަނިކޮށް ގޮވާފައި ސުޕްރީމް ކޯޓަށް ވައްދާފައި ހުކުމެއް ކުރީމަ އެއީ އަބްދުالله ޔާމީނަށް ނޭނގި ކުރި ކަމެއް ވަންޏާ ރައިސުލްޖުމްހޫރިއްޔާގެ ކުފޫ ވެސް އޭނަ ހަމައެއް ނުވޭ," ނާޒިމް ވިދާޅުވިއެވެ.

ނާޒިމަށް ހުކުމް ކުރެއްވި ފަހުން ރައީސް ޔާމީންއާ ބައްދަލުވެ އެއްވެސް ކަހަލަ މުއާމަލާތެއް ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ދުވަހުން ފެށިގެން ޔާމީންއާ ގުޅުމެއް ބާއްވަން ބޭނުން ނުވަނީ, އެއް ހަރަކުން ދެ ފަހަރު ކަށި ޖަހަން ފުރުސަތު ނުދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަކީ މުއުމިނެއްވީމަ. އެއީ އެއް ހަރަކުން ދެ ފަހަރަށް ކަށި ޖަހާކަށް މުއުމިނުން ފުރުސަތެއް ނުދޭނެ,"

އަށް އަހަރު ފަހުން މިއަދު ކުރީގެ އެންމެ ގާތް އެކުވެރިޔާ ޝަރީއަތުގެ މަޖިލީހުން ބައްދަލުވި ނަމަވެސް ނާޒިމް ކުރެއްވި ބޮޑެތި ތުހުމަތުތަކަށް ރައީސް ޔާމީން އެއްވެސް އެއްޗެއް ވިދާޅުއް ނުވެއެވެ.

comment ކޮމެންޓް