ނުހުއްޓުނު އީޖާދީ ގަލަމެއް; މޫސަ މިއީ ޝަރަފުވެރިއެއް

މޫސާ ލަތީފް: މިއީ ވަރަށް ތަފާތު ނޫސްވެރިއެއް---

މިއީ ރާއްޖޭގައި އާއްމު ކަމެއް ނޫނެވެ. އެ މީހެއްގެ ލިޔުންތައް 1980 ގެ ފަހުކޮޅުން ފެށިގެން އަދިވެސް ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކިޔުންތެރިންނަށް ކިޔަން ލިބެއެވެ. ތަޖުރިބާއާއި މަގާމު ކިތަންމެ މަތިވި ނަމަވެސް ގަލަން ދޫކޮށެއް ނުލައްވައެވެ. ނޫސް ހިންގުމުގެ ބޮޑު ޒިންމާ ނަންގަވަމުން ވެސް އެންމެ އިސްކަން ދެއްވީ ލިޔުއްވުމަށެވެ. އެ މަގުން ދިގު ދަތުރެއް ކުރައްވައި މޫސާ ލަތީފް މިއަދު ވަނީ ދިވެއްސަކަށް ލިބޭނެ އެންމެ ޝަރަފުވެރި އެއް މަގާމު ކަމަށްވާ، ޝަރަފުވެރިކަމުގެ އިނާމު ހާސިލުކުރައްވައިފައެވެ.

ހަވީރު ނޫހާއި މިހާރު ނޫހުގެ ކުރީގެ އެޑިޓަރު އަދި މި ވަގުތު ދައުރު ނޫހުގެ އެޑިޓަރުކަން ކުރައްވާ މޫސައަށް މިއަދު ޝަރަފުވެރިކަމުގެ އިނާމު، އުމުރުން 53 އަހަރުގައި ލިބިވަޑައިގެންނެވިއިރު މިއީ އެ ޚާއްސަ އިނާމު ލިބިލެއްވި އެންމެ ހަގު އެއް ބޭފުޅާއެވެ. މޫސަ މިހާ ހިސާބަށް ވަޑައިގަތީ ވަރަށް ވެސް ބުރަ އަދި ޝައުގުވެރި މަގަކުންނެވެ. ނޫސްވެރިކަމުގައި މެދުކެނޑުމެއްނެތި 35 އަހަރު ވެފައިވާއިރު އަދިވެސް ހުންނެވީ އެ ޚިދުމަތުގައެވެ.

މޫސަ ހަވީރު ނޫހުގެ ކުރީގެ އެޑިޓަރު ޑރ. އަލީ ރަފީގާއެކު-

ހއ. ދިއްދުއަށް އުފަން މޫސަ ވަރަށް ހަގު އުމުރުގައި ވަނީ މާލެއަށް ދިރިއުޅުން ބަދަލު ކުރައްވައިފައެވެ. ތައުލީމު ހާސިލުކުރެއްވުމަށް މާލޭގައި ދިރިއުޅުއްވި މޫސަ ކިޔަވާ ވިދާޅުވީ އޭރު ރާއްޖޭގައި އެންމެ މަޝްހޫރު އެއް އަމިއްލަ މަދުރަސާ ކަމަށްވާ، މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) އިންނެވެ. އެއީ، އަދަބީ ދާއިރާއާއި ސިޔާސީ ދާއިރާގެ އިތުރުން އެކި ފަންނުތަކުން ކުޅަދާނަ ބޭފުޅުންތަކެއް ބިނާ ކުރި ސްކޫލެކެވެ. ދިވެހި ބަހާއި ލިޔުންތެރިކަމަށް މޫސަގެ ޝައުގުވެރިކަން ވެސް އުފެދުނީ އެ ސްކޫލުން ތައުލީމު ހާސިލުކުރެއްވި ދުވަސްވަރެވެ.

ސްކޫލު ވަގުތުތައް ނޫން އެހެން ވަގުތުތަކުގައި މޫސަ ގިނަ ވަގުތު ހޭދަ ކުރައްވަމުން ގެންދެވީ ގައުމީ ކުތުބުހާނާގައި ދިވެހި ލިޔުންތައް ވިދާޅުވާށެވެ. ގިނައިން ކިޔުއްވި ވަރަކަށް ލިޔުމަށް ޝައުގުވެރިކަން އުފެދެމުންދިޔައެވެ.

މޫސަގެ އެ ޝައުގު އެންމެ ފަހުން "ހަވީރު" ނޫހާ ހަމައަށް 1987 ވަނަ އަހަރު ފޯރީ ކިޔަވާ ކުއްޖެއްގެ ގޮތުގައި ހުންނަވައެވެ. އޭރު އުމުރުން އެންމެ 16 އަހަރުގެ މޫސަ ލިޔުއްވާ މަޒުމޫނުތައް ދޭތެރެ ދޭތެރެއިން ހަވީރު ނޫހުގައި ދިޔައީ ޝާއިއުކުރަމުންނެވެ. ސްކޫލު ނިމުމާ އެކު މޫސަ ބޭނުންފުޅުވީ ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ވަޑައިގަންނަވާށެވެ. އެހެންވެ، 1989 ވަނަ އަހަރުގެ ކުރީކޮޅު ހަވީރު ނޫހުގެ ޗެއާމަން އަދި އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުޙައްމަދު ޒާހިރު ހުސެއިނަށް މޫސަ ސިޓީއެއް ލިޔުއްވީ "ހަވީރު" ނޫހުން ވަޒީފާއެއް ދެއްވުމަށް އެދިވަޑައިގެންނެވެ. އެ ސިޓީއަށް ޒާހިރު ދެއްވީ ހިތް އުފަލުން ފޮޅުނު ޖަވާބެކެވެ. އެއީ، " މޫސާ ލަތީފު ބޭނުން އިރަކު މި ތަނަށް އައިސް އުޅެންވީ" ކަމަށެވެ.

ކުރިން މަޒުމޫނު ލިޔުއްވަމުން ގެންދެވި މޫސައަށް އެ ހިސާބުން ރަސްމީކޮށް ނޫސްވެރިކަމުގެ ތެރެއަށް ވެންނެވުނެވެ. ހަވީރު ނޫހުގައި ފުލްޓައިމްކޮށް މަސައްކަތްކުރަން ފެއްޓެވުމާ އެކު އޭރުގެ ސީނިއާ ނޫސްވެރިންގެ ކައިރިން ކަންކަން ދަސްކުރައްވަން ފެއްޓެވިއެވެ.

މޫސައާއި އޭނާއާ އެކު ހަވީރު އަދި މިހާރު ނޫހުގައި މަސައްކަތް ކުރެއްވި ބައެއް ތަޖުރިބާކާރު ނޫސްވެރިން-

އޭގެ ފަހުން މޫސާ ލަތީފްގެ ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވީ ނޫސްވެރިކަމުގައެވެ. 'ހަވީރު'ގެ ކުޅިވަރު ރިޕޯޓަރުގެ ވަޒީފާއިން ފެށިގެން ސީނިއާ ރިޕޯޓަރުކަމާއި، ސަބް އެޑިޓަރުކަމާއި އެސިސްޓެންޓް އެޑިޓަރުކަމުގެ އިތުރުން ސީނިއާ އެސިސްޓެންޓް އެޑިޓަރުކަމާއި އެކްޓިން އެޑިޓަރުކަން ކުރެއްވެވިއެވެ. އަދި، މޭ 2010 އިން ފެށިގެން އެޕްރީލް 1، 2016ގައި 'ހަވީރު' ވަގުތީ ގޮތުން ހުއްޓާލަންދެން އެޑިޓަރަކަށް ހުންނެވީ ވެސް މޫސައެވެ.

ދިވެހި ނޫސްވެރިކަން ޒަމާނީ ކުރެއްވި

މެދުކެނޑުމެއްނެތި މި ވޭތުވެދިޔަ 35 އަހަރުގެ ތެރޭގައި މޫސަ ކުރެއްވި ކަމަކީ އެއްޗަކަށް އެއްޗެއް ލިޔުއްވުމެއް ނޫނެވެ. ޒަމާނީ ނޫސްވެރިކަމުގައި ހިމެނޭ މައިގަނޑު ހުރިހާ ސްޓައިލްތަކުގެ ލިއުންތައް ތައްޔާރުކުރެއްވިއެވެ. އަމިއްލައަށް އެ ލިޔުއްވުންތައް ލިޔުއްވުމުގެ އިތުރުން އެހެން އެތައް ނޫސްވެރިންނެއް އެ ގޮތަށް ލިޔަން ތަމުރީން ކޮށްދެއްވެވިއެވެ. އޭގެ ތެރޭގައި ޚަބަރު، ފީޗާ ނިއުސް، ބްރޭކިން ނިއުސް، ރިޕޯޓް، ފީޗާ ރިޕޯޓް، ތަހުގީގީ ރިޕޯޓް، ޕްރޮފައިލް، އަދި ކޮލަމް ހިމެނެއެވެ. މި ހުރިހާ ސްޓައިލްތަކެއް ރާއްޖޭގެ ނޫސްވެރިކަމަށް އެންމެ ފުރަތަމަ ތަޢާރަފުކުރި ނޫސްވެރިންގެ ތެރޭގައި މޫސަ ހިމެނެއެވެ.

މޫސައަށް މިއަދު ޝަރަފުވެރިކަމުގެ އިނާމު ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އޭގެ ކުރިން ރާއްޖޭގައި ލިޔަމުން އައީ ޚަބަރާއި މަޒުމޫނާއި ޕްރޮފައިލް އަދި ކޮލަމް ފަދަ ނޫސްވެރިކަމުގެ މަދު ސްޓައިލްތަކެއްގެ ލިޔުންތަކެވެ.

ނޫސްވެރިކަމުގެ ރޮނގުން ގައުމީ އިނާމު، އުމުރުން 30 އަހަރުގައި 2001ގައި މޫސާ ލަތީފަށް ވަނީ ލިބިވަޑައިގެންފައެވެ. އޭގެ ފަހުން އޭނާގެ ނޫސްވެރިކަމުގެ މަސައްކަތް އިހުނަށް ވުރެ ފުޅާ ކުރެއްވެވިއެވެ. ޚާއްސަކޮށް 2004ގައި "ހަވީރު"ގެ އެކްޓިން އެޑިޓަރުކަން ލިބިވަޑައިގަތުމާއި 2008ގެ އާ ގާނޫނުއަސާސީއާ އެކު ރާއްޖެއަށް އައި ސިޔާސީ އަދި ނޫސްވެރިކަމުގެ ބޮޑު މިނިވަންކަމުގައި, އޭގެ ކުރީގެ ނޫސްވެރިކަން މާޒީވެ، ދެން އުފުލަން ޖެހިވަޑައިގެންނެވި ޒިންމާ، އޭގެ ކުރީގެ އެއްވެސް މަސައްކަތަކާ ނުބައްދަލުވިއެވެ.

ރާއްޖޭގައި އަމަލު ކުރަން ފެށި އާ ގާނޫނުއަސާސީއާ އެކު ނޫސްވެރިކަމަށް ލިބުނު މިނިވަންކަމާއި ޓެކްނޮލޮޖީގެ ކުރިއެރުންތައް ވެސް އައީ ގާތްގަނޑަކަށް އެކުއެކީއެވެ. ދެގޮތެއްނުވެ، އެންމެ މަގުބޫލު ނޫހުގެ ގޮތުގައި "ހަވީރު" ނޫހަށާއި "މިހާރު" ނޫހަށް އޮވެވުނީ އެންމެ އިސްވެރިއަކަށް ހުންނަވައި މޫސަ ދެއްވި އިރުޝާދާއި ލިޔުއްވި ލިޔުންތަކުގެ ސަބަބުންނެވެ. މިހާރު ރާއްޖޭގެ ނޫސްވެރިކަމުގައި ނަން ހިނގާ ގިނަ ބޭފުޅުންނަކީ މޫސަގެ ދަރިވަރުންނެވެ. 'ހަވީރު' އާއި 'މިހާރު'ގެ މެނޭޖްމަންޓުން ވަނީ މޫސާ ލަތީފުގެ އެ މަސައްކަތް ފާހަގަކޮށްފައެވެ.

ވޭތުވެ މިދިޔަ 35 އަހަރުގެ ތެރޭގައި ހިނގި މުހިންމު ހުރިހާ ކަމެއް ކަވަރުކުރަން އެންމެ އިސްކޮށް ހުންނެވި އެޑިޓަރަކީ މޫސައެވެ. އޭނާގެ އިސް ޒިންމާގެ ތެރެއިން ކަވަރުކުރި މުހިންމު ކަންކަމުގެ ތެރޭގައި 2004 ވަނަ އަހަރު އެނަމާ ބޯޓު ބަންޑުން ޖަހާލައި 24 މީހުން މަރުވި ހިތާމަވެރި ހާދިސާއާއި ހަމަ އެ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާ ހިމެނެއެވެ. އޭގެ އިތުރުން، ރައީސް މުޙައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި، 7-8 ފެބްރުއަރީ 2012ގެ ސިޔާސީ ބޮޑު ހަމަނުޖެހުންތަކާއި އިންތިޚާއަށް ފޯރިގަދަވި 2013ގެ ރިޔާސީ އިންތިޚާބުގެ އިތުރުން 2014ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި 2015ގައި ފާހަގަކުރި ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލްގެ ކަވަރޭޖާއި 2018ގެ ރިޔާސީ އިންތިޚާބު، 2019ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު، 2023ގެ ރިޔާސީ އިންތިހާބު އަދި 2024ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަކީ މޫސަގެ ފާހަގަކޮށްލެވޭ ކަވަރޭޖުތަކެވެ.

މީގެ އިތުރުން، 2010 އިން ފެށިގެން 2018އާ ހަމައަށް 'ހަވީރު'އާއި 'މިހާރު'ން ކޮންމެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކާ ދިމާކޮށް ނެރުނު ޚާއްސަ ފޮތުގެ އެޑިޓަރަކީ ވެސް މޫސާ ލަތީފެވެ. މިއީ އޭރުގެ ވޯލްޑް ކަޕް މުބާރާތާ ދިމާކޮށް ދިވެހިންނާ ހަމައަށް ގެނެސްދިން މައުލޫމާތުގެ ވަރަށް މުހިންމު ބައެކެވެ. ގިނަ ބަޔަކަށް ޓީމްތަކާއި މުބާރާތުގެ ތަފުސީލު ލިބިގެން ދިޔަ ވަސީލަތެކެވެ.

'ހަވީރު'ގެ ވަރަށް މުހިންމު ބްރޭންޑެއް ކަމަށްވާ 'ހަވީރު ސްޕޯޓްސް އެވޯޑްސް' 1994ގައި ތައާރަފުކުރުމުގައި އިސް ރޯލެއް އަދާކުރެއްވުމުގެ އިތުރުން 2010 އިން 2016އާ ހަމައަށް އެ އެވޯޑް އިންތިޒާމުކުރުމުގެ އެންމެ އިސް ފަރާތަކީ ވެސް މޫސައެވެ. އެ ޒިންމާ އޭނާ ވަނީ 2017 އާއި 2018ގައި 'މިހާރު އެވޯޑްސް'ގައި ވެސް ނަންގަވައިފައެވެ.

ކޮންމެ ދުވަހަކު ކުރަމުން އައި ނޫސްވެރިކަމުގެ އިތުރުން އެ ދާއިރާގައި މޫސަގެ އެންމެ ބޮޑު އަނެއް މަސައްކަތަކީ 7 ފެބްރުއަރީ 2012ގެ ހާދިސާއާ ގުޅޭ ގޮތުން ލިއުއްވި 'ފެބްރުއަރީ ހަތެއް' މި ފޮތެވެ. މިއީ އެތައް ބައެއްގެ އިންޓަވިއުތަކެއްގެ މައްޗަށް ބިނާކުރެއްވި އަދި އެ ހާދިސާގެ އިތުރުން ރާއްޖެ މިހާރު ދެކެމުން އަންނަ ޑިމޮކްރަސީއަށް ފުރޮޅިގެން ދިޔަ ތާރީޚުގެ މައްޗަށް ވެސް ތަހުޤީޤީ ބައިތަކެއް ހިމެނުއްވި ފޮތެކެވެ.

ނޫސްވެރިކަން ކުރައްވައި ލައްކަ ތަޖުރިބާ ހޯއްދެއްވުމުގެ އިތުރުން މޫސަ ވަނީ މެލޭޝިއާއިން މާސްކޮމިއުނިކޭޝަންގެ ދާއިރާއިން ޑިގުރީ ހާސިލުކުރައްވައިފައެވެ.

ތަޖުރިބާކާރު އެހެން ނޫސްވެރިންނާއި އެހެން ނޫސްތަކުގެ އެޑިޓަރުންނާ މޫސަގެ އެންމެ ބޮޑު ތަފާތަކީ ހީވާގިކަމާއި ތެދުވެރިކަމާ އެކު މަސައްކަތުގައި ދެމި ހުރުމާއި ގަލަން ދޫކޮށްނުލެއްވުމެވެ. މިއަދު ޝަރަފުވެރިކަމުގެ އިނާމު އެ ހޯއްދެއްވީ ލިޔުންތެރިކަމުގެ އާ ސްޓައިލްތައް ރާއްޖެއަށް ތައާރަފު ކުރައްވައި އެ ދާއިރާއިން އެތައް ބޭފުޅުންނެއް ތަމުރީން ކުރައްވައިފައެވެ. އެންމެ ބޮޑު ތަފާތަކީ މޫސައަކީ އަދިވެސް ގަވައިދުން ލިޔުއްވާ މޮޅު އެޑިޓަރަކަށް ވުމެވެ.

މޫސަ އެއީ މިހާރު ޝަރަފުވެރިއެކެވެ. އެކަމަކު، މޫސަގެ އީޖާދީ ގަލަން ހުއްޓޭކަށް އަދިއަކު ނެތެވެ.

comment ކޮމެންޓް