ތަކުރާރުކޮށް އިވޭ ބަޠަލުންގެ ޖިހާދުގެ ވާހަކަ، މި ޖީލުގެ ހިތަށް ވަޒަންކުރެވޭތަ؟

ނޮވެމްބަރ 19، 2017: ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގެ ބައެއް ސުކޫލް ތަކުގައި ހިންގި ހަރަކާތްތަކުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އާދައިގެ މަތީން ކޮންމެ އަހަރަކު ވެސް ބައްދަލުކުރާ ގައުމީ ދުވަސް އަނެއްކާ ވެސް އައީއެވެ. ގައުމީ ހެދުންތަކާއި، ދިދަތައް މިއަދު އަނެއްކާ ވެސް ފެންނާނެއެވެ. ކުޑަކުދީންނަށް ގައުމީ ހެދުމެއް ލެވޭ މަދު ދުވަސްތަކުގެ ތެރެއިން މިއަދަކީ ދުވަހެއްކަމަށްވާތީ ގައުމީ ހެދުން ވެސް ލައްވާނެއެވެ. ހުރިހާ އިދާރާތަކެއްގައިމެހެން މި ދުވަސް ފާހަގަ ވެސް ކުރާނެއެވެ. ނަމަވެސް މާދަމާ މި ދުވަސް ނިމުމާއެކު މި ދުވަހުގެ ވާހަކަ އަނެއްކާ ވެސް އަންނަ އަހަރަށް ބޮޑު ފޮއްޓަށް ލައި ފޮރުވާނެއެވެ.

ނަމަވެސް ގައުމު ދެކެ ލޯބިވާ، ދިވެހި ގައުމިއްޔަތުގެ މަތީ ތަރުބިއްޔަތުވާ ޖީލެއް ބިނާކުރަން އެދޭނަމަ މިވަރުން ފުއްދައިލެވެން ނެތްކަން މިއީ ހަގީގަތެކެވެ. މި ފަދަ ދުވަސްތައް ފާހަގަކުރުމުގެ މަގްސަދާއި، ޖިހާދުގެ ހަނދާންތައް ދެމެހެއްޓުމުގެ މުހިންމުކަން ވަޒަންކުރެވޭތޯ ސުވާލު އުފައްދަން ޖެހެއެވެ.

އުތީމުގައި ހުންނަ އުތީީމު ގަނޑުވަރު: މިއީ ބޮޑުތަކުރުފާނު ދިރިއުޅުއްވި ގެ ---

ގައުމީ ދުވަހަކީ ކޮބާ؟

ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ހިޖުރީ ގޮތުން ރަބީއުލްއައްވަލު މަހުގެ އެއްވަނަ ދުވަހެވެ. އެއީ ގާތްގަނޑަކަށް 15 އަހަރާއި ހަ މަސް ދުވަހުގެ ދިގު އަޅުވެތިކަމަކުން ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށުން، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ނުވަތަ ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތްކުރެއްވި ދުވަހެވެ. ތާރީޚީ އެކި ލިޔުންތަކުގައި ވަރަށް ތަފްސީލްކޮށް އެ ވާހަކަތައް ވަނީ ބަޔާންކޮށްފައެވެ.

އެ ދުވަސްވަރު ދިވެހީން ތަހައްމަލުކުރި އަނިޔާވެރިކަމާއި، ހިތްދަތިކަމަކީ އަލުން އިއާދަކުރަން ބޭނުންވާނެ ކަންކަމެއް ނޫނެވެ.

ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ، ހއ. އުތީމު ، ބޮޑުތަކުރުފާނާއި މި ތަކުރުފާނުގެ ބޭބޭފުޅު އަލިތަކުރުފާނާއި، ކޮއްކޯފުޅު ހަސަންތަކުރުފާނު ރާއްޖެ ސަލާމަތް ކުރެއްވުމުގެ މަސައްކަތް ފެއްޓެވީ ޕޯޗުގީޒުންގެ އަނިޔާވެރިކަން ދިވެހީންނަށް ކެތް ނުކުރެވޭ ދަރަޖައަށް ދިއުމުންނެވެ. އެންމެ ބޮޑު ބިރަކީ ރާއްޖެއިން އިސްލާމީދީން ނެތިދާނެކަމުގެ ބިރު ބޮޑުވުމެވެ. ތިން ބޭފުޅުންގެ ޖިހާދުގައި އިސް ބޭފުޅަކަށް ހުންނެވީ ބޮޑުތަކުރުފާނެވެ.

އަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު އޭނާގެ ލިޔުއްވުމެއްގައި މީގެކުރިން ލިޔުއްވި ގޮތުގައި، އެންމެ ފުރަތަމަ ގައުމީ ދުވަހެއް ފާހަގަކުރީ 1946ވަނަ އަހަރުގެ ފެބްރުއަރީ ހަތަރުވަނަ ދުވަހެވެ. އެއީ ހިޖުރީ 1365ވަނަ އަހަރުގެ ރަބީއުލް އައްވަލު މަހުގެ އެއްވަނަ ދުވަހެވެ.

ގައުމީ ދުވަސް، ފަރުދުންނަށް ވަޒަންކުރެވޭބާ؟

ގައުމީ ދުވަހަކީ ކޮބައިކަން މި ދުވަސް އަންނަ ކޮންމެ ފަހަރަކުމެހެން މުޖުތަމައުގެ ކޮންމެ މީހަކަށް ވެސް ހަނދާންކޮށްދެވެއެވެ. ގައުމީ ފެންވަރުގެ ޖަލްސާތައް ބާއްވައި، ވެރީންގެ ޚިޠާބުތައް އިއްވައެވެ. ނަމަވެސް އުފެދޭ ސުވާލެއް އެބައޮތެވެ. ފަރުދުންގެ ހިތަށް މި ގައުމިއްޔަތާއި މިނިވަންކަމުގެ އުފާ ވަޒަންކުރެވެނީ ކިހާ މިންވަރަކަށްތޯއެވެ.

"އަޅުގަނޑުމެންނަށް ވަރަށް މަދުން ދެއްތޯ ފެންނަނީ މިހާރު އަޅުގަނޑުމެންގެ ދިވެހި ވެއްޓަށް އަހުލުވެރި ބައެއްގެ ގޮތުގައި މި ކުދިން ބޮޑުވަމުން އަންނަ ތަން. އެ ކުދިން ފަރިތައީ ދިވެހިވެށީގެ ނަންތަކަށްތޯ، އަޑުތަކަށްތޯ،" ދަރިވަރުންގެ ފަރާތުން ފާހަގަވާ ކަމެއް ހިއްސާކުރައްވައި، މާލޭ ސްކޫލެއްގައި ކިޔަވައިދެއްވާ ދިވެހި މުދައްރިސަކު ސުވާލު އުފެއްދެވިއެވެ.

ނޮވެމްބަރ 19، 2017: ގައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާލޭގެ ބައެއް ސުކޫލް ތަކުގައި ބޭއްވި ޖާފަތް -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް ގައުމީ ހެދުމެއް ލާން ޖެހޭ ވާހަކަ ބުނުމާއެކު، އެކަމަށް ދަރިވަރުންގެ ފަރާތުން ފެންނަ ޝައުގާއި އެކަމަށް ތައްޔާރުވާވުމުން ގައުމީ ކަންކަމާމެދު ސްކޫލު ދަރިވަރުންގެ ހިތުގައި ޖާގަ އޮތްކަން އެނގޭކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މަދަރުސީ ދައުރު ނިމުމުން ދެން މިކަން ފާހަގަކުރާން ލިބޭ ފުރުސަތު ބަންދުވެއެވެ.

"ސްކޫލުގައި އުޅުނުއިރު ދޯ، ގައުމީ ދުވަސްތައް ފާހަގަކުރަން ގައުމީ ހެދުމުގައި ދާން މި ޖެހެނީ. ދެން ގްރޭޑް 11، 12 ނިމުނީމާ އެ ކަހަލަ ދުވަހެއް އަޔަސް ކޮން ކަމެއް އޮންނާނީ. ހަމަ ސަރުކާރު ބަންދު ދުވަހެއް ވީމާ އެ ބަންދު ދުވަސް އެހެން އެބަ ލިބޭ،" ޔުނިވާސިޓީގައި ކިޔަވާ ޒުވާނަކު ކިޔައިދިނެވެ.

ދެ އުމުރުފުރައެއްގެ ފަރުދުންގެ މެދުގައި ހުރި ތަފާތު ދެނެގަނެވިއްޖެއެވެ. މިއަދު މި ދުވަސް ނިމުމުން ދެން ބޮޑުތަކުރުފާނަކީ ކާކުކަން ނުވަތަ ދިވެހި ބަޠަލުންގެ ނަންތައް ހަނދާނުން ފިލައިދާނަމަ އެ ބަޠަލުންގެ ޖިހާދާއި މަސައްކަތް ހިތަށް ވަޒަން ވޭތޯ ސުވާލު އުފައްދަންޖެހެއެވެ.

ކަޅާއިހުދުގެ ދެލިގަނޑު ސިފަކޮށްދޭންވީ ޒަމާނީ މަންޒަރުން

މި ދައްކާ ވާހަކަތަކަކީ މިހާރުގެ އެއްވެސް ބަޔަކު ތަޖުރިބާކޮށް، އަމިއްލަ ލޯމަތީ ދެކުނު މަންޒަރުތަކެއް ނޫނެވެ. އެ މާޒީއަކީ ކަޅާއިހުދުން ލިޔެވިފައިވާ ޞަފްހާތަކެކެވެ. އެ ދެލިގަނޑު ކުލަކުރާން އެދޭނަމަ، އެ އަކުރުތަކުން، އެ މާޒީގެ އަޑު އިއްވަން އެދޭނަމަ އާލާކުރަން ޖެހެނީ ގައުމިއްޔަތުގެ ރޫހެވެ. އެ ލިޔުމުން ތަސްވީރެއް ފެންނާނީ ގައުމިއްޔަތުގެ ކުލަ ޖެހިފައިވާ ފަރުދަކަށެވެ. މި ޖީލަށް މި ވާހަކަތައް ރައްދުކޮށްދޭންޖެހެއެވެ. އެއީ މި ޖީލަށް ފެތޭ ގޮތަށެވެ.

ވެންގާލީ މެމޯރިއަލް ހޯލް. ތާރީޚީ ހާދިސާއެއްގެ މަންޒަރެއް ދައްކުވައިދޭ ނަކަލެއް --

"ދުނިޔޭގެ ބައެއް ގައުމުތަކަށް ބަލައިލަމާ. އަޅުގަނޑުމެންނަށް ފެނޭ ބޮޑެތި ޑިޖިޓަލް މިއުޒިއަމްތައް. ކުރީގެ ބަތަލުންގެ ދިރިއުޅުން ސިފަވާފަދަ މޮނިއުމަންޓުތައް. އެބަހުރޭ ކްލޭއިން މީހުން ހަދައި، މޮޑެލްތައް ފެންނަހެން ތަންތަނުގައި ބަހައްޓައިފައި. ރާއްޖޭގައި ކީއްވެތޯ ނެތީ،" ދިވެހި މުދައްރިސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ވެސް މިފަދަ ކަންކަން ނުކުރާންވީ ސަބަބެއް ނެތެވެ. ކަޅުއޮއްފުންމި މާލެ ގެނެސް ބޭއްވުމުގެ ބަދަލުގައި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށް މަންޒަރު ސިފަވާ އެނިމޭޝަންތަކާއެކު އެކަމަށް ޚާއްސަ ސެންޓަރެއް ނުހެދެންވީ ސަބަބެއް ވެސް ނެތެވެ.

ގައުމު ދެމި އޮންނާނީ ގައުމުގެ ތާރީޚު އެނގޭ ރައްޔިތުންތަކެއް މި ތަނުގައި ދިރިއުޅޭނަމައެވެ. ގައުމީ ލޯބި ލޭގައި ދައުރުވާ ރައްޔިތަކު މި ރާއްޖޭގައި ދިރިއުޅޭނަމައެވެ. އެ ކަން ކުރުމަށް ޓަކައި އެންމެ މުހިންމީ ކާބަފައިން މި ގައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ޓަކައި ވެވަޑައިގެންނެވި ގުރުބާނީގެ ވާހަކަ ޖީލުތަކަށް ފޯރުކޮށްދިނުމެވެ. އެންމެ ފުރިހަމަ މާނައިގައި ބަޠަލުންގެ ޒިކުރާ އާކުރާން ބޭނުންނަމަ، މިއަދު ވެސް އެ ކަމަށް އިތުރު ހިތްވަރެއް ލާން އެބަޖެހެއެވެ.

comment ކޮމެންޓް