ރިޔާސަތާ ހަވާލުވެވަޑައިގެން އަބްދުއްރަހީމް: ''ތަފާތު ހިޔާލަށް ފުރުސަތު އޮންނާނެ''

މަޖިލީހުގެ ރައީސް އަބްދުއްރަހީމް: އެ މަނިކުފާނު ވިދާޅުވީ ތަފާތު ހިޔާލުތަކަށް ފުރުސަތު އޮންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް -- ފޮޓޯ/ މަޖިލީސް

ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއް ބާރު ކަމަށާއި އެ ތަނުގައި ތަފާތު ހިޔާލުތަކާއި ތަފާތު ނަޒަރިއްޔާތުތަކަށް ފުރުސަތު އޮންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވިއެވެ.

އާ މަޖިލީސް ހުވާކުރެއްވުމަށް ފަހު، މިއަދު ވަނީ އާ މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އަދި، ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިންތިޚާބުކޮށްފައެވެ.

މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ވިހިވަނަ މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހުގައި މެންބަރުންނާ ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، މަޖިލީހުގެ ރައީސްގެ ގޮނޑިކޮޅުގައި އިށީނދެވަޑައިގެން އިންނަވާއިރު ތަފާތު ޝުއޫރުތައް ހިތުގައި އުފެދެމުން އަންނަ ކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ ކަމަކަށް އެ މަނިކުފާނު ވަނީ، އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީގެ ލީޑަރު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައިފައެވެ.

އެއީ، އަބްދުއްރަހީމް މަޖިލީހުގެ ރައީސްކަމަށް ގެންނަން އަދި ނައިބު ރައީސް ކަމަށް ނާޒިމް ގެންނަން އެ ޕާޓީގެ ޕީޖީއަށް ހުށަހެޅުއްވީ ރައީސް މުއިއްޒުކަމުންނެވެ.

https://sun.mv/192533

ރިޔާސަތާ ހަވާލުވެވަޑައިގަތުމަށް ފަހުގައި އަބްދުއްރަހީމް ވަނީ ނިމުނު 19 ވަނަ މަޖިލީހުގައި އެ މަޖިލީހުގެ 87 މެންބަރުން ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި، މި ހިނގާ ވިހިވަނަ މަޖިލީސް އުފެދިގެން އައީ ގައުމަށް ވަރަށް މުހިންމު ވަގުތެއްގައިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

"[މިއީ] ގައުމީ ބަހުސްތައް ހިނގާނެ އެންމެ އުސް އަދި އެންމެ އިސް މަޖިލިސް. ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާނެ ރައްޔިތުންގެ މަޖިލިސް،" އެ މަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން، ގައުމުގައި ހުރި ބޮޑެތި މައްސަލަތަކުގައި މަޖިލީހުން އަބަދު ވެސް ވަކާލާތު ކުރާނެކަމުގެ ޔަގީންކަން އަބްދުއްރަހީމް ދެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ގާނޫނުގެ ވެރިކަން ދެމެހެއްޓުމާއި ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުމާއި އެ ނޫން ވެސް ގައުމަށް ދިމާވެފައިވާ ބޮޑެތި ކަންކަމުގައި މަޖިލީހުން އަބަދު ވެސް ވަކާލާތުކުރާނެ ކަމަށެވެ. އަދި، ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކުރުމުގައި މި މަޖިލީހުގެ މެންބަރުން އިޚުލާސްތެރިކަމާ އެކު ބުރަކޮށް މަސައްކަތްކުރައްވާނެ ކަމާ މެދު ޝައްކުނުކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި ތަނުގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ ބަހުސްތަކާއި ހިނގާ މަސައްކަތުގައި ތަފާތު ހިޔާލުތަކަށާއި ތަފާތު ވިސްނުންތަކަށާއި ތަފާތު ނަޒަރިއްޔާތަކަށް ފުރުސަތު ލިބެންވާނެ ކަމަށާއި އެ ކަންކަމަށް ޖާގަ އޮންނަންވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން،" ރިޔާސަތުގައި އިންނަވާ އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންނަމަވެސް އެ ކަންކަން ހިނގާން ވާނީ މަޖިލީހުގެ ކަރާމާތާއި ގަދަރު ހިފެހެއްޓޭ ގޮތަށް. މަޖިލީހުގެ ހަމަތަކާއި ސުލޫކީ މިންގަނޑުގެ ތެރެއިން. މި މަޖިލީހުގެ މަސައްކަތާ މެދު ދިވެހި ރައްޔިތުން ފަހުރުވެރިވާނެ ގޮތަކަށް،"

މަޖިލީހަކީ ދައުލަތުގެ އެއް ބާރުކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގައި ތަފާތު ހިޔާލުތަކާއި ތަފާތު ނަޒަރިއްޔާތުތަކަށް ފުރުސަތު އޮންނަންވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު، އެ ކަންކަން އޮންނަންވާނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބަޔާންކުރާ ހުދޫދުގެ ތެރެއިންކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް އަބްދުﷲ: މަޖިލީހުގެ ރައީސްކަމަށް އެ މަނިކުފާނު ވަނީ އިންތިޚާބުކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ވިހިވަނަ މަޖިލީހުގެ ރިޔާސަތަށް އަބްދުއްރަހީމް އިންތިޚާބުކުރީ އެ ކަމަށްޓަކައި ނެގުނު ސިއްރު ވޯޓުގައި ބައިވެރިވި 92 މެންބަރުންގެ ތެރެއިން 71 ވޯޓު ހޯއްދަވައިގެންނެވެ. އެ މަގާމަށް ދެން ވާދަކުރެއްވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓެވެ. ހަތް ވޯޓު ވަނީ ބާތިލުވެފައެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމަށް ނާޒިމް އިންތިޚާބުވީ އެކަމަކު 80 ވޯޓުންނެވެ. އެ މަގާމަށް އެމްޑީޕީން ވާދަކުރެއްވި މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާ މަޖިލީހުގެ ރައީސަކަށް އިންތިޚާބުވެވަޑައިގެން އަބްދުއްރަހީމް ވަނީ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އެ މަނިކުފާނު މިހާރު ވެސް ހުންނެވީ ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައެވެ.

comment ކޮމެންޓް