ފުލެޓާއި ގޯތި ހަވާލުކުރުން ލަސްވާތީ އެމްޑީޕީން މަޖިލީސް ކައިރީ މުޒާހަރާކޮށްފި

ފުލެޓާއި ގޯތި ހަވާލުކުރުން ލަސްވާތީ އެމްޑީޕީން މުޒާހަރާކުރަނީ: އެ މީހުން ވަނީ އަވަހަށް ފުލެޓުތަކާއި ގޯތިތައް ހަވާލުކުރަން ގޮވައިލާފައި --- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަމަށްވާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށް ދޫކުރި ފުލެޓުތަކާއި ގޯތިތައް ހަވާލުކުރުން ލަސްވާތީ އިދިކޮޅު އެމްޑީޕީން މިއަދު މުޒާހަރާކޮށްފިއެވެ.

އެމްޑީޕީން މި މުޒާހަރާ ކުރިއަށް ގެންދަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައެވެ. މި މުޒާހަރާގެ އެ ޕާޓީގެ މަޖިލީސް މެންބަރުން ވެސް ބައިވެރިވިއިރު، ބައިވެރިން ވަނީ މާލޭގެ ބޮޑެތި މަގުތަކުގައި ވެސް ނުރުހުން ފާޅުކޮށްފައެވެ.

މުޒާހަރާގެ ބައިވެރިން އަންނަނީ ފުލެޓާއި ގޯތި ހަވާލުކުރުން ލަސްވާތީ، ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފްލެޓާ ގޯތި ހަވާލު ކުރަން ގޮވާލާ އެމްޑީޕީން މުޒާހަރާ ކުރަނީ ---- ސަން ފޮޓޯ/ މޫސާ ނަދީމް

މުޒަހާރާގެ ބައިވެރިއަކު ބުނި ގޮތުގައި، އެ މުޒާހަރާ ކުރަނީ ގޯއްޗާއި ފުލެޓު ނުލިބޭތީ އެ ތަކެތި ލިބިފައިވާ ފަރާތްތަކުގެ ޝުއޫރު ފާޅުކުރާށެވެ.

އެގޮތުން، މަޖިލިސް ސަރަހައްދުގައި އެ ކަންބޮޑުވުންތައް ހިއްސާކުރަމުން ދަނީ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ އަޑު އިއްވުމަށްޓަކައި ކަމަށް މުޒާހަރާގެ ބެރިވެރިން ބުންޏެވެ.

ފްލެޓާ ގޯތި ހަވާލު ކުރަން ގޮވާލާ އެމްޑީޕީން މުޒާހަރާ ކުރަނީ ---- ސަން ފޮޓޯ/ މޫސާ ނަދީމް

މި މުޒާހަރާގެ ބައިވެރިންނާ އެކު ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ ވަނީ ރައްޔިތުންނަށް ފުލެޓުތައް އަވަހަށް ދިނުމަށް ގޮވާލައްވާފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 18،955 މީހުން ގޯއްޗަށް ޝަރުތު ހަމަވާއިރު، ޖުމުލަ 9،003 ގޯތި ދޫކުރަން ނިންމައިފައިވެއެވެ. އެ ގޯތިތައް ދޫކޮށްފައިވަނީ ހުޅުމާލެއާއި ގުޅީފަޅާއި ގިރާވަރުފަޅުންނެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ ހަވާލުކޮށްގެން ހުޅުމާލޭގައި 4000 ފުލެޓު ތަރައްގީ ކުރަމުން އަންނައިރު، ފުލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި މައްސަލައެއް އުޅޭ ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ޖިނާއީ ތަހުގީގެއް ކޮށްފައެވެ.

ފުލެޓާއި ގޯތި ހަވާލު ކުރަން ގޮވާލާ އެމްޑީޕީން މުޒާހަރާ ކުރަނީ ---- ސަން ފޮޓޯ/ މޫސާ ނަދީމް

އެ ތަހުގީގުން ޝަރުތުހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައިނުވާ ފޯމްތަކުގެ ލިސްޓެއް އެ ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް ފޮނުވިއެވެ.

އޭގެ ފަހުން ހައުސިން މިނިސްޓްރީން ވަނީ، އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމްތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ބުނެ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

އެހެންވެ، ބައެއް ފަރާތްތަކުން ވަނީ ސަރުކާރުން ފުލެޓު ލިސްޓު ބާތިލުކުރަނީ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް