71 މެންބަރުންގެ ވޯޓުން މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް އިންތިޚާބުކޮށްފި

އަބްދުއްރަހީމް އަބްދުﷲ: މަޖިލީހުގެ ރައީސްކަމަށް އޭނާ ވަނީ އިންތިޚާބުކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ މިއަދު އިންތިޚާބުކޮށްފިއެވެ.

އާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 93 މެންބަރުން ވެސް މިއަދު ހެނދުނު 9:00 ގައި ވަނީ މަޖިލީސް މެންބަރުކަމުގެ ގާނޫނީ ހުވާކުރައްވައިފައެވެ. މެންބަރުން ހުވާކުރެއްވީ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ ކުރިފުޅުމަތީގައެވެ.

އާ މަޖިލީހަށް މެންބަރުން އިންތިޚާބުކޮށްފައިވަނީ އޭޕްރީލް 21 ވަނަ ދުވަހު ބޭއްވި އާންމު އިންތިޚާބުގައެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރަން މިއަދު 10:15 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ މަގާމަށް މެޖޯރިޓީ ޕާޓީ ޕީއެންސީން ވަނީ އަބްދުއްރަހީމްގެ ނަން ހުށަހަޅައިފައެވެ. އަދި، އަބްދުއްރަހީމްގެ ނަން ހުށަހެޅީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

ނައިބު ރައީސް ކަމަށް އެ ޕާޓީން ހުށަހެޅީ ދިއްގަރު ދާއިރާގެ މެންބަރު ނާޒިމްގެ ނަމެވެ. އެ ނަން ހުށަހެޅުއްވީ އަބްދުއްރަހީމެވެ.

އިދިކޮޅު އެމްޑީޕީން މަޖިލީހުގެ ރައީސްކަމަށް ހުށަހެޅީ އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލްގެ ނަމެވެ. ނައިބު ރައީސްކަމަށް ހުށަހެޅީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަމެވެ.

މަޖިލީހުގެ ރައީސް ހޮވަން މިއަދު ނެގި ސިއްރު ވޯޓުގައި 71 މެންބަރުންގެ އަޣުލަބިއްޔަތުން އެ މަގާމަށް އިންތިޚާބުކުރީ ޕީއެންސީން އެ މަގާމަށް ގެންނަން ނިންމި އަބްދުއްރަހީމެވެ. އެމްޑީޕީން ހުށަހެޅި ނާޒިލަށް ލިބިވަޑައިގަތީ 14 ވޯޓެވެ. ހަތް ވޯޓު ވަނީ ބާތިލުވެފައެވެ. އަދި، ރިޔާސަތުގައި އިންނެވި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ވޯޓު ލައްވާފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަބްދުއްރަހީމަށް 71 ވޯޓު ލިބުނު ނަމަވެސް ޕީއެންސީގައި އެކަނި ވެސް 75 މެންބަރުން މިހާރު ތިއްބަވައެވެ.

އާ މަޖިލީހުގެ ރައީސަކަށް އިންތިޚާބުވެވަޑައިގެން އަބްދުއްރަހީމް ވަނީ 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފައެވެ. އޭނާ މިހާރު ވެސް ހުންނެވީ ވެރިކަން ކުރާ ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައެވެ.

މި މަޖިލީހުގެ މެޖޯރިޓީ ލީޑަރެއްގެ ގޮތުގައި ހުންނަވާނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ކަމަށް ވެސް ޕީއެންސީން ވަނީ ނިންމައިފައެވެ. އަދި، އިދިކޮޅު އެމްޑީޕީން ވަނީ މައިނޯރިޓީ ލީޑަރެއްގެ ގޮތުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އިންތިޚާބުކޮށްފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނިމުނު 19 ވަނަ މަޖިލީހަކީ އިދިކޮޅު އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހެކެވެ. އެކަމަކު، މި ފަހަރުގެ އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން މި ފަހަރު އެމްޑީޕީއަށް ލިބިފައިވަނީ އެންމެ 12 ގޮނޑިއެވެ. ސަރުކާރު ހިންގާ ޕީއެންސީން ވަނީ ހޮވުމަށް ފަހު ސޮއިކުރި އަމިއްލަ މެންބަރުންނާ އެކު 75 ގޮނޑި ކާމިޔާބުކޮށްފައެވެ. އޭގެ އިތުރުން ވެސް، އެމްޑީއޭއިން ދެ ގޮނޑި، އަދި، ޖުމްހޫރީ ޕާޓީއާއި އެމްއެންޕީން ވެސް ވަނީ ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އަދި، އަމިއްލަ ދެ މެންބަރުން ތިއްބަވައެވެ.

ނިމުނު 19 ވަނަ މަޖިލީހުގެ ތިއްބެވި މެންބަރުންގެ ތެރެއިން މި ފަހަރުގެ އިންތިޚާބުގައި ގޮނޑި ދިފާއުކުރެއްވުނީ އެންމެ 11 މެންބަރުންނަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި 19 ވަނަ މަޖިލީހުގައި ތިއްބެވި ގިނަ އަދަދެއްގެ މެންބަރުން މި ފަހަރުގެ އިންތިޚާބުގައި ވާދަ ވެސް ނުކުރެއެވެ.

comment ކޮމެންޓް