އިޒްރޭލު ޕާސްޕޯޓު މަނާކުރަން އެމްޑީޕީން ހުށަހެޅި ބިލަށް ސަރުކާރުގެ ފަރާތުން ތާއީދުކުރުމަށް ފަހު ކޮމިޓީ މަރުހަލާގައި އެ ބިލު ދިގުދެމިގެންދާތީ އެ ޕާޓީގެ ފަރާތުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަންނަން މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ނިންމަވައިފިއެވެ.
މި މައްސަލައިގައި ކުއްލި މައްސަލައެއް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)އެވެ.
އެ މައްސަލައިގައި ބުނެފައިވަނީ ފަލަސްތީނުގައި އިޒްރޭލުން ހިންގަމުންގެންދާ ގަތުލުއާންމާ ގުޅިގެން އިޒްރޭލު ކުށްވެރިކުރުން ފިޔަވާ ހަރުދަނާ އެއްވެސް ފިޔަވަޅެއް އަޅަން ސަރުކާރުން ނުކުޅެދިފައިވާ ކަމަށެވެ. އެހެންވެ، އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް އަވަސްކުރަން އެ މައްސަލައިގައި ވަނީ ގޮވާލައިފައެވެ.
އެކަމަކު، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ނިންމެވީ އެ މައްސަލަ ބަލައިނުގަންނާށެވެ.
"ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް އެ މައްސަލައިގައި ފުރިހަމަނުވާތީ، އެ މައްސަލަ މި ޖަލްސާއަށް ހުށަހެޅުއްވެން ނެތް ވާހަކަ މެންބަރުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން،" އަބްދުއްރަޙީމް ވިދާޅުވިއެވެ.
ބިލު ބަލައިނުގަންނާނެ ކަމަށް ވިދާޅުވި ނަމަވެސް އެ ބިލު ބަލައިނުގަންނަ ސަބަބާ ގުޅޭ އިތުރު ތަފުސީލެއް އެ މަނިކުފާނު ނުދެއްވައެވެ.
މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގޮވާލައި ހުށަހެޅި މައްސަލަ މަޖިލީހުގެ ތެރޭގައި 'ހުއްޓުވާފައި' އޮންނަތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ.
އެހެންވެ، އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތް މަޖިލީހުގެ ރައީސްގެ އިސްނެންގެވުމާ އެކު ކުރިއަށް ގެންގޮސް، އަވަހަށް ނިންމަން އެ މައްސަލައިގައި ވަނީ ގޮވާލައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި، އެކަން އިއުލާނުކުރުމާ އެކު މުޅި ދުނިޔޭގެ ސަމާލުކަން ލިބުނެވެ. އެކަމަކު، އެ މަސައްކަތް މަޖިލީހުގައި ކުރިއަކަށް ނުދެއެވެ.
މި ހިނގާ 20 ވަނަ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ވެރިކަންކުރާ ޕީއެންސީގައެވެ.