އިމްޕޯޓު ޕޭމަންޓް ޑޮލަރާ ނުލައި ދެއްކޭނެ ގޮތް ހަދަން، އިންޑިއާއާއި ޗައިނާއިން އެއްބާރުލުން ދޭން އެއްބަސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ރާއްޖެ ބަނގުރޫޓުވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތައް އިކޮނޮމިކް މިނިސްޓްރީން ވަނީ ދޮގުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ޗައިނާ އަދި އިންޑިއާ ފައިސާއިން، ރާއްޖެ އެތެރެކުރާ މުދަލުގެ އިމްޕޯޓު ފައިސާ ދެއްކޭނެ މަގު ހަމަޖެއްސުމަށްޓަކައި ދެ ގައުމު ސަރުކާރުން ވެސް އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިރޭ ވިދާޅުވެއްޖެއެވެ.

މިދިޔަ މަހު މިނިސްޓަރު ސައީދު ވަނީ ޗައިނާ ފައިސާއިން، ރާއްޖެ އެތެރެކުރާ މުދަލުގެ އިމްޕޯޓު ފައިސާ ދެއްކޭނެ މަގު ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްގެ ސިޓީއެއް ދެ ދުވަސް ކުރިން ލިބިވަޑައިގަތް ކަމަށެވެ. އެ ސިޓީގައި ޑޮލަރުގެ ބަދަލުގައި އެ ގައުމުގެ ލޯކަލް ކަރަންސީ ބޭނުންކޮށްގެން ރާއްޖެ އެތެރެކުރާ މުދަލުގެ އިމްޕޯޓު ފައިސާ ދެއްކޭނެ މަގު ހަމަޖެއްސުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް އެއްްބާރުލުންދެއްވާނެ ކަމުގެ ޔަގީންކަން އަރުވާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

https://sun.mv/190823

ހަމައެއާއެކު މީގެ ދެ ހަފުތާ ކުރިން އިންޑިއާގެ ހައި ކޮމިޝަނަރު މުނޫ މަހާވަރާ ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުކުރެއްވުމުގައި އެ ގައުމުން ރާއްޖެ އެތެރެކުރާ މުދަލުގެ އިމްޕޯޓު ޕޭމެންޓް އެގައުމުގެ ފައިސާއިން ދެއްކޭނެ މަގު ހަމަޖެއްސުމަށް ތާއީދުކުރައްވައި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، އަހަރެއްތެރޭ ޗައިނާއިން ގާތްގަނޑަކަށް 600އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަގެއްގައި ޗައިނާއިން މުދާ ރާއްޖެއަށް އިމްޕޯޓު ކުރާ ކަމަށެވެ. އަދި ހަމަ އެހާވަރަށް އިންޑިއާއިން ވެސް މުދާ އެތެރެކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންވީމަ ޖުމްލަ މި ދެ މާކެޓު އެއްކޮށްލީމަ ގާތްގަނޑަކަށް 1.4 އާއި 1.5 ބިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެބަ ގެނޭ މި ދެ ތަނުން އަހަރެއް ތެރޭ. އެހެންވީމަ ވިސްނުންފުޅަށް ގެންނަވާ އެ އަދަދަށް އެބަ ޖެހޭ ޑޮލަރު ހޯދަން،" ސައީދު ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑުމެން މި ދެ ފަރާތާ މި ވާހަކަދައްކަނީ އަޅުގަނޑުމެންނަށް އިންތިޒާމެއް ހަމަޖައްސައިދޭށޭ މިސާލަކަށް ޗައިނާއިން ގެންނަން ބޭނުންވާ މުދަލަށް، އެ މުދާ ގެންނަ ފަރާތްތަކުން އިންވޮއިސް ހޯދައިގެން ގެނައިމަ ދިވެހި ރުފިޔާއިން ބޭންކުތައް މެދުވެރިކޮށް އެބޭފުޅުންގެ ލޯކަލް ކަރަންސީން ފައިސާ ދެއްކޭނެ ގޮތް ޔޫއެސް ޑޮލަރުގެ ބަދަލުގައި.،"

ރައީސް ޑރ. މުއިއްޒާއި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު -- ފޮޓޯ/ ރައީސް އޮފީސް

ސައީދު ވިދާޅުވީ، އެކަން އެގޮތަށް ކުރެވިއްޖެނަމަ ދެ މާކެޓު އެއްކޮށްލުމުން އެ އަރާ 1.5 ބިލިއަން ރުފިޔާއިން 50 ޕަސެންޓު ކުޑަކުރެވޭނެ ކަމަށެވެ.

"އޭރުން ކޮންމެ ގައުމަކުން 300 މިލިއަން ޑޮލަރު ހަމަޖެހުނަސް އެއީ 700 މިލިއަން އެމެރިކާ ޑޮލަރު،" ސައީދު ވިދާޅުވިއެވެ.

"މާނައަކީ އެ އަދަދުގެ ޑޮލަރުގެ ބޭނުން ކެނޑިގެން ދާނެއޭ މުސްތަގުބަލުގައި. އެހެން ވެއްޖިއްޔާ ޑޮލަރުގެ ޑިމާންޑު ދަށްވަމުންތާ ދާނީ. އަދި ކުރިއަށް އޮތް ތަނުގައި ޑޮލަރަށް އޮންނަ ޑިމާންޑު ހައްތަހާވެސް ކުޑަވަމުންދާނީ."

https://sun.mv/191857

އެކަން ކުރުމަށް މިހާރުވެސް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ މާލީ ހާލަތު އޮތްގޮތުން އަދިވެސް ބައެއް ބޭރުގެ ފަރާތްތަކުން ރާއްޖެއާ މެދު ދެކޭ ދެކުން ތަފާތު ކަމަށެވެ. ނަމަވެސް އެކަން މަޑުމަޑުން ރަނގަޅުވަމުން ދާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ ކުރިން ސައީދު ވަނީ ކުރިއަށް އޮތް މަސްތަކުގައި އެމެރިކާ ޑޮލަރާ އަޅާބަލާއިރު ރާއްޖޭގެ ރުފިޔާ 30 އާއި 40 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ވަރުގަދަވާނެ ކަމަށް ލަފާކުރާ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތު ކަންބޮޑުވާ މިންވަރެއްގައި އޮތް ނަމަވެސް އިގުތިސާދީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ވަނީ މީގެ ކުރިން ބުނެފައެވެ. އޭގެ ތެރެއިން އެއް ކަމެއް ކަމަށް މި ސަރުކާރުން ފާހަގަކުރަނީ ފައިސާ ޗާޕުކުރުން ހުއްޓާލުމެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓު ތިރިވާން ފަށައިފި ކަމަށް ރައީސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

comment ކޮމެންޓް