އިންޑިއާއިން 300 މެޓްރިކް ޓަނުގެ ކާގޯ ބަރުކޮށްގެން އައްޑޫ ސިޓީ، ހިތަދޫ ޕޯޓަށް ދަތުރުކުރަމުންދާ ބޯޓު، މި މަހުގެ 11ވަނަ ދުވަހަށް ބަނދަރުކުރެވޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުޙައްމަދު ވަޖީހު މިއަދު ވިދާޅުވެއްޖެއެވެ.
ވަޖީހު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާގެ ޓިޓުކޮރިންއިން 300 ވަރަކަށް މެޓްރިކް ޓަނުގެ ކާގޯ ލޯޑުކޮށްގެން "އެމްވީ ނިއުމަތު" ހިތަދޫ ރީޖަަނަލް ޕޯޓަށް ދަތުރުކުރަމުންދާ ކަމަށެވެ.
ޝެޑިއުލްގައިވާ ގޮތުން މި ބޯޓު ހިތަދޫ ޕޯޓަށް ބަނދަރު ކުރެވޭނީ މި މަހުގެ 11ވާ ބުދަ ދުވަހުގައި ކަމަށް ވަޖީހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި މި ބޯޓުން ގެންނަ މުދަލުގެ ތެރޭގައި މޭވާ ތަރުކާރީއާއި ކާގޯގެ އާންމު ބާވަތްތައް ހިމެނެއެވެ.
އެމްޕީއެލުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި މިއީ އިންޑިއާއިން ކާގޯ ބަރުކޮށްގެން ހިތަދޫ ޕޯޓަށް ކުރާ ތިންވަނަ ނުވަތަ ހަތަރުވަނަ ދަތުރު ކަމަށެވެ.
މިއީ އިންޑިއާއިން ދާއިމީ ގޮތެއްގައި އައްޑޫ ސިޓީއަށް ކާގޯ ގެންދިއުމަށް ޓަކައި މި ސަރުކާރުން ކުރި މަސައްކަތް ކާމިޔާބުވެ، މި މަސައްކަތް ފެށުނު ފަހުން އެ އޮޕަރޭޝަނަށް އިތުރު ކުރެވިގެންދިޔަ ބޮޅެއް ކަމަށް ވަޖީހު ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާއިން ޒަރޫރީ ތަކެތި އެތެރެކުރަން 1981 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ފަހުން އެންމެ ގިނަ އަދަދެއްގެ ތަކެތި ރާއްޖެއަށް އެކްސްޕޯޓުކުރަން ހުއްދަ ލިބުނީ ވެސް މި އަހަރެވެ.
އެގޮތުން، ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާއަށް ބޭނުންވާ ޒަރޫރީ ތަކެތި ވެސް އިންޑިއާއިން އެކްސްޕޯޓުކުރާ އަދަދު 25 އިންސައްތައަށް އިތުރުކޮށް 1،000 މެޓްރިކް ޓަނަށް ބަދަލުކުރިއެވެ.
އިންޑިއާއިން ފުށް އެކްސްޕޯޓުކުރުން މަނާކުރީ މޭ، 2022 ގައެވެ. ފިޔާ އެކްސްޕޯޓުކުރުން މަނާކުރީ ޑިސެމްބަރު، 2023 ގައެވެ.
އެކަމަކު، ޚާއްސަ ހުއްދައެއްގެ ދަށުން އެކުވެރި އަވައްޓެރި ގައުމުތައް ކަމަށްވާ ބަންގްލަދޭޝް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަދި އިންޑޮނޭޝިއާ ފަދަ ގައުމުތަކަށް ވެސް ރާއްޖެއެކޭ އެއްގޮތަށް އިންޑިއާއިން ވަނީ އެ ތަކެތި އެކްސްޕޯޓުކޮށްފައެވެ.