ގިނައިން ރާއްޖެ އަންނަ އިންޑިއާ ޒުވާނަކު މަނީ ލޯންޑާކުރިކަމަށް ތުހުމަތުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް މަޑުކޮށްލައިގެން --

ވަރަށް ގިނައިން ރާއްޖެ އެތެރެވުމަށްފަހު، ޖެހިގެން އަންނަ ދުވަހު ފުރާކަމަށް ފާހަގަވެފައިވާ އިންޑިއާ ޒުވާނަކު މަނީ ލޯންޑާކުރާކަމަށް ތުހުމަތުކޮށް މިއަދު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ.

ކޯޓު އަމުރުގައިވާގޮތުން މަނީ ލޯންޑާކުރުމުގެ ތުހުމަތު ކުރެވެނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ އަބްދުލް ރަގޫބު ނިސްތާރު ހަލީމް ރަހްމާނަށެވެ.

މުއްދަތުގެ މަޖިލީހުގައި މީނާގެ ވަކީލު ވަނީ މީނާ ހައްޔަރުކުރީ ރަނގަޅަށް ނޫންކަމަށް ބުނެފައެވެ. އެގޮތުން، އޭނާ މުއްދަތު ޖެހުމަށް ހާޒިރުކުރީ 24 ގަޑިއިރު ފަހަނައަޅައި ދިޔަފަހުން ކަމަށް ވަކީލު ވަނީ ބުނެފައެވެ.

ނަމަވެސް، ފުލުހުން ބުނީ، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި މީނާ ބެހެއްޓުމަށްފަހު އޭނާގެ މައްޗަށް ޖިނާއީ ތުހުމަތު ކުރެވުނު ހިސާބުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެދަށުން ހައްޔަރުކުރެވުނު ވަގުތުން ފެށިގެން 24 ގަޑިއިރުތެރޭ ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކޮށްފައި ވާނެކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން، މީނާ އަތުން ހިފެހެއްޓި ފައިސާއަކީ ސައްހަ ގޮތުގައި ހިފަހައްޓާފައިވާ ފައިސާ ކަމަށާއި މީނާގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑާކުރުގެ ތުހުމަތާ ގުޅޭ އެއްވެސް ހެއްކެއް ފުލުހުން ހުށަހަޅާފައި ނުވާކަމަށް ބުނެ، އޭނާގެ ވަކީލު އެދުނީ ހަރުކަށި ޝަރުތުކުރުމަށް ފަހު އޭނާ ބަންދުން ދޫކޮށްލުމަށެވެ.

ނަމަވެސް މުއްދަތުގެ މަޖިލީހުގައި ފުލުހުން ބުނީ، މީނާގެ އަތުން ގިނަ އަދަދެއްގެ ޑޮލަރު ފެނިފައިވާ ކަމަށާއި އެއީ އެހެންމީހުން އޭނާއަށް ހަވާލުކުރި ޑޮލަރުކަން ދޭހަވާފަދަ ލިޔުންތަކެއް އޭނާގެ އަތުން ފެނިފައި ވާކަމަށެވެ. އަދި މީނާގެ ނަން ވެސް ޕާސްޕޯޓުން ބަދަލުކޮށްފައި ވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، މީނާގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ ބޮޑު ޖިނާއީ މައްސަލައަކަށް ވުމުގެ އިތުރުން، މީނާއަށް މި ފައިސާ ލިބިފައިވާ ގޮތެއް ފުލުހުންނަށް ސާފުކޮށް ނުދެވުމުން އަދި މީނާގެ ޓްރެވަލް ހިސްޓޮރީއަށް ބަލާއިރު ޝައްކުކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ގާޒީ ނިންމީ އޭނާ ފަސް ދުވަހަށް ބަންދު ކުރުމަށެވެ.

comment ކޮމެންޓް