ޑޮލަރުގެ ކުރިމަތީގައި ދިވެހި ރުފިޔާއަކީ ބާރުހުރި އެއްޗަކަށް ހަދަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ފުނަދޫގައި ތަރައްގީކުރާ ސްޕެޝަލް އިކޮނަމިކް އެންޑް ފައިނޭންޝަލް ސާވިސަސް ޒޯނާއި އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ތަރައްގީކުރަން ދުބާއީގެ ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފޮރިން އެކްސްޗޭންޖަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނެ ކަމަށެވެ.
އަދި، މިހާރު ވެސް ރުފިޔާ އަކީ ޑޮލަރުގެ ކުރިމަތީގައި ބާރު ލިބިގެންވާ ފައިސާއަކަށް ހަދަން ކުރަން ޖެހޭ މަސައްކަތްތަައް ކުރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން، ގައުމުތަކާ ގުޅިގެން އެ ކަން ހައްލުކުރަން މަސައްކަތްކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އޭގެ ތެރޭގައި ބޮޑެތި މާކެޓުތައް ކަމަށްވާ ޗައިނާ އަދި އިންޑިއާއާ އެކުގައި އަޅުގަނޑުމެން އެ މަސައްކަތް ވަރަށް ބޮޑަށް ކުރިއަށް އެބަ ގެންދަން،" އޭނާ ވިދާޅުވިއެވެ.
މިހާރު ކުރާ މަސައްކަތުގެ ނަތީޖއާއަކީ މި ފަސް އަހަރު ނިމޭއިރު ރައްޔިތުން ފަޚުރުވެރިވާ ފަދަ ނަތީޖާއަކަށް ވާނެކަން ފާހަގަކުރައްވައި މިނިސްޓަރު ސައީދު ވިދާޅުވީ، ކުރިއެރުމުގެ އިހުސާސް ވިޔަފާރިވެރިންނަށް ކުރެވޭނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތު ކަންބޮޑުވާ މިންވަރެއްގައި އޮތް ނަމަވެސް އިގުތިސާދީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އޭގެ ތެރެއިން އެއް ކަމެއް ކަމަށް މި ސަރުކާރުން ފާހަގަކުރަނީ ފައިސާ ޗާޕުކުރުން ހުއްޓާލުމެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން ރުފިޔާގެ އަގު ހިފެހެއްޓި، ޑޮލަރުގެ ރޭޓު ތިރިވާން ފަށައިފި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ކުރީ ސަރުކާރުގައި ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށް، ފައިސާ ޗާޕުކުރީ ކޮވިޑާ ގުޅިގެން ދިމާވި އިގުތިސާދީ ކާރިސާއިން އަރައިގަތުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެ ހާލަތު ދަންމާލައި ކުރީ ސަރުކާރަށް އަހަރެއްގެ ތެރޭ 4.4 ބިލިއަން ރުފިޔާ ޗާޕުކުުރުމުގެ ހުއްދަ ދިނެވެ.
މަރުކަޒީ ބޭންކު، އެމްއެމްއޭއިން ފޮރިން އެކްސްޗޭންޖް ރޭޓް މިހާރު 15.45 ރުފިޔާގައި ހިފަހައްޓާފައި އޮތް ނަމަވެސް، މިއަދަކު އެ ރޭޓަކުން ޑޮލަރެއް ނުލިބެއެވެ.