ރާއްޖޭގައި ޗައިނާ ފައިސާއިން އިމްޕޯޓު ޕޭމަންޓު ދެއްކުމުގެ ހުއްދަ ދެނީ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު-- ފޮޓޯ/ ރައީސް އޮފީސް

ޗައިނާ ފައިސާއިން، ރާއްޖެ އެތެރެކުރާ މުދަލުގެ އިމްޕޯޓު ފައިސާ ދެއްކޭނެ މަގު ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޒިންހުއާ ނޫހުން، މިނިސްޓަރާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުން ޗައިނާގެ ފައިސާ ކަމަށްވާ ރެންމިންބީ (އާރުއެމްބީ) ބޭނުންކޮށްގެން އިމްޕޯޓް ޕޭމަންޓް ދެއްކުމުގެ ހުއްދަ ވަރަށް އަވަހަށް ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެމެރިކާ ޑޮލަރުން ސެޓްލިން ކަރަންސީ ޑައިވާސިފައި ކުރުން ކަމަށް އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

އޭގެއިތުރުން، ކުރިއަށް އޮތް މަސްތަކުގައި އެމެރިކާ ޑޮލަރާ އަޅާބަލާއިރު ރާއްޖޭގެ ރުފިޔާ 30 އާއި 40 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ވަރުގަދަވާނެ ކަމަށް ލަފާކުރާ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށެވެ.

މިނިސްޓަރު އެ ބައްދަލުވުމުގައި ވިދާޅުވީ ދެކުނު ކޮރެއާ، ޖަޕާން، ޗައިނާ، އެމެރިކާ، ސިންގަޕޫރު، މެލޭޝިއާ، އިންޑިއާ، އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އީ-ވޮލެޓްތައް ހިމެނޭ ގޮތަށް ފާހަގަކޮށްލެވޭ ގްލޯބަލް އީ-ވޮލެޓްތައް ރާއްޖެއަށް ތައާރަފް ކުރުމަށް ވެސް ސަރުކާރުން ރާވާފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ މާކެޓަށް އަލިޕޭ އާއި ވީޗެޓް ތައާރަފް ކުރުމާ ގުޅޭ ގޮތުން މި މަހުގެ 14 ވަނަ ދުވަހު ސަރުކާރުން ރަސްމީކޮށް މައުލޫމާތު އިއުލާން ކުރާނެ ކަމަށް ވިދާޅުވި ކަމަށް ވެސް އެ ނޫހުން ބުނެއެވެ.

comment ކޮމެންޓް