އިންޑިއާގައި ރޭޕްގެ ކުށަށް މަރުގެ އަދަބު ދެވޭ ގާނޫނެއް

އިންޑިއާގައި ޑޮކްޓަރު ރޭޕްކޮށް މަރާލި މައްސަލައިގައި މުޒާހަރާ ކުރަނީ. އިންޑިއާގައި ރޭޕްގެ ކުށަށް މަރުގެ އަދަބު ދެވޭ ގާނޫނެއް ފާސްކުރަނީ. ފޮޓޯ/އިންޑިއާޓީވީނިއުސް

އިންޑިއާގެ ވެސްޓް ބެންގާލްގައި ރޭޕްގެ ކުށަށް މަރުގެ އަދަބު ދެވޭނެ މަގު ފަހިވާ ގޮތަށް އިއްޔެ ބިލެއް ފާސްކޮށްފިއެވެ.

ވެސްޓް ބެންގާލަކީ މިދިޔަ މަހު ނުވަ ވަނަ ދުވަހު އިންޑިއާގައި ރޭޕްކޮށް މަރާލައިފައިވާ ޑޮކްޓަރު ފެނުނު ސްޓޭޓެވެ. ޑޮކްޓަރު މަރައިލައިފައި އޮއްވާ ފެނުނީ އެ ސްޓޭޓްގެ ވެރިރަށް ކޮލްކަތާގެ ސަރުކާރު ހޮސްޕިޓަލަކުންނެވެ.

އެ ބިލުގައި ހިމެނެނީ ރޭޕްކޮށް، މަރައިލައި، ނުވަތަ ރޭޕްގެ ޝިކާރައަކަށްވާ މީހާއަށް އަނިޔާއެއް ދިނުމުން އެ ކުށުގެ އަދަބެއްގެ ގޮތުން މަރުގެ އަދަބު ދިނުމެވެ. އަދި ޕޭރޯލް ނެތި އުމުރަށް ޖަލަށް ލުމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

ރޭޕްގެ މައްސަލަތަކުގައި ވަގުތު ކަނޑައަޅައި އަވަހަށް ޝަރީއަތް ހިންގުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ. ގާނޫނުގައި މިހާރު އޮންނަނީ ރޭޕްގެ ކުށަށް މަދުވެގެން 10 އަހަރުގެ ޖަލު ހުކުމެކެވެ.

ނަމަވެސް ސްޓޭޓް އެސެމްބްލީން ފާސްކުރި އެ ބިލަށް ބާރު ލިބޭނީ ރައީސްގެ ރުހުން އެއަށް ލިބިގެންނެވެ. އަދި އެ ބިލުގައި ރޭޕްގެ ކުށަށް މަރުގެ އަދަބު ދެވޭ ގޮތަށް އޮތް ނަމަވެސް އިންޑިއާގައި ޖިނާއީ ކުށްތަކަށް މުޅި ގައުމުގައި އަދަބު ކަނޑައެޅުން އޮންނަނީ އެއް ހަމަޔަކުން ކަމަށް ވާތީ މިއީ ހަމައެކަނި ރަމްޒީ ގާނޫނެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ.

comment ކޮމެންޓް