ފޮރިން މިނިސްޓަރު މޫސާ ޒަމީރު މި މަހުގެ އަށްވަނަ ދުވަހު އަވައްޓެރި އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުގައި ދެ ގައުމުގެ ގުޅުން ކުރިއަށް ވުރެ ތަންކޮޅެއް 'ބިނާކުރަނިވި' ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެއެވެ.
އަވައްޓެރި އިންޑިއާއާ އެކު އޮތް ގުޅުމަށް އަސަރުކޮށްފައިވަނީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރުމުގެ ސަބަބުންނެވެ.
އިންޑިއާގައި ބޭއްވި ފޯރަމެއްގައި އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން ޖައިޝަންކަރު ވިދާޅުވީ، ރާއްޖޭގައި އިންޑިއާއިން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތައް 'ވަރަށް ބަރާބަރަށް' ކުރިއަށްދާ ކަމަށެވެ. އެ ގައުމުން ރާއްޖޭގައި ހިންގާ ބައެއް މަޝްރޫއުތަކުގެ ތެރޭގައި މިދިޔަ ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ތިލަ - މާލެ ބުރިޖު ހިމެނެއެވެ.
"ޔަގީނުން ވެސް ސިޔާސީ ބައެއް ނުތަނަވަސްކަން [ދެ ގައުމުގެ މެދުގައި] އެބަހުރި. އެކަމަކު، އެކަން ހައްލުކުރެވޭނެކަމާ މެދު އުންމީދު އެބައޮތް," ތަޖުރިބާކާރު ޑިޕްލޮމެޓް ޖައިޝަންކަރު އިނގިރޭސި ބަހުން ވިދާޅުވިއެވެ.
"ކަންކަން ކުރިއަށް ވުރެ ތަންކޮޅެއް ބިނާކުރަނިވި ކަމަށް ގަބޫލުކުރެވެނީ ދިވެހި ފޮރިން މިނިސްޓަރުގެ ދަތުރުފުޅަށް ފަހު،"
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ފޮނުވާލަން އިދިކޮޅުގައި ތިބީއިރު މި ސަރުކާރުގެ އިސްވެރިން ވެސް ހިމެނޭހެން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް އަސަރުކޮށްފައިވަނިކޮށް ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ވަނީ އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް މީސްމީޑިއާގައި ކުޑައިމީސްކޮށްފައެވެ.
އެއަށް ފަހުގައި ދެ ގައުމުގެ ގުޅުން ހީނަރުވެ، ނުތަނަވަސްކަން އޮތީ އުފެދިފައެވެ.
އެކަމަކު، ޒަމީރު މި މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ޖައިޝަންކަރާ އެކުގައި މަޝްވަރާ ކުރައްވައިފައެވެ. އެ މަޝްވަރާތަކުގެ ތެރެއިން ރާއްޖެއިން އެދިގެން އިންޑިއާއަށް ދައްކަން އޮތް 50 މިލިއަން ޑޮލަރު ދެއްކުން ވެސް ފަސްކޮށްދިނެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް އަވަހަށް އިންޑިއާއަށް ވަޑައިގަންނަވާނެކަމުގެ އިޝާރާތެއް ވެސް ޒަމީރު މީގެ ކުރިން ވަނީ ދެއްވައިފައެވެ.