އިންޑިއާއިން ރާއްޖޭގެ ބަޖެޓު ސަޕޯޓަށް ދިން 50 މިލިއަން ޑޮލަރުގެ ޓީބިލު ރާއްޖެއިން އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރު އެއް އަހަރު ފަސްކޮށްދީފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަޖެޓު ސަޕޯޓަށް ދިން އެ ޓީބިލު ދެއްކުން ފަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމީ މިދިޔަ ހަފުތާ ތެރޭ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެދިވަޑައިގަތުމުން ކަމަށެވެ.
އެ ކަން ހާމަކޮށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ ފައިސާ ދެއްކުން ފަސްކޮދިނީ އިންޓަރެސްޓް ދިވެހި ސަރުކާރުން ދައްކަން ނުޖެހޭ ގޮތަށް ކަމަށެވެ. އިންޓަރެސްޓަށް އަރާ ބައި ދައްކައިދެނީ އިންޑިއާ ސަރުކާރުންނެވެ.
އެއާއެކު ދިވެހި ސަރުކާރުން ބުނީ އިންޑިއާގެ ފަރާތުން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ވެދޭ އެހީތެރިކަން ފުރިހަމައަށް ބަލައިގަންނަ ކަމަށެވެ. ހަމައެއާއެކު ރާއްޖޭގައި މިހާރު ވެސް އުމްރާނީ ގޮތުން ހިނގަމުން އަންނަ ބޮޑެތި މަސައްކަތްތަކުގައި އިންޑިއާގެ އެހީތެރިކަން އޮތުމަކީ ވެސް އެހީތެރިކަން ރަމްޒުވާ ކަމެއް ކަމަށް ވެސް ވަީ ބުނެފައެވެ.
އަދި ދެ ގައުމުގެ ގުޅުމުން ހަރުދަނާކޮށް ދެ ގައުމަށް ވެސް ފައިދާވާނެހެން އެކީ މަސައްކަތްކުރުމަށް ކުރިއަށް އޮތްތަނުގައި ވެސް ދިވެހި ސަރުކާރުން އުންމީދުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލު ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނަގައިފައެވެ.
އޭގެ ތެރެއިން އެއް ޓީބިލަށް ވީ ފައިސާ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ ވަނީ ސަރުކާރުން ދައްކައިފައެވެ. ފަސްކޮށްދިން ޓީބިލަށް ފައިސާ ދައްކަން ޖެހެނީ މި މަހުގެ ތެރޭގައެވެ.