މަޖިލީސް ރައީސަކަށް އަންނަނީ ކާކު؟

ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު އަހުމަދު ނާޒިމާއި ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަޙީމް އަބްދުﷲ --

"އަޅުގަނޑުގެ އަމިއްލަ ނަފުސަށް އިހުސާސްކުރެވެމުން ދަނީ އަޅުގަނޑަށް ތިޔަ ދެއްވި އިތުބާރުގެ މަތިވެރިކަމާއި އަޅުގަނޑުގެ ނިކަމެތިކަން. ތިޔަ ބޭފުޅުން އަޅުގަނޑުގެ ކޮނޑުގައި ތިޔަ އެޅުއްވި މަސްއޫލިއްޔަތުގެ ބޮޑުކަމާއި އަޅުގަނޑުގެ ކުޑަކަން،"

އާ ގާނޫނުއަސާސީ އެކުލަވައިލަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައި އެއްކުރެއްވި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމުން ހުވަދު އަތޮޅު ދެކުނު ބުރީ މެންބަރު ޢައްބާސް އިބްރާހިމް ވިދާޅުވީ އެފަދައިންނެވެ. އެ މަޖިލީހުން އެކުލަވައިލި އާ ގާނޫނުއަސާސީ ނުވަތަ ފެހި ގާނޫނުއަސާސީއަށް ފަހު، ހަތަރުވަނަ މަޖިލީސް އިންތިޚާބުވީއިރު ދައުރެއް ފުރިހަމަކުރެއްވުނީ އެންމެ މަޖިލީސް ރައީސަކަށެވެ. އެެއީ، މިހާރު އެމްޑީޕީގެ ރައީސް އަދި 17 ވަނަ މަޖިލީހުގެ ރައީސްކަން ކުރެއްވި އަބްދުﷲ ޝާހިދެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އޭގެ ފަހުން، މިދިޔަ މަހު އިންތިޚާބުކުރި 20 ވަނަ މަޖިލީސް އޮތީ ސިޔާސީ ތަބީއަތާ އެއްގޮތަށް ހިތަކަށް ސަރުކާރަށް ލިބިފައެވެ. ސަރުކާރު ހިންގާ ޕީއެންސީ ތަމުސީލުކުރާ 77 މެންބަރުން، ޖުމުލަ 93 މެންބަރުން ހިމެނޭ މި ފަހަރުގެ މަޖިލީހުގައި ތިއްބަވާނެއެވެ.

މި މަހު 28 ގައި އާ މަޖިލީސް ހުވާކުރާއިރު، މިހާރު އެންމެން ވެސް ކުރާ ސުވާލަކީ އާ މަޖިލީހުގެ ރައީސްކަން ކުރައްވާނީ ކޮން ބޭފުޅެއްތޯއެވެ. ބައެއް ބޭބޭފުޅުންނަށް ތުހުމަތުގެ އިނގިލި ވެސް ދިއްކުރެއެވެ. އެކަމަކު، ރަސްމީ ސިފައެއްގައި 'ޝައުގުވެރިވެއޭ' ވެސް އެއްވެސް އިންތިޚާބީ މެންބަރަކު ވިދާޅެއް ނުވެއެވެ.

ދެ ނަމެއް، ގޮތް ނިންމަވާނީ ރައީސް

ވިހިވަނަ މަޖިލީހުގެ ރައީސްކަން ކުރައްވާނެ ކަމަށް އެންމެ ގިނަ ބޭބޭފުޅުން ގަބޫލުކުރައްވަނީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ ޚާއްސަ އެޑްވައިޒަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ)އެވެ. އޭނާ ފޮނަދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގަތުމުގެ ކުރިން ވެސް މަޖިލީސް ރައީސްކަމަށް މަސައްކަތްކުރައްވާ ކަމަށް ތުހުމަތުތަކެއް އޮތީ އަމާޒުވެފައެވެ.

އެކަމަކު، އިންތިޚާބަށް ފަހުގައި ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު އަހުމަދު ނާޒިމްގެ ނަން ވެސް ކިޔައެވެ. އެކި ދުވަސް މަތިން ފޯނަށް ގުޅޭތޯ ކުރި މަސައްކަތުން ވެސް، މި ބަހުސްގައި އޭނާގެ ޖަވާބެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އޭނާއަކީ މީގެ ކުރިން މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި ބޭފުޅެކެވެ. ތަޖުރިބާކާރު މެންބަރެކެވެ.

ކުރީގެ މެންބަރު އަހުމަދު ނާޒިމް މަޖިލީހުގެ ރިޔާސަތުގައި -- ފޮޓޯ/ މަޖިލީސް

"މަޖިލީހުގެ ރައީސަކީ އަދުރޭ، ވަރަށް ޔަގީން،" ކަމުގެ ގޮތުން ނަން ނުޖަހާން ޝަރުތުކޮށް މި ފަހަރުގެ މަޖިލީހަށް ޕީއެންސީގެ ޓިކެޓުގައި އިންތިޚާބުވެވަޑައިގެން މެންބަރަކު ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މަޖިލީސް ރައީސަކު ކަނޑައެޅުމާ ގުޅޭ ގޮތުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގައި އަދި އެއްވެސް ރަސްމީ މަޝްވަރާއެއް ނުކުރެއެވެ. އެކަމަކު، ނުރަސްމީ ސިފައެއްގައި އެކިއެކި ބޭބޭފުޅުންގެ ދެމެދުގައި އެ ވާހަކަ ދެކެވެއެވެ.

"އަދުރޭ އަންނާނީ. ކޮންމެ ގޮތެއް ވިޔަސް ސްމޫތްކޮށް ގެންދަން ފަސޭހަވާނީ ނާޒިމަށް ވުރެ އަދުރޭ ގޮވައިގެން ކަމަށް ފެންނަނީ،" ޕީއެންސީގެ ލީޑާޝިޕްގެ ކަންކަން އެނގިވަޑައިގަންނަވާ ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު މި މައުޟޫގައި ސުވާލުކުރުމުން ވިދާޅުވިއެވެ. އޭނާ ވެސް މި ކަމުގައި ރަސްމީ ހައިސިއްޔަތުން ވަކި އެއްޗެއް ވިދާޅުވާކަށް ބޭނުމެއް ނުވިއެވެ.

އެކިއެކި މަސްދަރުތަކުން ލިބޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން ސަރުކާރުގެ ސީނިއާ ބޭފުޅަކާ ސުވާލުކުރުމުން ވިދާޅުވީ، މަޖިލީސް ރައީސްކަމަށް އެއްވެސް ބޭފުޅަކު ކެމްޕޭން ނުކުރައްވާނެ ކަމަށެވެ. އެއީ، އެ ފުރުސަތު ނެތްކަން ވަރަށް ސާފުވީމައެވެ.

ރައީސް މުއިއްޒާ އެކު އަބްދުއްރަޙީމް، އޭނާއަކީ ރައީސްގެ އެންމެ އަރިސް އެއް ބޭފުޅާ -- ސަން ފޮޓޯ/ މޫސާ ނަދީމް

"ރައީސް ވިދާޅުވީ، އެ މަނިކުފާނޭ ނިންމަވާނީ ކާކުކަން [މަޖިލީސް ރައީސަކަށް] އަންނާނީ،" އެ ބޭފުޅާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް މަސައްކަތް ކުރަން ފެއްޓެވި ދުވަސްވަރުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަބްދުއްރަޙީމާ ދެ ބޭފުޅުންގެ މެދުގައި އޮންނަ ގުޅުމާއި އެ ނޫން ވެސް ސިޔާސީ ފުރޮޅުންތަކަށް ބަލާފައި އެ މަނިކުފާނު ނިންމެވުމަކަށް ވާނީ އަބްދުއްރަޙީމް ކަމަށް އެ ބޭފުޅާ ގަބޫލުކުރައްވައެވެ.

އަބްދުއްރަޙީމް ވެސް ވިދާޅުވީ ގޮތް ނިންމަވާނީ ރައީސްކަމަށް

މި މައުޟޫގައި ބަހެއް ވިދާޅުވޭތޯ އެތައް ފަހަރަކު އަބްދުއްރަޙީމާ އެކިއެކި މެހެފިލްތަކުން ސުވާލުކުރުމުން ވެސް ވިދާޅުވަނީ އެއް ވާހަކައެކެވެ. އެއީ، ގޮތް ނިންމަވާނީ ރައީސް މުއިއްޒު ކަމަށާއި އޭނާގެ އެއްވެސް އަމިއްލަ އެދުމެއް މަޖިލީސް ރައީސްކަން ހޯދަން ނެތް ކަމަށެވެ.

އަމިއްލައަށް މަޖިލީސް ރައީސްކަމަށް ޝައުގުވެރިވެއޭ ވިދާޅުނުވާނެ ކަމަށާއި އެކަން ބޭނުންވެގެން މަސައްކަތެއް ވެސް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/190635

"ރައީސް ނިންމަވާނީ އެ މަނިކުފާނަށް އަޅުގަނޑުގެ ޚިދުމަތް ބޭނުންވަނީ އާދައިގެ މެންބަރެއްގެ ގޮތުގައިތޯ ނޫނީ މަޖިލީހުގެ ޒިންމާދާރު މަގާމެއްގައި ހުރެގެންތޯ. ކޮންމެ ގޮތަކަށް އެ މަނިކުފާނު ނިންމެވި ނަމަވެސް އެ ގޮތުގައި އަޅުގަނޑު ކުރިއަށް ދާނީ،" މަޖިލީސް އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަން އުފަން ރަށް ލ. ފޮނަދޫގައި ހުންނަވަނިކޮށް ސުވާލުކުރުމުން އެ ދުވަހު އަބްދުއްރަޙީމް ވިދާޅުވިއެވެ.

އެކަމަކު، އުފާފާޅުކުރި ރޭ މި މަހު 28 ގައި މާ އުފާވެރި ޚަބަރެއް އޮންނާނެ ކަމަށް އަބްދުއްރަޙީމާއި އޭނާގެ ދަރިކަލުން ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވެސް ވިދާޅުވިއެވެ. އެއީ، މަޖިލީސް ރައީސްކަން ކާމިޔާބުކުރާނެކަމަށް ވިދާޅުވުން ކަމަށް ބައެއް ނޫސްތަކުން ސިފަކުރިއެވެ.

މީގެ ކުރިން ވެސް މެންބަރުކަން ކުރެއްވި އަބްދުއްރަޙީމަކީ ވެސް ވިހިވަނަ މަޖިލީހަށް އިންތިޚާބުވި އެންމެ ތަޖުރިބާކާރު އެއް ބޭފުޅާއެވެ.

ނައިބަކަށް ސައުދާތަ؟

މަޖިލީހުގެ ނައިބު ރައީސްކަމަށް ވަޑައިގަންނާނެ ބޭފުޅަކު ވެސް އަދި އިއުލާނެއް ނުކުރެއެވެ. އެކަމަކު، ނިލަންދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަދި ރައީސްގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އެ މަގާމަށް ގެންނަން 'ގޮތް ނޭނގޭ' އެކައުންޓުތަކަކުން ޓުވިޓާގައި އަންނަނީ ކެމްޕޭން ކުރަމުންނެވެ.

އެކަމަކު، އެ ކެމްޕޭންތަކާއި އޭނާއާ ގުޅުމެއް ނެތް ކަމަށް ސައުދާ އޮތީ ވިދާޅުވެފައެވެ.

https://sun.mv/191686

"އަޅުގަނޑުގެ މަސައްކަތްތައް ތަރުތީބުވެގެންދާނީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ވިސްނުމާ އެއްގޮތަށް. އަޅުގަނޑުގެ ނަމުގައި މި ފަދަ ކަންކަން ނުކުރުމަށް ވަރަށް ބޮޑަށް އެދެން،" އޭނާ މީގެ ކުރިން ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ވެސް ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވަނީ ކުރިން ވިދާޅުވި ގޮތަށް، ގޮތް ނިންމަވާނީ ރައީސް ކަމަށެވެ. އެ މަނިކުފާނު އެފަދައިން ވިދާޅުވެފައި އޮތުމުން ޕާޓީ ތެރޭގައި ވެސް އެއްވެސް ބޭފުޅަކު ކެމްޕޭން ނުކުރައްވާ ކަމަށް ޕީއެންސީގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

އެކަމަކު، ނައިބު ރައީސަކަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑީ ސައުދާ ކަމަށް އެ ބޭފުޅާ ގަބޫލުކުރައްވައެވެ.

ރައީސް އަދި ގޮތް ނިންމަވާފައި ވިދާޅެއް ނުވެއެވެ. އެކަމަކު، ގިނަ އާންމުން މިހާރު ވެސް ތިބީ ގޮތް ނިންމައިގެންނެވެ.

ވިހިވަނަ މަޖިލީސް ހުވާކުރުން މި މަހު 28 ވާ އަންގާރަ ދުވަހު އޮންނާނެއެވެ. ހުވާ ކުރުމަށް ފަހު، ބާއްވާ އެންމެ ފުރަތަމަ ޖަލްސާގައި އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރަން ސިއްރު ވޯޓެއް ނެގުމެވެ. އެ ވޯޓަށް މެންބަރުން ވަޑައިގަތުމުގެ ކުރީގައި ރައީސް 'ގޮތް ނިންމަވާނެ'އެވެ.

comment ކޮމެންޓް