ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވަނީ އަބްދުއްރަހީމާ މެދު: ރައީސް

ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވެ ވަޑައިގަންނަވަނީ އަބްދުއްރަހީމާ ދޭތެރޭގައި ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ/ މޫސާ ނަދީމް

ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވެ ވަޑައިގަންނަވަނީ އެ މަނިކުފާނުގެ ޚާއްޞަ އެޑްވައިޒަރު އަދި ޕީއެންސީގެ ޓިކެޓުގައި ފޮނަދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާ ދޭތެރޭގައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ފެލިދޫ އަދި ފޮނަދޫ ދާއިރާގެ ޕީއެންސީ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެ މަނިކުފާނަކީ އަޅުގަނޑަށް މިދިޔަ ހުރިހާ ދުވަހެއްގައި ސިޔާސީ މަސައްކަތުގަައި އެންމެ ބޮޑަށް އެހީތެރިކަން ދެއްވި ބޭފުޅާ. އެއީ ރައީސް ޔާމީނު ވެރިކަމުގައި ވެސް އަދި ފަހުން ވެސް. އެހެންވީމާ އަޅުގަނޑުގެ ފުރިހަމަ އިތުބާރު އޮތް، އަޅުގަނޑު އެންމެ ބޮޑަށް އެ ބޭފުޅަކަށްޓަކައި ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް އެންމެ ފުރިހަމައަށް ހުރި ކެންޑިޑޭޓަކީ އަބްދުއްރަހީމެވެ. އެ ގޮތުން އޭނާއަށް ރައީސްގެ 100 އިންސައްތަ ތާއީދު އޮތްކަން ހާމަ ކުރެއްވިއެވެ.

"...ހުރިހާ އެންމެން އެކަތިގަނޑަކަށް ވެވަޑައިގެން، އެންމެ މަތީ އިންސައްތައަކުން މަޖިލީހަށް ހޮވައިދެއްވާ މެންބަރަކަށް އަބްދުއްރަހީމް ހެއްދެވުމަކީ އަޅުގަނޑު ވަރަށް އުފާ ކުރާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.

އަބްދުއްރަހީމަކީ، ޕީޕަލްސް އެލަޔަންސް (ޕީއޭ)އިން ފެއްޓެވި ސިޔާސީ މަސައްކަތާއެކު ކުރީގެ ރައީސް އަދި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ކުރީގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު އެންމެ އަރިސްކޮށް އުޅުއްވި އެއް ބޭފުޅާއެވެ.

ފަސް އަހަރުގެ ވެރިކަމަށްފަހު އެ މަނިކުފާނަށް ޖަލަށް ވަޑައިގަންނަވަން ޖެހުމުން މުޅި އިދިކޮޅު ހިފަހައްޓައި، ހިންގުމުގައި އިސްކޮށް ހުންނެވި މޭސްތިރިޔާއަކީ އޭނާއެވެ. އަދި ރިޔާސީ އިންތިޚާބާ ހަމައަށް ވެސް އިދިކޮޅުގެ އެންމެހާ ކަންކަން ބެލެހެއްޓެވީ ރައީސް ޔާމީންގެ ލަފާފުޅާ އެއްގޮތަށް އަބްދުއްރަހީމެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވާދަނުކުރެއްވޭނެކަން ޔަގީންވުމާއެކުގައި، އިންތިޚާބު ބޮއިކޮޓްކުރުމަށް ޕީޕީއެމް ޕީއެންސީއަށް ރައީސް ޔާމީން އެންގެވިއެވެ. ނަމަވެސް އެއީ އާންމު މެންބަރުން ބޭނުންވި ގޮތާ ޚިލާފު ކަމަކަށްވުމުން އަބްދުއްރަހީމް އިސްނަންގަވައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓަކު ނެރުއްވުމުގެ މަސައްކަތް ކުރެއްވިއެވެ.

ރައީސް މުއިއްޒަށް ވެރިކަން ހޯއްދަވައިދެއްވުމަށް ވެސް އެންމެ ބޮޑަށް މަސައްކަތްކުރެއްވި އެއް ބޭފުޅާއަކީ އަބްދުއްރަހީމެވެ.

comment ކޮމެންޓް