ދިވެހިރާއްޖެއަކީ އާބާދީގެ ގޮތުން ކުޑަ ގައުމަކަށް ވިޔަސް، ދިވެހި ޒުވާނުންނަކީ ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމުގެ ރޮނގުން މުޅި ދުނިޔެއަށް ލޯހުޅުވިފައިވާ ބައެކެވެ. ގްރެފިކް ޑިޒައިނަރުންނާއި، ސޮފްޓްވެއާ ޑިވެލޮޕަރުންގެ އިތުރުން ޑިޖިޓަލް އާޓިސްޓުން އަންނަނީ ބައިނަލްއަގުވާމީ މާކެޓުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުންނެވެ. ނަމަވެސް، އަމިއްލަ ގައުމުގައި ތިބެގެން މި މަސައްކަތްކުރާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ކުރާ މަސައްކަތުގެ އުޖޫރަ ފަސޭހަކަމާއެކު ލިބޭނެ މަގެއް ނެތުމެވެ. ބައިނަލްއަގުވާމީ މާލީ ނިޒާމުތަކާ ރާއްޖެއާ ދެމެދު އޮތް ދުރުމިނުގެ ސަބަބުން، ހުނަރުވެރި އެތައް ޒުވާނުންނެއް ވަނީ ފުރުސަތުތައް ހޯދުމަށް ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.
މި މައްސަލައަށް ހައްލެއް ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ވެވަޑައިގެންނެވި މުހިންމު ވައުދެކެވެ. އެގޮތުން، ދިވެހިންނަށް ޕޭޕަލްގެ ޚިދުމަތް ހޯދައިދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި ވިދާޅުވުމަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އައި ކަމެކެވެ. މި އިންތިޒާރަށް ކޮންމެވެސް ވަރެއްގެ ނިމުމެއް އައީ މި މަހުގެ 15 ވަނަ ދުވަހު އުރީދޫ މޯލްޑިވްސްއިން އެ ކުންފުނީގެ "އެމްފައިސާ" މެދުވެރިކޮށް ޕޭޕަލްއާ ގުޅާލެވޭނެ އިންތިޒާމު ހަމަޖެއްސުމުންނެވެ. މިކަމާ ގުޅިގެން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އުފާފާޅުކޮށް، މިއީ ރައީސްގެ ވައުދުފުޅު ފުއްދެވުން ކަމުގައި ސިފަކުރިއެވެ. ނަމަވެސް، ޚިދުމަތް ބޭނުންކުރަން ފެށުމާއެކު، މިއީ އާންމުން އުންމީދުކުރި ފުރިހަމަ ނިޒާމުތޯ ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
https://www.sun.mv/223667
މި ޚިދުމަތާ ގުޅޭގޮތުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ ޓެކްނޮލޮޖީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުންނެވެ. ރާއްޖޭގައި ފާހަގަކޮށްލެވޭ ޓެކް ކުންފުންޏެއް ކަމަށްވާ ޖަވާބުގެ ސީއީއޯ އަދި ދިވެހިޖީޕީޓީގެ ކޯފައުންޑާ މުޙައްމަދު ޖައިލަމް ވަނީ ސޯޝަލް މީޑިއާގައި މިކަމުގެ ކަންބޮޑުވުން ހާމަކޮށްފައެވެ. ސޮފްޓްވެއާ އުފެއްދުމުގެ ރޮނގުން 2025 ވަނަ އަހަރު ގައުމީ އިނާމު ހާސިލުކޮށްފައިވާ ޖައިލަމް ފާހަގަކުރި ގޮތުގައި، މިހާރު ތަޢާރަފުކުރެވިފައިވާ ޚިދުމަތަކީ ހަމައެކަނި އަމިއްލަ ފަރުދުންގެ އެކައުންޓްތަކަށް ބޭރުން ފައިސާ ފޮނުވުމުގެ ފުރުސަތެވެ. މިއީ ވިޔަފާރިތަކަށް ބޭނުންވާ ފުރިހަމަ "މާޗަންޓް ސާވިސް" ނޫންކަމަށާއި، ޕޭމަންޓް ގޭޓްވޭއާއި، އިންވޮއިސް ފޮނުވުމާއި، ޕޭމަންޓް ލިންކް އުފެއްދުން ފަދަ ޒަރޫރީ ޚިދުމަތްތައް އަދިވެސް ނުލިބޭކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ޖައިލަމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ޚިދުމަތް ފުރިހަމަ ނުވުމުގެ ސަބަބުން ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުން ލިބޭ އާމްދަނީ ޕޭޕަލް މެދުވެރިކޮށް ރާއްޖެއަށް ގެނައުމުގައި އަދިވެސް ހުރަސްތަކެއް އެބަހުއްޓެވެ. މީގެ އިތުރުން، ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭގައި އެޕަލް ޕޭ އަދި ގޫގުލް ޕޭ ފަދަ ވަސީލަތްތައް ހުރި ނަމަވެސް، ޑޮލަރުން ފައިސާ ބަލައިގަނެވޭ ގޭޓްވޭގެ އެކްސެސް ލިބެނީ ހަމައެކަނި ރިސޯޓުތަކަށާއި ޓްރެވަލް އެޖެންސީތަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޖަވާބުގެ ސީއީއޯ ޖައިލަމް--
އާންމު ޒުވާނުންނަށް ޑޮލަރުން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، މި އެކްސެސް ހުރިހާ ވިޔަފާރިތަކަށް ހުޅުވާލުމަށް ޖައިލަމް ވަނީ ގޮވާލައްވާފައެވެ. އޭނާގެ މި ވާހަކަތަކަށް ގިނަ ޒުވާނުންތަކެއް ތާއީދުކޮށް، އެމީހުންގެ ކަންބޮޑުވުންތައްވެސް ވަނީ ހިއްސާކޮށްފައެވެ.
އާންމުންގެ މި ކަންބޮޑުވުންތަކާ ގުޅިގެން އުރީދޫން ވަނީ ޚިދުމަތް މަސައްކަތްކުރާ ގޮތް ސާފުކޮށްދީފައެވެ. އުރީދޫން ބުނި ގޮތުގައި، ކަސްޓަމަރުން އެންމެ ފުރަތަމަ ޖެހެނީ އެމީހުންގެ ޕޭޕަލް ވޮލެޓް އެމްފައިސާ އެކައުންޓާ ގުޅާލާށެވެ. މިގޮތަށް ގުޅާލުމުން، ޕޭޕަލްގައި ހުންނަ ފައިސާ އެމްފައިސާގެ "ޑޮލަރު ޕޮކެޓް" އަށް ޖަމާކުރެވެއެވެ. އަދި އެއަށްފަހު ރާއްޖޭގެ ބޭންކު އެކައުންޓަކަށް އެ ފައިސާ ޓްރާންސްފާ ކުރެވެއެވެ. މިއީ މީގެ ކުރިން ބޮޑެތި ފީތައް ނަގާ ތިންވަނަ ފަރާތްތަކެއް މެދުވެރިކޮށް ފައިސާ ހޯދަމުން ދިޔަ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ލުޔެއްކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ރައީސް ޑރ. މުޙައްމަދު މުއިއްޒު އިފްތިތާހު ކޮށްދެއްވަނީ: މި ޚިދުމަތް ރާއްޖެ ގެނައީ އުރީދޫން-- ފޮޓޯ: ރައީސް އޮފީސް
މި ނިޒާމުގެ ސަބަބުން ލިބޭނެ ފައިދާތައް އުރީދޫން ވަނީ ތަފްސީލުކޮށްދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބޭރުގެ ކްލައިންޓުން އަތުން ސީދާ ޕޭޕަލް މެދުވެރިކޮށް ފައިސާ ހޯދުމެވެ. އަދި ތިންވަނަ ފަރާތެއް ނުހިމަނައި، ރައްކާތެރިކަމާއެކު ފައިސާ ޖަމާކުރެވެއެވެ. މީގެ އިތުރުން ފަތުރުވެރިންނަށް ޚިދުމަތްދޭ ކުދި ވިޔަފާރިތަކަށް ފަސޭހައިން ފައިސާ ބަލައިގަނެވެއެވެ.
ފީ ނަގާ މިންވަރާ ގުޅޭގޮތުން އުފެދުނު ސުވާލުތަކަށް ޖަވާބުދެމުން އުރީދޫން ބުނީ، ޕޭޕަލް ކުންފުނިން ކޮންމެ މުއާމަލާތަކުން ދެ އިންސައްތައިގެ ޗާޖަކާއި 1.5 ޑޮލަރުގެ ފިކްސްޑް ފީއެއް ނަގާނެ ކަމަށެވެ. މިއީ ބައިނަލްއަގުވާމީ ގޮތުންވެސް ޕޭޕަލްއިން އަމަލުކުރާ އުސޫލެވެ. ނަމަވެސް، މި ޚިދުމަތް ފަށައިގަންނަ މި ދަނޑިވަޅުގައި އުރީދޫގެ ފަރާތުން އެއްވެސް ފީއެއް އަދި ނުނަގާނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ. މީގެ އިތުރުން، މިއީ މާޗަންޓް ސާވިސްއެއް ނޫންކަމާއި، ރާއްޖޭގެ އީކޮމާސް ވެބްސައިޓުތަކަށް ސީދާ ޕޭޕަލް ގުޅާލެވޭނެ ގޮތަށް އަދި ފަރުމާކުރެވިފައި ނުވާކަން އުރީދޫން ވަނީ ކަށަވަރުކޮށްދީފައެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ވަގުތުގެ އަމާޒަކީ އަމިއްލަ ފަރުދުންނަށް ބޭރުން ފައިސާ ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
މި ޚިދުމަތަކީ ފެށުމެއް ކަމުގައި ވިޔަސް، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދު ފުޅާކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. މި ޚިދުމަތް މިހާރު ފަރުމާކޮށްފައިވާ ގޮތުން ނުކުރެވޭނެ ކަންކަންވެސް އެބަހުއްޓެވެ. އެގޮތުން، އަމިއްލަ އީކޮމާސް ވެބްސައިޓުތަކުގައި ޕޭޕަލް ޗެކްއައުޓް ގުޅާލުމާއި، އޮޓޮމެޓިކުން އިންވޮއިސް ފޮނުވައިގެން ފައިސާ ހޯދުމުގެ އިތުރުން ޕޭޕަލް ބިޒްނަސް އެކައުންޓެއްގެ ފުރިހަމަ ކޮންޓްރޯލް ހޯދުމަކީ އަދި ކުރެވޭނެ ކަންކަމެއް ނޫނެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމުގައި ލަސްތަކަކާ ކުރިމަތިވެއެވެ. ޒުވާން ވިޔަފާރިވެރިން ގަބޫލުކުރާ ގޮތުގައި، ސަރުކާރުން ވައުދުވެފައިވާ ފަދަ ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި، މާލީ ނިޒާމުގެ ތެރެއިން މިފަދަ ހުރަސްތައް މުލުން ލުހެލަން ޖެހެއެވެ.
ޕޭޕަލްގެ ޚިދުމަތް އެމްފައިސާ މެދުވެރިކޮށް ލިބެން ފެށުމަކީ ދިވެހި ފްރީލާންސަރުންނަށް ލިބުނު އުފާވެރި ޚަބަރެކެވެ. ނަމަވެސް، މިއީ މުޅި މައްސަލައިގެ ދާއިމީ ހައްލެއް ނޫނެވެ. ދިވެހި ޒުވާނުންގެ އުންމީދުތައް ގުޅިފައިވަނީ ބައިނަލްއަގުވާމީ މާލީ ނިޒާމާ ފުރިހަމައަށް ގުޅިލާމެހިފައިވާ، ހުރަސްތަކެއް ނެތް ޑިޖިޓަލް އިގްތިސާދަކާއެވެ. މިކަން ހާސިލުކުރުމަށްޓަކައި، ޕޭޕަލްގެ ފުރިހަމަ މާޗަންޓް ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފުކުރުމަށާއި، ބޭންކުތަކުގެ ޑޮލަރު ގޭޓްވޭތައް އާންމު ވިޔަފާރިތަކަށް ހުޅުވާލުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ މަޝްވަރާކުރަމުންނެވެ.