ޞިޔާސަތުތައް ކުއްލިއަކަށް ބަދަލުކުރުމަކީ މާޒީގައި ވެސް ދައުލަތްތަކަށް އޭގެ ހިތި ނަތީޖާއާ ކުރިމަތިލާންޖެހިފައިވާ ކަމެކެވެ. ރައްޔިތުންގެ ޞިއްޙަތާއި ދައުލަތުގެ އާމްދަނީއާ ގުޅިފައިވާ ނިންމުންތައް އެއް ރެއިން އަނެއް ރެޔަށް ބަދަލުވުމުން އުފެދޭނީ ނުތަނަވަސްކަމެވެ. ދާދި ފަހުން ދިވެހި ސަރުކާރުން ސިނގިރޭޓުން ނަގާ ޑިއުޓީއަށް ގެންނަން ނިންމި ކުއްލި ބަދަލަކީ ވެސް މިފަދަ ކަމެކެވެ. "ސަން" އޮންލައިންގެ އެޑިޓޯރިއަލް ޓީމުން ގެނެސްދޭ ވީކްލީ ޝޯ، "އެޑިޓަރުންގެ ވަށްމޭޒު" ގެ ތިން ވަނަ އެޕިސޯޑުގައި ވަނީ މި މައްސަލައިގެ އެންމެ ފުންމިނަށް ފީނައި، ސިނގިރޭޓުގެ އަގު ދެގުނަ ހެޔޮކުރުމުން ނުކުންނާނެ ނަތީޖާތަކަށް އަލިއަޅުވާލައިފައެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހު ސަރުކާރުން ވަނީ ސިނގިރޭޓަކުން ނަގާ ޑިއުޓީ 3.50 ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކޮށްފައެވެ. އެއާއެކު 110 ރުފިޔާއަށް ލިބެމުންދިޔަ ސިނގިރޭޓު ފޮއްޓެއްގެ އަގު 250 ރުފިޔާއަށް އުފުލިގެން ދިޔައެވެ. ނަމަވެސް، ކުއްލި ގޮތަކަށް ސަރުކާރުން ވަނީ މި ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ނިންމައިފައެވެ. ސަރުކާރުން ބުނި ގޮތުގައި މިއީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފާގެ މަތިން ނިންމި ނިންމުމެކެވެ. އެހެންނަމަވެސް، މިކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް އެ ޖަމްޢިއްޔާއިން އެއްވެސް ޖަވާބެއް ދީފައިނުވާކަން އެޑިޓަރުންގެ ވަށްމޭޒުގައި ވަނީ ފާހަގަކޮށްފައެވެ.
މި ބަދަލުގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ނުކުތް ނަތީޖާތައް ގޯހެވެ. ވަގަށް ސިނގިރޭޓު އެތެރެކުރުމާއި އަމިއްލައަށް ސިނގިރޭޓު އޮޅައިގެން ބުއިން ވަނީ އިންތިހާއަށް އިތުރުވެފައެވެ. މިއީ ޞިއްޙީ ގޮތުން ބެލިޔަސް މާ ނުރައްކާތެރި ކަމެއްކަން ޞިއްޙީ މާހިރުން އަންނަނީ ފާހަގަކުރަމުންނެވެ.
މަޖިލީހުގެ ތަޅުމުގައި ވެސް މިކަމުގެ ބަހުސްތައް ވަނީ ހޫނުވެފައެވެ. ބައެއް މެންބަރުން ސިފަކުރެއްވި ގޮތުގައި މިއީ ލަދުވެތި ދުވަހެކެވެ. އެއްވެސް ދިރާސާއެއް ނެތި، ކުއްލިއަކަށް ނިންމި ނިންމުމެއްގެ ސަބަބުން އިޔާދަނުކުރެވޭނެ ފަދަ ގެއްލުންތަކެއް ލިބިގެންދިޔަ ކަމެއްކަން އެޑިޓަރުންގެ ވަށްމޭޒުން ވަނީ ސާފުކޮށްދީފައެވެ. ޞިއްޙަތު ރައްކާތެރިކުރުމުގެ ނަމުގައި އެޅި ފިޔަވަޅު، އެންމެ ފަހުން ބަދަލުވެގެން ދިޔައީ ކަޅު ބާޒާރަށް ފައިދާވި، އަދި ދައުލަތުގެ އާމްދަނީއަށް ވެސް ބޮޑު އުނިކަމެއް ގެނުވި ކަމަކަށެވެ. އަދި ކުއްލިއަކަށް ދެ ގުނަ ސިނގިރޭޓް އަގު ހެޔޮ ކުރުމަކީ އެ އިސްތިޢުމާލު ކުރާނެ މީހުން އިތުރުވާނެ ކަމެއްކަން ޔަގީނެވެ.