ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ ދަރަންޏަށް ލުއި ދިނުމާ ގުޅޭ ގޮތުން އެ ގައުމާ އެކު މަޝްވަރާކޮށްފިއެވެ.
އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުންގެންދަވާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިއްޔެ، އެ ގައުމުގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާ ބައްދަލުކުރެއްވިއެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން އިންޑިއާގެ ވިއޯން ނޫހުން ޒަމީރާ ކުރި ސުވާލެއްގައިވަނީ، ރާއްޖޭގެ ދަރަންޏަށް ލުއި ދިނުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިތޯ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ، ކުރީ ސަރުކާރު ވެރިކަމާ ހަވާލުވީއިރު ގައުމުގެ ދަރަނި އޮތީ 60 ބިލިއަން ރުފިޔާގައި ކަމަށްވީ ނަމަވެސް އެ ވެރިކަން ނިމުނުއިރު ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
"އޭގެ ތެރެއިން ބޮޑު ބައެއް ދައްކަން ޖެހެނީ އިންޑިއާއަށް، އެހެންވެ، [ދަރަންޏަށް ލުއި] ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން އަޅުގަނޑުމެންނަށް ޖެހުނު،" އޭނާ ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީން ނެރެފައިވާ، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ ދަރަނީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ދައުލަތުން އިންޑިއާއަށް ދައްކަން ޖެހޭ ދަރަނި 6.28 ބިލިއަން ރުފިޔާ (406 މިލިއަން ޑޮލަރު)އަށް އަރައެވެ.
ދަރަނީގެ މަޝްވަރާތައް އިންޑިއާއާ އެކު ކޮށްފައިވަނީ، މި އަހަރުގެ ކުރީކޮޅު ނައިބު ވަޒީރުންތަކެއް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކުރި މައްސަލައިގައި ދެ ގައުމުގެ މެދުގައި އަދިވެސް ނުތަނަވަސްކަން އޮތް ދަނޑިވަޅެއްގައެވެ.
އެ މައްސަލައިގައި ރާއްޖެ ބޮއިކޮޓްކުރަން ގޮވާލައި އިންޑިއާގެ މަޝްހޫރު ފަންނާނުން ހިމެނޭ ގޮތަށް ކެމްޕެއިނެއް ކުރިއަށްގެންދިޔައިރު، މި އަހަރުގެ ފުރަތަމަ ހަތަރު އެ ގައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅައިބަލާއިރު 42 އިންސައްތަ ދަށް ކަމަށް ތަފާސްހިސާބުން ދައްކައެވެ.
ޒަމީރު ވަނީ ނައިބު ވަޒީރުން ފާޅުކޮށްފައިވާ ޚިޔާލަކީ ސަރުކާރުގެ ވިސްނުން ނޫންކަން ފާހަގަކުރައްވައި، އެފަދަ ކަމެއް ތަކުރާރުނުވާނެކަން ޔަގީންކުރުމަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.