މިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރާ ދިމާކޮށް އޭރު ޕީޕީއެމް/ޕީއެންސީން ހިންގި އެންމެ ބޮޑު އެއް ކެމްޕޭން ކަމަށްވާ 'އިންޑިއާ އައުޓް' ކެމްޕޭނާ ގުޅުވައި އިންޑިއާގެ ވިއޯން ނޫހަށް ދިން އިންޓަވިއުއެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ނޫހަށް ދައުވަތުދެއްވައިފިއެވެ.
އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން ވިއޯން ނޫހާ ވާހަކަދައްކަވަމުން ޚަލީލް ވަނީ 'އިންޑިއާ އައުޓް'އަކީ ޔާމީންގެ ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ.
ޔާމީންގެ އާ ޕާޓީ، ޕީއެންއެފްގެ މަސައްކަތްތަކުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވަނީ ރާއްޖެ ވަޑައިގެން ސީދާސީދަލަށް ޔާމީނާ އެކު އިންޓަވިއެއްކުރައްވަން އެ މަނިކުފާނު ވިއޯން ނޫހަށް ދައުވަތުދެއްވައި ކަމަށް ވިދާޅުވެ، އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.
ވިއޯން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ނޫހުން މިހާރު ވަނީ ވީހާ ވެސް އަވަހަކަށް އޮންލައިން އިންޓަވިއުއެއް ހަމަޖައްސަވައިދެއްވަން އެދިފައެވެ.
ވިއޯން ނޫހަށް ދެއްވި އިންޓަވިއުގައި ފޮރިން މިނިސްޓަރު ޚަލީލް ވަނީ އިންޑިއާ އައުޓަކީ ޔާމީންގެ އިސްނެންގެވުމަށް ހިންގި ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ. މިހާރު އެ މަނިކުފާނު ހުންނެވީ ޕީއެންސީ/ޕީޕީއެމް ދޫކޮށް ވަޑައިގެންކަން ފާހަގަކުރައްވައި ޚަލީލް ވަނީ މިހާރު އެ މަނިކުފާނުގެ ފިކުރުތަކާއި ޕީއެންސީއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސިފަކުރައްވައިފައެވެ.
"އަޅުގަނޑުމެންނާއި، ކުރީގެ ރައީސް [ޔާމީން]އާ އޮތް ގުޅުމަކީ މުޅިން ތަފާތު ގުޅުމެއް. މިހާރު އެ މަނިކުފާނު ހުންނެވީ [މަންޒަރުން] މުޅިން ބޭރުގައި. އަދި މިވަގުތު މަސައްކަތް ކުރައްވަމުން ގެންދަވަނީ ސަރުކާރާ ދެކޮޅަށް،" ޚަލީލް ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ފަހު ޚަލީލް ވަނީ މި ސަރުކާރުން އިންޑިއާއަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ދެއްވައިފައެވެ. އަދި، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވަނީ އިންޑިއާއާ ގުޅިގެން އެކުއެކީގައި މަސައްކަތްކުރައްވަން ކަމަށް ޚަލީލް ވިދާޅުވިއެވެ.
އިންޑިއާ އައުޓް ކެމްޕޭނަކީ އިދިކޮޅުގައި ޕީޕީއެމް/ޕީއެންސީ އޮތްއިރު ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލަންޖެހޭ ކަމަށް ބުނެ ފެށި ކެމްޕޭނެކެވެ. އެ ކެމްޕޭންގައި އެންމެ އިސްކޮށް އުޅުއްވީ ވެސް ޔާމީނެވެ. އެ މަނިކުފާނު ވަނީ 'އިންޑިއާ އައުޓް' ޓީޝާޓް ތުރުކުރައްވައިގެން ރަށްރަށަށް ވަޑައިގެން ވެސް އެ ކެމްޕޭން ހިންގަވާފައެވެ.
މި ސަރުކާރުން ވެސް ވެރިކަމަށް އައީ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ ވައުދާ އެކުއެވެ. މި ސަރުކާރުން ވަނީ އެ ވައުދު ފުއްދިއްޖެކަން އިއުލާނުކޮށްފައެވެ. އެކަމަކު، ޔާމީން ގެންދަވަނީ އެއީ އޮޅުވާލުމެއް ކަމަށް ސިފަކުރައްވަމުންނެވެ. އަދި، ކުރިން ވެސް ތިބި ގޮތަށް ރާއްޖޭގައި އިންޑިއާ ސިފައިން އަދިވެސް އެބަތިބި ކަމަށް އެ މަނިކުފާނު ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ.