ޒަމީރަށް ޖައިޝަންކަރު ހަނދާންކޮށްދެއްވީ ރާއްޖެއަށް ކޮށްދިން ކަންކަން

ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ބައްދަލު ކުރެއްވުން-- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހީންގެ ލާބައަށް ޓަކައި އިންޑިއާއިން ރާއްޖެއަށް ވެދިން އެހީތަކާއި، ކޮށްދިން ކަންކަން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިއަދު ހަނދާން ކޮށްދެއްވައިފިއެވެ.

މިހާރު ޒަމީރު އިންޑިއާއަށް ކުރައްވަމުން އަންނަ ރަސްމީ ދަތުރުފުޅަކީ މި ވެރިކަމުގައި ދިވެހި ސަރުކާރުގެ އިސް ވެރިއަކު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ކަމަކީ، މިއަދު ޖައިޝަންކަރާއެކު އޮތް ބައްދަލުވުމެވެ.

މި ބައްދަލުވުމުގައި ވާހަކަ ފައްޓަވަމުން އެންމެ ފުރަތަމަ ވެސް ޖައިޝަންކަރު ހަނދާންކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ވެދިން އެހީތަކެވެ.

"ވަރަށް ގާތް ދެ އަވަށްޓެރިންގެ ގޮތުގައި، ދެ ގައުމުގެ ގުޅުން ބިނާވެފައިވަނީ ދެ ގައުމަށް ވެސް މުހިންމު ކަންކަމުގެ މައްޗަށް،" ޖައިޝަންކަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެ ތަރައްގީކޮށްދިނުމުގައި އެންމެ ގާތް އެއް ބައިވެރިޔާ ކަމަށެވެ. އެގޮތުން އިންޑިއާއިން ރާއްޖޭގައި ހިންގި މަޝްރޫއުތަކުގެ ސަބަބުން ދިވެހީންނަށް ގިނަ ފައިދާތަކެއް ލިބުނު ކަމަށާއި، ދިވެހީންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނުވައިފައިވާ ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

އެއީ އުމްރާނީ ތަރައްގީގެ އެކި މަސައްކަތްތަކާއި، އިޖްތިމާއީ އެކި މަސައްކަތްތަކާއި މެޑިކަލް އިވެކުއޭޝަނާއި އެ ނޫން ވެސް އެކި މަސައްކަތްތަކުގެ ތެރެއިން ކަމަށް ޖައިޝަންކަރު ފާހަގަކުރެއްވިއެވެ.

"ހަމައެއާއެކު އަޅުގަނޑުމެން ވާނީ މީގެ ކުރިން ފައިސާގެ އެހީ ވެސް ފައިދާވާނެ ގޮތަށް ފޯރުކޮށްދީފައި. ރާއްޖޭގެ އެކި ކަންކަމުގައި އިންޑިއާއަކީ އެންމެ ފުރަތަަމަ އިޖާބަ ދިން ގައުމު،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ދެ ގައުމު ގުޅިގެން ކުރި މަސައްކަތުގެ ސަބަބުން އެކި ކުށްތައް ވެސް މަދުކުރެވިފައިވާ ކަމަށާއި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގައި ވެސް އެހީތެރި ވެފައިވާކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދު ދުނިޔޭގެ މަސްރަހު ބަދަލުވަމުން އަންނަ ގޮތަށް އަލިއަޅުއްވައިލައްވަމުން ޖައިޝަންކަރު ވިދާޅުވީ، މިއަދު ދުނިޔެ އޮތީ ނާޒުކު ހާލަތެއްގައި ކަމަށެވެ.

"މި ފަދަ ހާލަތެއްގައި، މީގެ ކުރިން ފެނުނު ކޮވިޑުގެ ހާލަތުގައި ވެސް އޮތްހެން، ގުދުރަތީ ކާރިސާތަކާއި، އިގްތިޞާދީ އުނދަގޫތަކުގެ ތެރޭގައި އަވަށްޓެރި ގައުމުތަކާ ގާތް ގުޅުން ބޭއްވުމަކީ އިންޑިއާއަށް އެންމެ އިސް އެއް ކަންތައް،" ޖައިޝަންކަރު ފާހަގަކުރެއްވިއެވެ.

އެއާއެކު ޖައިޝަންކަރު ވަނީ މިނިސްޓަރު ޒަމީރުގެ ރަސްމީ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ވަފުދަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ބޭއްވޭ އެ ބައްދަލުވުމަކީ ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުމާމެދު މަޝްވަރާކޮށް ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ފާހަގަކުރައްވައިފައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންފަހުން، އިންޑިއާއާއެކު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އޭގެ އެއް ސަބަބަކީ ރާއްޖޭގައި ހަރަކާތްތެރިވަމުން އައި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުވުމަށް ސަރުކާރުން މަސައްކަތް ފެށުމެވެ.

ހަމައެއާއެކު މިހާރު ސަރުކާރުގައި ތިބި އިސްވެރިން މީގެކުރިން އިންޑިއާގެ ވެރިންނަށް ކީ ފާޑުކިޔުން ވެސް އޭގެ ސަބަބެއްގެ ގޮތުގައި ހިމެނެއެވެ.

comment ކޮމެންޓް