ރާއްޖޭގެ ނޫސްވެރިކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމްދަނީއެއް ހޯދަން އޮތް ގޮންޖެހުންކަން ފާހަގަކުރައްވައި ދައުލަތުގެ ބަޖެޓުން ނޫސްތަކަށް ފައިސާ ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.
ދުނިޔޭގައި ފާހަގަކުރާ ބައިނަލްއަޤުވާނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބެއްގައި ރައީސް ވަނީ މާލީ މިނިވަންކަން ހޯދަން ނޫސްތަކަށް އެހީތެރިވާނެކަމުގެ ޔަގީންކަން އަރުވައިފައެވެ.
"ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ލިބޭ އެއްޗަކުން ދެކޮޅު ޖެހޭނެ އާމްދަނީއެއް ހޯދަން އޮތް ދަތިކަމެވެ. ދައުލަތުގެ ބަޖެޓުން ނޫސްމީޑިއާތަކަށް ކަނޑައެޅޭ ވަކި ޢިނާޔަތެއް ދިނުމަށް އަޅުގަނޑުމެން ވާނީ އިސްނަގައިފައެވެ،" ޚިތާބުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
"ސަރުކާރުގެ ސިޔާސަތުތަކަށް ތާއީދުކުރާ އަޣްލަބިއްޔަތެއް އޮތް ރައްޔިތުންގެ މަޖިލީހަކާ އެކު އިރާދަކުރެއްވިއްޔާ މި އިސްނެގުމުގައި ޙަޤީޤީ ކުލަ ޖައްސާނަމެވެ،"
އެ މަނިކުފާނު ވިދާޅުވީ، ނޫސްވެރީން މަސައްކަތް ކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރަން ވެވަޑައިގެން ވައުދު ވެސް ފުއްދަވާނެ ކަމަސެވެ. އަދި، މީޑިއާތަކަށް ތައުލީމާއި ތަމުރީނުގެ ފުރުސަތުތައް އިތުރުކޮށްދެއްވައި، ދާއިރާ އިތުރަށް ފުޅާކުރަން ބައިނަލްއަޤުވާމީ މީޑިއާއާއި ދިވެހި މީޑިއާގެ ގުޅުން ބަދަހިކޮށްދޭން ސަރުކާރުން އިސް ނަގާނެ ކަމަށެވެ.
ރައީސް މުއިއްޒު ވަނީ އާމްދަނީ ލިބުން ދަތިވުމުގެ ސަބަބުން ރޭޑިއޯ ޚަބަރާއި ޗާޕުކޮށްގެން ނޫސް މަޖައްލާ ނެރުން ފަދަ ކަންކަން ހުއްޓެމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
"ސަރުކާރުގެ އަމާޒަކީ، ޓީވީ، ރޭޑިއޯ، ކަރުދާސް އަދި އިންޓަރނެޓާއި ޒަމާނީ ޓެކްނޮލޮޖީއާ އެކު ކުރިއަރަމުން އަންނަ ހުރިހާ ބާވަތެއްގެ ނޫސްވެރިކަމަށް ވެސް ފަހި މާޙައުލެއް ރާއްޖޭގައި ދެމެހެއްޓުމެވެ،" އެ މަނިކުފާނުގެ ޚިތާބުގައި ވިދާޅުވިއެވެ.
ޤައުމެއްގެ ދެމިއޮތުމާއި ކުރިއެރުމުގައި ނޫސްވެރީންގެ ބައިވެރިވުމާއި ޚިދުމަތް، ވަރަށް މުހިންމުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ރެޔާއިދުވާލު ހިނގަމުންދާ ކަންކަމުގެ ޚަބަރު ހޯދައި ފޯރުކޮށްދިނުމާއި، މުޖުތަމަޢު ހޭލުންތެރިކުރުވުމާއި، ސަރުކާރާއި ރައްޔިތުންނާ ދެމެދު ގުޅުވައިދިނުމާއި، ދައުލަތުގެ ކަންކަން ހިނގާ ނުހިނގާގޮތް ރައްޔިތުންނަށް ބުނެދިނުމާއި، ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމުގައި ވެސް ނޫސްވެރީންގެ ދައުރު ބޭނުންތެރި ކަމަށެވެ.
އެހެންވެ، ނޫސްވެރީންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭން ސަރުކާރުން ޙާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ޒަމާނަށް އައި ބަދަލާ އެކު، މީސްމީޑިއާގެ މަންސަތައް ބޭނުންކޮށްގެން ކޮންމެ މީހަކަށް ވެސް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު ތަންމިނަށް ހުޅުވިފައި އޮތްކަން ފާހަގަކުރައްވައި ރައީސް މުއިއްޒުގެ ޚިތާބުގައި ވިދާޅުވީ، ޚަބަރުތައް ފަތުރާއިރު ކަމުގެ ތެދު ދޮގު ކަށަވަރުކުރަން ސަމާލުވާން ޖެހޭ ކަމަށެވެ.
"ދުލުން ނުވަތަ ގަލަމުން ކޮށްލެވޭ ޒަޚަމެއްގެ ސަބަބުން އަޅާ ވޭނާއި، އުފެދޭ ނުތަނަވަސްކަމުން، އަންދާޒާ ނުކުރެވޭވަރުގެ ބޮޑެތި ގެެއްލުން މުޖުތަމަޢަށް ލިބިގެން ދިޔަ ނުދިނުމަށްޓަކައެވެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ ނޫސްވެރީންގެ ވާޖިބު އަދާކުރުމުގައި އިޚުލާސްތެރިވެ، ރައްޔިތުން އެދޭ އަމާޒަށް ގައުމު ގެންދިއުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރަން އެދިވަޑައިގެންފައެވެ.