ދައުލަތުގެ މާލިއްޔާއިން ސަރުކާރުގެ ކެމްޕޭނަށް 100 މިލިއަން ހޭދަކޮށްފި: ޞާލިޙް

ކުރީގެ ރައީސް ޞާލިޙާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު: ޞާލިޙް ވިދާޅުވީ ސަރުކާރާ މެދު އެންމެން މާޔޫސްވެއްޖެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

ދިވެހި ދައުލަތުގެ މާލިއްޔާއިން ރައްޔިތުންގެ މަޖިލީސް ކެމްޕޭނަށް މި ސަރުކާރުން 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް މިއަދު ތުހުމަތުކުރައްވައިފިއެވެ.

އެމްޑީޕީގެ މަޖިލީސް ކެމްޕޭން ނިންމަން ބޭއްވި ހިނގާލުމަށް ފަހު އާޓިފިޝަލް ބީޗުގައި ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ޞާލިޙް ވަނީ މި ސަރުކާރުން ކުރާ ޚަރަދުތަކުގެ ތަފުސީލުތައް ހާމަނުކުރާ ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެ މަނިކުފާނު ވިދާޅުވީ، މަޖިލީސް އިންތިޚާބުގެ ކެމްޕޭނަށް ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރިއިރު މުޅި ރާއްޖެއިން ފެނުނީ މި ސަރުކާރާ މެދު މާޔޫސްވެފައި ތިބި މިންވަރު ކަމަށެވެ.

އެމްޑީޕީން ބޭއްވި ހިނގާލުމުގައި ޞާލިޙް: އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުން ދައުލަތުގެ މާލިއްޔާއިން ކެމްޕޭން ކުރަނީ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

"ކޮންމެ ދިމާލަކުން އަޅުގަނޑަށް ފެންނަނީ މާޔޫސްކަން. ރައީސް ޑރ. [މުހައްމަދު] މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަންވެގެންވީ ވައުދުތައް ފުއްދަމުން ނުދާތީ އެ ކަމާ ކަންބޮޑުވެފައި ތިބިތަން. މިކަން ބަދަލުކުރަން ޖެހިއްޖެކަން އެންމެންނަށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އެންމެންގެ ފަރާތުން އަޑުއުފުލަމުން އެބަދޭ،" ޞާލިޙް ނުރުހުން ފާޅުކުރައްވަމުން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރަށް ފަސް މަސް ވެގެންދިޔައިރު ސަރުކާރު ހިނގަމުންދާގޮތުގެ މައުލޫމާތު ރައްޔިތުންނަށް ނޭނގޭ ކަމަށެވެ. ހާއްސަކޮށް މާލީ ކަންކަން ހާމަނުކުރާ ކަމަށް ވިދާޅުވެ، ޞާލިޙް ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

"މި ވޭތުވެދިޔަ ތިން ހަފުތާ ތެރޭގައި ދައުލަތުގެ މާލިއްޔަތާ ބެހޭ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނެތް،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އެނގޭ ކަމަކީ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުކޮށްފިކަން. މީގެ ތިން ހަފުތާ ކުރިން ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި ހަމައެކަނި މުސާރައަށް 450 މިލިއަނަށްވުރެ ގިނަ ރުފިޔާ އިތުރަށް ހަރަދުކޮށްފި މިދިޔަ އަހަރުގެ ތިން މަހާ ބަލާއިރު،"

އެމްޑީޕީގެ ހިނގާލުމުގައި ސަރުކާރަށް ފާޑުކިޔާފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

ޞާލިޙް ތުހުމަތުކުރެއްވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ބޭބޭފުޅުންގެ ކެމްޕޭން ދަތުރުފުޅުތަކަށް މި ސަރުކާރުން ވަނީ ދައުލަތުގެ މާލިއްޔާއިން 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ. އެ ކަންކަމާ ގުޅިގެން ސުވާލުކުރުމުން ވެސް ޖަވާބެއް ނުދޭ ކަމަށާއި އެ ކަންކަން ހަމަ މަގަށް އެޅުވޭނީ އެމްޑީޕީއަށް މަޖިލީސް ލިބިގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓުދެއްވައިފި ނަމަ އެ ދެވެނީ ތަރައްގީއާ އިދިކޮޅަށްދެވޭ ވޯޓެއް. މަޝްރޫއުތައް ހުއްޓުވުމަށް ދެވޭ ވޯޓެއް. ފުލެޓުތައް އެ މީހުން ބޭނުން ގޮތަކަށް ބަހައިލަން ދެވޭ ވޯޓެއް. ގޯތިތަކުގެ ލިސްޓަށް ބަދަލުގެންނަން ދެވޭ ވޯޓެއް،" އެމްޑީޕީއަށް މެޖޯރިޓީ ލިބޭނެ ކަމަށް ލަފާކުރައްވަމުން ޞާލިޙް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ރާއްޖެތެރޭ ރަށްރަށް ތަރައްގީކުރުމުގެ ވިސްނުމެއް ވެސް މި ސަރުކާރުގެ ނެތް ކަމަށެވެ.

މަޖިލީސް އިންތިޚާބުގެ ކެމްޕޭން ނިންމާލަން އެމްޑީޕީން މިއަދު ބޭއްވި ހިނގާލުމުގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

ހާއްކޮށް ކުދި ރަށްރަށް ބާކީކުރަން ފަށާފައިވާ ކަމަށް އެ މަނިކުފާނު ތުހުމަތުކުރެއްވިއެވެ. މާލޭ ރައްޔިތުންނަށް ވެސް ދައްކަނީ "ދަޅަ"އެއް ކަމަށް ޞާލިޙް ވިދާޅުވިއެވެ. މި ސަރުކާރުގެ ރަސްމާލެ މަޝްރޫއުން އެކަން ސާފުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އާދިއްތަ ދުވަހު އޮންނަ މަޖިލީސް އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޓިކެޓުގައެވެ. އެ ޕާޓީން ޖުމުލަ 90 ދާއިރާއަށް ވާދަކުރައްވާއިރު، އެމްޑީޕީގެ ޓިކެޓުގައި ކެންޑިޑޭޓުން ވާދަކުރައްވަނީ 89 ދާއިރާއަކަށެވެ.

ޖުމުލަ 368 ކެންޑިޑޭޓުން ވާދަކުރާ މަޖިލީސް އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބުކުރާނެއެވެ.

comment ކޮމެންޓް