އިންޑިއާ ސިފައިންތަކެއް ދިވެހިރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ދިވެހި މަސް ދޯނިތަކަކަށް އެރީ 'މިސްކޮމިއުނިކޭޝަން'އެއްގެ ސަބަބުން ކަމަށް ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ޖެނުއަރީ 31 ގައި އިންޑިއާ ސިފައިން ވަނީ ދިވެހި ތިން މަސް ދޯންޏަކަށް އަރައިފައެވެ. އެއީ، އަސުރުމާ 3، މާހޯރަ 3، ނިރު 7 އެވެ. އޭގެ ފަހުން، ޖެހިގެން އައި ދުވަހު ވެސް އިންޑިއާ ސިފައިން މާހޯރަ ދޯންޏަށް އެރި ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ މައްސަލައިގައި މިއަދު ވަނީ ޣައްސާން މަޖިލީހަށް ހާޒިރުކޮށްފައެވެ.
މަޖިލީސް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ ސިފައިން އެރީ މިސް ކޮމިއުނިކޭޝަންއަކުން ކަމަށް އެ ގައުމުން ރަސްމީކޮށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި، އެއީ ތެދު ވާހަކައެއް ކަމަށް އޭނާ ވެސް ގަބޫލުކުރައްވާ ކަމަށް ޣައްސާން ވިދާޅުވިއެވެ.
"އެ ދުވަހުގެ ބޯޑިން ހަރަކާތް ހިނގީ މިސްކޮމިއުނިކޭޝަންއަކާ ހެދި ކަމަށް ރަސްމީ މަސްދަރުތަކުން މައުލޫމާތު ދެއްވާފައި އެބައޮތް،" މަޖިލީހުގެ ޖަލްސާގައި ވަޒީރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ދުވަހުގެ އޮޕަރޭޝަންގެ މައުލޫމާތު ދިވެހި އަސްކަރިއްޔާއަށް ފޯރުކޮށްނުދީ އެ އޮތީ މިސްކޮމިއުނިކޭޝަން އެއްގެ ސަބަބުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި، އާންމުކޮށް އެފަދަ އޮޕަރޭޝަންތައް ހިންގާނަމަ އެއް ގައުމުން އަނެއް ގައުމާ އެކު މުއާސަލަތު ކުރެވޭނެ ހަރުދަނާ ނިޒާމެއް އޮންނަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެކަމަކު، މަސް ދޯނިތަކަށް ބޯޑުކުރި އިންޑިއާގެ އަސްކަރީ ޓީމާ ހަވާލާދީ ވަޒީރު ވިދާޅުވީ، އެ ޓީމުން ސަބަބެއް ކަމަށް ބުނަނީ މަސްވެރިން ސެޓަލައިޓް ފޯނު ބޭނުންކުރުން ކަމަށެވެ.

ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން: ވިދާޅުވީ އިންޑިއާ ސިފައިން މަސް ދޯނިތަކަށް އެރީ މިސްކޮމިއުނިކޭޝަންއަކުން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް
"އެހެންނަމަވެސް ބޯޑިން ޓީމްތަކުން ދިން މައުލޫމާތުގައި އެރި ސަބަބެއް ކަމަށް ބަޔާންކުރައްވާފައިވަނީ ސެޓަލައިޓް ފޯން އެ ދޯނިތަކުގައި ބޭނުންކުރާތީ، އެ ހުރިތޯ ކަށަވަރުކުރުމަށްޓަކައި... ސެޓަލައިޓް ފޯން ބޭނުންކުރާތީ އެއީ އެ މީހުން ގަބޫލުކުރާ ގޮތުގައި ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ ބޯޑުކުރީ،" ވަޒީރު މިއަދު ވިދާޅުވިއެވެ.
"އެހެންނަމަވެސް އެއީ އިންޑިއާގެ ސަރަހައްދުގެ ތެރޭގައި ސެޓަލައިޓް ފޯނު ބޭނުންކުރުން... ދިވެހިރާއްޖޭގައި އެއީ ބޭނުންކުރެވޭ ފޯނެއް،"
އިންޑިއާ ސިފައިން ހަތިޔާރާ އެކު ރާއްޖޭގެ ތިން މަސް ދޯންޏަކަށް އެރީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގެ ތެރެއިންނެވެ. އެ މީހުން ވަނީ މަސްވެރިންގެ ފޯނުތައް ވެސް ޗެކްކޮށްފައެވެ. އަދި، އިންޑިއާ ސިފައިން ހަރަކާތްތެރިވާ ވީޑިއޯތަކާއި ފޮޓޯތައް ވެސް ޑިލީޓްކުރިއެވެ. ވަޒީރު ވެސް މިއަދު އެކަން ކަށަވަރުކޮށްދެއްވިއެވެ.
އިންޑިއާ ސިފައިން ބޯޑުކުރި ތިން މަސް ދޯނި ވެސް ހަރަކާތްތެރިވެފައިވަނީ ރާއްޖޭގެ ސަރަހައްދުގައިކަން ވަޒީރު ވެސް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.