ގާނޫނު ބަދަލުނުކޮށް، މުސާރަތައް ކުޑަކުރެވެން ނެތް ކަމަށް ލަފާދޭން ކޮމިޓީން ނިންމައިފި

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: އެ ކޮމިޓީން ނިންމީ މުސާރަތައް ބޮޑުކުރެވެން ނެތް ކަމަށް ލަފާދޭން -- ފޮޓޯ/ މަޖިލީސް

ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރަތައް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް މި ވަގުތު އެކަން ކުރެވެން ނެތް ކަމަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.

ޚަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ތެރެއިން ބައެއް މުވައްޒަފުންގެ މުސާރަތައް ކުޑަކުރަން ރައީސް ވަނީ ނިންމަވާފައެވެ.

ރައީސް އިއުލާނުކުރެއްވީ:

  • ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރަން
  • މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރަން
  • ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުން
  • މެންބަރުންގެ މުސާރައިގެ 10 އިންސައްތަ އުނިކުރުން
  • ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ގިނަވެގެން ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން
  • ރައީސްގެ މުސާރައިގެ 50 އިންސައްތަ ނުނަންގަވަން ނިންމެވުން

https://www.sun.mv/202386

ސަރުކާރުގެ ފަރާތުން ވަނީ އެ ފިޔަވަޅުތަކަށް ރުހުން ހޯދަން މަޖިލީހަށް ހުށަހަޅާފައެވެ.

އެ އިސްލާހީ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީން ނިންމީ މިހާރު ގާނޫނު އޮތް ގޮތުން ރައީސް ނިންމެވި ގޮތަށް މުސާރަތައް ކުޑަކުރެވެން ނެތް ކަމަށް ލަފާދޭށެވެ. އެ ގޮތަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު ތާއީދުކުރެއްވިއެވެ. ކޮމިޓީން އެ ހުށަހެޅުން ފާސްކުރީ ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.

އެހެންވެ، ކޮމިޓީން ވަނީ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ފަހު އެ ހުށަހެޅުން ހުށަހެޅުއްވުމަށް ލަފާދޭން ނިންމައިފައެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޓީން ނިންމީ މުސާރަތައް މި ވަގުތު ކުޑަކުރެވެން ނެތް ކަމަށް -- ފޮޓޯ/ މަޖިލީސް

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބޭރުގެ މާލީ އިދާރާތަކުން ވެސް އަންނަނީ ޚަރަދުތައް ކުޑަކުރަން ތަކުރާރުކޮށް ނަސޭހަތްތެރިވަމުންނެވެ. އެހެން އެކަން އޮއްވައި ވެސް ޚަރަދުތައް ކުޑަވާތަން ނުފެންނަކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ.

މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން އިއްޔެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް ވަނީ އެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އޭނާ ވިދާޅުވީ، މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށާއި މިދިޔަ މަހު ވެސް ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އަދި، ޚަރަދު ވެސް ކުޑަވާތަން ނުފެންނަކަން ފާހަގަކުރައްވައި އޭނާ ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސަރުކާރުން ވަނީ ޚަރަދުތައް ކުޑަކޮށް، މާލީ އިސްލާހީ ފިޔަވަޅުތަކާ އެކު އިގުތިސާދީ ހާލަތު ރަނގަޅުވާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

comment ކޮމެންޓް