ޑްރޯންތައް ދުއްވަން ބޭރު ގައުމެއްގެ ސިފައިންނެއް ނުތިބޭނެ: ރައީސް

އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ލޯންޗުކޮށްދެއްވުމަށްފަހު ރައީސް ޑރ. މުއިއްޒު ބައްލަވައިލައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި އަސްކަރިއްޔާގައި މި މަހު 15ގައި ފެށި ވައިގެ ފޯސްގެ ހިދުމަތުގައި ބޭނުންކުރާ އަސްކަރީ ޑްރޯންތައް ދުއްވަން ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ނުތިބޭ ކަމަށާއި ނުވެސް ތިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ސިލްސިލާގައި މާލެ ސިޓީ، މއ.ނައިޓްލައިޓް، މުޙައްމަދު އިޙްސާން ވަނީ ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އަލަށް ގެނައި ޑްރޯންތައް ދުއްވުމާ އޮޕަރޭޓްކުރުމުގެ ކަންކަމުގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭނެތޯ ސުވާލު އުފައްދައިފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބޭގޮތަށް އެއްވެސް ސިޔާސަތެއް ނުގެންގުޅޭނެ ކަމަށެވެ.

"އިހަށް ދުވަހު މި ތައާރަފުކުރި ސިފައިންގެ އެއާކޯ ސާވިސްގައި ވެސް އަދި އޭގެ ދަށުން ދުއްވަން ފެށި ޔޫއޭވީތައް، ޑްރޯންތައް ދުއްވުމުގައި ނުތިބޭނެ ބޭރުގެ ސިފައިންނެއް. ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނެއް އެ ކަމަށް އެހީތެރިވާން ވެސް ރާއްޖެއަކު ނުތިބޭނެ، " އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ޑްރޯންތައް ދުއްވަން މިހާރު ތިބެނީ ހުސް ދިވެހީން ކަމަށެވެ.

އަދި، އެ މަސައްކަތްކުރަން ބޭނުންވާ އަސްކަރީ ތަމުރީންތައް ހަދަން މިހާރު ވެސް ދިވެހި ސިފައިންގެ ބެޗެއް ތުރުކީގައި ވެއްޖެ ކަމަށާއި އިތުރު ބެޗްތަކުން ވެސް ތަމުރީން ހާސިލުކުރަން ތުރުކީއަށް ދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ދިވެހި ސިފައިން ހަމަ ފުލީ ހުރިހާ ކަމެއް ވެސް އެ ޑްރޯންތައް ދުއްވުމުގައި ކުރާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު ތެރޭގައި މި ސަރުކާރުން ވީ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ކުރިން ސިފައިން އޮޕަރޭޓުކުރި ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވައިލުމެވެ.

https://sun.mv/189856

މި ސަރުކާރުން އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު މިހާރު ވަނީ އަނބުރާ ގައުމަށް ގޮސްފައެވެ. އަދި، އެ މީހުންގެ ބަދަލުގައި ރާއްޖެ އަންނަ އާންމުންގެ ފުރަތަމަ ބެޗު ވެސް މިހާރު ވަނީ ރާއްޖެ އައިސްފައެވެ.

ޒަމާންތަކެއް ވަންދެން އެހެން ގައުމުތަކުގައި އެހީގައި ރާއްޖޭގެ ބޯޑަރު ބަލަހައްޓަމުން އައި އައުން ނިމުމަކަށް ގެނެސް ސިފައިންގޭގައި ވައިގެ ފޯހެއް ގާއިމުކޮށް، ދިވެހީން އަމިއްލައަށް ބޯޑަރު ބަލަހައްޓަން ފެށީ މި މަހު 15 ވަނަ ދުވަހުއެވެ.

ރާއްޖެ ގެނައި ޑްރޯންތަކުގެ ދިގުމިނުގައި ހަ މީޓަރު، ފިޔަގަނޑުގައި 12 މީޓަރު ހުންނަ ގާތްގަނޑަކަށް 700 ކިލޯގެ މި އުޅަނދުގައި މުވާސަލާތީ ހިދުމަތްތަކުގެ ރޭންޖު 300 ކިލޯމީޓަރާ ހަމައަށް ހުރެއެވެ. އަދި، 150 ކިލޯގެ ޕޭލޯޑް ކެޕޭސިޓީއެއް ލިބިގެންވެއެވެ.

އެންމެ ޒަމާނީ އާލާތްތަކާ އެކު އުދުއްސޭ މި ޑްރޯން 70 އާއި 120 ނޮޓުގެ ސްޕީޑުގައި 27 ގަޑިއިރަށް ވުރެ ގިނައިރު ދުއްވޭނެއެވެ. އަދި، 25،000 ފޫޓަށްވުރެ މަތިން ދުއްވުމުގެ ގާބިލުކަން ވެސް މި ޑްރޯންގައި ހުރެއެވެ.

ސާޖިކަލް ޕްރިޒިޝަން ސްޓްރައިކްތައް ހެދުމުގެ ގާބިލުކަން ލިބިފައިވާ މި ޑްރޯން އޮޕަރޭޓްކުރާނީ އެމްއެންޑީއެފްގެ ހާއްސަ ޓީމަކުންނެވެ.

comment ކޮމެންޓް